ހަބަރު

ރަޝީދުގެ މަރު އެޗްއާރްސީއެމްއިން ތަހުގީގު ކުރަނީ

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މޭޑޭ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ޖަލަށްލީ އަބްދުﷲ ރަޝީދު ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ތަހުގީގުކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރު ހައްވާ ވަޖުދާ ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަން ފެށީ އެ ކޮމިޝަނުން އިސް ނަގައިގެން ކަމަށެވެ.

އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ގިނަ ތުހުމަތުތަކެއް ދަނީ ކަރެކްޝަނަލް ސާވިސްއަށް ކުރަމުންނެވެ. އާއިލާއިން ވެސް ވަނީ އަބްދުﷲ ރަޝީދުގެ ބޭސް ފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި، އަބްދުﷲ ރަޝީދާއެކު ޖަލުގައި ހުރި އެހެން ގައިދީއަކު ވެސް ވަނީ މެސެޖެއް އާންމުކޮށް އަބްދުﷲ ރަޝީދާމެދު އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ.

އަބްދުﷲ ރަޝީދު ހައްޔަރުކުރި އިރު އޭނާއަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން އައި މީހެއްނޫން ކަމަށެވެ. އަދި އޭނާއަކީ ސިއްހަތު ރަނގަޅު ޖާނުން ވަރުގަދަ މީހެއް ކަމަށެވެ. އޭނާގެ ބަލި ހާލު ދަށްވެ، އެކަމާ އަޅާލުމަށް އެކިފަހަރުމަތިން އެދުމުންވެސް އެކަމާ އަޅާލާފައިނުވާ ކަމަށް އަބްދުﷲ ރަޝީދުގެ އާއިލާއިން ހިއްސާކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފައިވެ އެވެ.