ހަބަރު

ލަންކާ ކޮލެޖެއްގައި މާރާމާރީ ހިންގައި ދިވެހި ދަރިވަރަކު ޒަހަމްކޮށްލައިފި

Oct 12, 2017
5

ލަންކާގެ ސްކޫލެއްގައި ދިވެހި ދަރިވަރުންތަކެއްގެ މެދުގައި މިއަދު ހިނގި މާރާމާރީއެއްގައި ދިވެހި ކުއްޖަކު ޒަހަމްވެއްޖެ އެވެ. އެ މާރާމާރީގައި ލަންކާގެ ދެ ކުއްޖަކު ވެސް ވަނީ ޒަހަމްވެފަ އެވެ.

ޒަހަމްވެފައި ވަނީ ގއ ކަނޑުހުޅުދޫ ރީލްމަންޒިލް އުމުރުން 15 އަހަރުގެ ނާސިއު ހަނީފެވެ.

ޒަހަމްވި ކުއްޖާގެ އާއިލާގެ މެންބަރަކު މިއަދު "އަވަސް"އަށް ބުނި ގޮތުގައި މާރާމާރީ ހިނގީ އެ ކޮލެޖްގައި ކިޔަވާ އެހެން ދިވެހި ދަރިވަރުންތަކަކާ ދެމެދުގަ އެވެ. އަދި އެ ދަރިވަރުންގެ މެދުގައި މައްސަލަ ޖެހުނީ ކޮންސެޓެއް ފަރިތަކުރަން އުޅުމުގެ ތެރޭގައި ކަމަށް އާއިލާއިން ބުންޏެވެ. އާއިލާއިން ބުނި ގޮތުގައި މި ހިނގި މާރާމާރީގައި ނާސިއުގެ ބުރަކައްޓަށް ވަނީ ކަތުރަކުން ހަމަލާދީފަ އެވެ.

"އާއިލާއަށް ޑޮކްޓަރު މައުލޫމާތު ދެނީ ހާލު ސީރިއަސްކަމަށް،" އާއިލާގެ މެންބަރު ބުންޏެވެ. ނާސިއުއަށް ފަރުވާދެމުން އަންނަނީ ކަޅުބޯވިލާ ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލަށް މިހާރު ވަނީ ހައި ކޮމިޝަންގެ އޮފިޝަލުން ވެސް ގޮސްފަ އެވެ.