ހަބަރު

އަލްގީންގެ މައްޗަށް ކުރާ ޚިޔާނާތުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

Apr 26, 2015

ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް ދައުލަތުން ކުރާ ޚިޔާނާތުގެ ދައުވާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

މިހާރު އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަލްގީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާ މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވިއިރު ބޭރުގެ ކުންފުންޏެއް ކަމަށްވާ ޖެމްސްޓެކުން ސަރުކާރަށް ދައްކަން ފޮނުވި 2.2 މިލިއަން ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ އޭނާ ބޭނުންކުރި ކަމަށް ބުނެއެވެ.

އެ މައްސަލައިގައި އަލްގީން ކުށްވެރިނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވާހަކަ ދައްކައި ނިމުމުން އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ އަލްގީންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް ބާތިލްކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާގެ މައްޗަށް އަދަބު ކަނޑައަޅައި ދިނުމަށެވެ. ދައުލަތުން ބުނީ އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް އަލްގީން އެއްބަސްވެފައި އެ ފައިސާ ވީ ގޮތެއް އޭނާއަށް ބުނެ ނުދެވޭއިރު ވެސް ދަށު ކޯޓުން އެކަމަށް ރިއާޔަތް ނުކުރާ ކަމަށެވެ. އެ ފައިސާއަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ފާހަގަކޮށް، ދައުލަތުން ބުނީ އެ ފައިސާ ދައުލަތުގެ މާލިއްޔާއަށް ވަނދެފައިނުވާ ކަމަށެވެ.

އެ ފައިސާއަށް އަލްގީން ޚިޔާނާތްތެރިވި ކަމަށް ބުނެ އެ ފައިސާ ޖަމާކުރި ޖެމްސްޓެކުން އެއްވެސް ޝަކުވާއެއް ނުކުރާ ކަމަށް ދަށު ކޯޓުގެ ހުކުމުގައި ބުނެފައިވާ ބުނުމަށް ރައްދުދީ ދައުލަތުން ބުނީ ޚިޔާނާތުގެ ކުށް ސާބިތުވުމަށް އެ ފައިސާގެ ވެރިފަރާތުން ޝަކުވާކުރަން ލާޒިމް ނުވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާއެއް މީހެއްގެ މިލްކުވެރިކަމުގެ ދަށަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ ފައިސާތައް ފޮނުވަން އަންގައި ފޮނުވި އިންވޮއިސްތަކުގައި ވެސް އެއްބަސްވުމުގެ މާއްދާތަކާ ހަވާލާ ދިނުމަށް ފަހު އެ ފައިސާތައް އަލްގީންގެ އެކައުންޓަށް ޖަމާކުރަން ލިޔެފައި އޮތުމުން އެކަމުގައި އޭނާގެ ކިބައިގައި ޖިނާއީ ގަސްދެއް އޮތްކަން ދަލީލުކޮށްދޭ ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި އަލްގީންގެ ވަކީލް ހަސަން ފަލާހު ވިދާޅުވީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެއީ އެ ޖެމްސްޓެކުން ރާއްޖޭގައި ކުރާ ޚަރަދުތަކަށް ހޭދަކުރަން އަލްގީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށެވެ. އެ ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވާ ކަމަށް ފާހަގަކޮށް، ފަލާހު ވިދާޅުވީ އެ ފައިސާއަކީ ދައުލަތުގެ ފައިސާއެއް ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މީގެ އިތުރުން އެ ފައިސާ ގެއްލިގެން ޖެމްސްޓެކުން އެއްވެސް ޝަކުވާއެއް ނުކުރާއިރު އެގޮތަށް ދައުވާ ނުކުރެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަހުގީގުގައި އަލްގީނަށް އެއްވެސް ހައްގުތަކެއް ދީފައެއް ނުވެއެވެ. އެ މައްސަލަ ތަހުގީގު ކުރިއިރު އަލްގީން ތަހުގީގަށް ގެންދިޔައީ ވެސް މައުލޫމާތެއް ސާފުކޮށްލަން ކަމަށް ބުނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޚިޔާނާތްތެރިވާ މުދަލުގެ އަގު ނުވަތަ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ މަތިވާ ނަމަ އެއް މަސް ދުވަހުގެ މުއްދަތެއް ހުކުމުގެ ތެރެއަށް އިތުރުވަމުންދާނެ އެވެ. އެހެންވެ އަލްގީންގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް އަރުވާލަން ނުވަތަ ޖަލަށްލާން ހުކުމްކުރާނެ އެވެ.