ހަބަރު

ވަކި އިންޖެކްޝަނެއް، ބޭހެއް ދޭން މަޖުބޫރެއް ނުކުރަން: ކަރެކްޝަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގޮތް ނޭނގޭ އިންޖެކްޝަނެއް ދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޖުބޫރުކުރަމުންދާ ކަމަށް އޭނާގެ އާއިލާއިން ބުނާ ބުނުމަށް ކަރެކްޝަނަލް ސާވިސްއިން ރައްދު ދީފި އެވެ.

ކެރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްވެސް ގައިދީއަކަށް ވަކި ފަރުވާއެއް ދިނުމަށް އެ އިދާރާއިން މަޖުބޫރުނުކުރާ ކަމަށެވެ. ޖަލުގައި ތިބޭ ގައިދީން ޑޮކްޓަރަށް ދައްކަނީ އެ ގައިދީއަކު އެކަމަށް އެދުމުން ކަމަށާއި ޑޮކްޓަރާ ކުރާ މުއާމަލާތް ވެސް އެ ގައިދީއަކު ކުރަނީ އަމިއްލައަށް ކަމަށެވެ.

"އެ މީހަކަށް ވަކި ބޭހެއް ދިނުމަށް ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް މި ސާވިސްއިން ޑޮކްޓަރުންނަށް ނާންގާނެ، ވަކި ބާވަތެއްގެ އިންޖެކްޝަނެއް ނުވަތަ ސްކޭނެއް ހެދުމަށް ވެސް މި ސާވިސްއިން ނުނިންމާނެ، އެފަދަ ހުރިހާ ކަމެއް ނިންމާނީ އެ ގައިދީއަކު ނުވަތަ ބަންދުމީހާ ބަލާ ޑޮކްޓަރު،" ބަޔާނުގައި ބުންޏެވެ.

ނޫސް ބަޔާނުގައި އިތުރަށް ކަރެކްޝަނަލް ސާވިސްއިން ބުނީ، ވަކި ޑޮކްޓަރަށް ގައިދީއަކު ދައްކަން ވެސް އެ އިދާރާއިން ނާންގާނެ ކަމަށެވެ. ޖަލުގައި މެޑިކަލް އޮފިސަރު، ގައިދީއަކު ޑޮކްޓަރަށް ދައްކަން އަންގައިފިނަމަ އައިޖީއެމްއެޗްގައި ނަން ނޯޓްކުރާ ކަމަށާއި އެ ގައިދީއަކު ދައްކާނެ ޑޮކްޓަރެއް ނިންމަނީ އައިޖީއެމްއެޗްއިން ކަމަށެވެ.

ބައެއް ފަރުވާތަކަކީ އާއިލާގެ ހުއްދަ ހޯދަންޖެހޭ ފަރުވާތަކަށްވާއިރު އެ ހުއްދަ އާއިލާއިން ނުދީފިނަމަ އެ ފަރުވާއެއް ނުދޭނެ ކަމަށާއި އެކަމަށް ކަރެކްޝަނުން މަޖުބޫރު ވެސް ނުކުރާނެ ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް ކަންކަން އެހާ ސާފުކޮށް ހުރިއިރު ވެސް އެ އިދާރާގެ އަގު ވައްޓާލަން މަސައްކަތްކުރާކަން ފާހަގަކުރަމުން އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އަދީބުގެ އާއިލާއިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އަދީބަށް އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ހުއްދަ ހޯދަން ލިޔުމެއްގައި ސޮއިކުރަން އާއިލާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުމުގައި ސޮއިކުރުމަށް އާއިލާއިން ދެކޮޅު ހެދުމުން އަދީބުގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވާ ކަމަށް އެ އާއިލާއިން ބުންޏެވެ. އަދީބަށް އެ އިންޖެކްޝަން ދެނީ ކޮން ކަމަކާ ގުޅިގެންކަން ސާފުނުވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.