ހަބަރު

މެޑިކަލް ކޮލެޖަކީ ބޮޑު ކުރިއެރުމެއް: ދުންޔާ

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހެލެތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމަށް ހެލްތް މިނިސްޓަރުގެ ލަފާގެ މަތިން އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުންދާ ދުންޔާ އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަށް މެޑިކަލެއް ކޮލެޖެއް މުހިންމު ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. ރާއްޖޭގައި މެޑިސިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ގިނަ ކުދިންތަކެއް ތިބި ނަމަވެސް ހަރަދު ބޮޑުވެ، އެ ފުރުސަތު ނުލިބި ތިބި ކުދިން ވަރަށް ގިނަ ކަމަށެެވެ.

"ރާއްޖޭގައި މެޑިސިން ކިޔަވަން ބޭނުންވާ ކުދިން ފުރުސަތު ހޯދުން ދަތިވެފައި މި އޮންނަނީ، ވަރަށް ބޮޑެތި ހަރަދުތައް ކޮށްގެން އެކި ގައުމުތަކަށް އެބަދޭ، ފުރުސަތު ނުލިބޭތީ އެހާ ފެންވަރު ރަނގަޅު ނޫން ގައުމުތަކުން ވެސް ކިޔަވައިގެން އެބަ އާދޭ، އެހެންވެ އަޅުގަނޑުމެން ލިބެން ބޭނުންވާ ކޮލިޓީގެ ޑޮކްޓަރުން ނުލިބި ވެސް އެބަދޭ، އެހެންވީމަ އެގޮތަށް ބަލާއިރު ވެސް ރާއްޖޭގަ ތިބެގެން އެ ކުދިން އާއިލާއާއެކު ތިބެގެން ކިޔަވަން ފުރުސަތު ލިބުމަކީ ވަރަށް މުހިންމު ކުރިއެރުމެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ރާއްޖޭގައި ނަރުހުން ތަމްރީނުކުރާތާ ވެސް އެތައް އަހަރުތަކެއްވެއްޖެ ކަމަށާއި ރާއްޖޭގެ ނަރުހުންނަކީ ފެންވަރު ރަނގަޅު ބައެއްކަން އެހެން ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށެވެ. އެހެންކަމަށްވާއިރު ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫން، އެއީ އަޅުގަނޑުމެންގެ ތެރޭގައި ބޭފުޅުން އެބަ ތިއްބެވި ކިޔަވައިދެއްވަން، ދިވެހި ޑޮކްޓަރުން ވެސް އެބަ ތިއްބެވި މިހާރު ވަރަށް ރަނގަޅު ހިދުމަތް ދެއްވާ، އަޅުގަނޑުމެން ބޭނުން ވަނީ ވަސީލަތްތަކާއި ކަރިކިއުލަމް އެކުލަވާލައި އެކީ އެކައްޗަކަށް ރަނގަޅު ބޭފުޅެއްގެ ބެލުމުގެ ދަށުން މިކަން ފަށައިގަތުން،" ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމަށް ޕާކިސްތާން ސަރުކާރުން ފަސް މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. ދުންޔާ ވިދާޅުވީ، އެއީ ފަށައިގަތުމަށް ވަރަށް ރަނގަޅު ފައިސާގެ އަދަދެއް ކަމަށެވެ. މުސްތަގުބަލުގައި ވަކި އިމާރާތެއް އަޅައި މި ތަމްރީނު ކުރިއަށް ގެންދިޔުމަކީ ވެސް ދެކޭ އުއްމީދެއްކަން ދުންޔާ ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް ކުދި ފިޔަވަޅު އަޅައިގެން ދެއްތޯ ބޮޑެތި ކަންކަން ހާސިލުކުރެވޭނީ، މި އަންނަ އަހަރުގެ ކުރީގެ ކޮޅު ނުވަތަ ފުރަތަމަ ހާފުގައި އަޅުގަނޑުމެންނަށް މި މަސައްކަތް ފަށައިގަނެވޭނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ، އެ މެޑިކަލް ކޮލެޖް ވާނީ ގައުމީ ޔުނިވާސިޓީގެ ބަޔަކަށް،" ދުންޔާ ވިދާޅުވި އެވެ.

މި ސަރުކާރުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން ކަމަށް މި އަހަރުގެ ޖެނުއަރީ މަހު ހެލްތް މިނިސްޓްރީގެ ނައިބެއްހެ މަގާމަށް ވަޑައިގެންނެވި ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިސްވެ މަސައްކަތް ކުރައްވަނީ އިންޓަނޭޝަނަލް ހެލްތްގެ ރިސާޖް އެންޑް ޕޮލިސީ ޕްލޭނިންގަ އެވެ. ދުންޔާ ދެކެލައްވާ ގޮތުގައި ދިރާސާއަކީ ޕޮލިސީތައް ހަރުދަނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ދިރާސާކޮށްގެން ނޫނީ ޕޮލިސީތައް އެކުލަވާލަން އުނދަގޫވާނެކަން ދުންޔާ ފާހަގަކުރެއްވި އެވެ.

ހެލްތް ރިސާޗް ޕޮލިސީއެއް މި އަހަރު ހެލްތް މިނިސްޓަރު ލޯންޗުކޮށްދެއްވިކަން ދުންޔާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭއެއް ހެދުމުގެ މަސައްކަތް ދުންޔާ އިސްވެ ހުންނަވައިގެން ދަނީ ކުރައްވަމުންނެވެ. ދުންޔާ ވިދާޅުވި ގޮތުގައި އެ ސާވޭ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށެވެ. އަންނަ އަހަރު މުޅި ރިޕޯޓް ނެރެވޭވަރުވާނެ ކަމަށާއި އޭގެން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގަތް ފަހުން އެކަމަނާގެ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން ސަރުކާރުގައި ހުންނަވައިގެން ދުންޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ފާރިސްއާ ބައްދަލުކުރެއްވުމަށް ކޯޓަށާއި ޖަލަށް ވަޑައިގެންފައިވެ އެވެ.