ރައްޔިތުންގެ މަޖިލިސް

އިދިކޮޅު ފަރާތްތަކުން ބަޖެޓް ބަހުސުން ބޭރުވެއްޖެ

މި އަހަރަށް ކަަނޑައަޅާ ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރަން މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެންބަރުން ބައިވެރިވެވަޑައި ނުގެން ބޮއިކޮޓްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާތަކަށް ފަހު މިއަދާ ހަމަޔަށް ބޭއްވި ކޮންމެ ޖަލްސާއެއްގައި އިދިކޮޅު ފަރާތްތަކުން ގެންދިޔައީ އިހުތިޖާޖުކޮށް ޖަލްސާތައް އާންމު އުސޫލުން ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅަމުންވެ. ނަމަވެސް މަޖިލީހުގެ އިދާރީ މޭޒާ ހަމައިން "ފާރެއް" ލުމުން ހަޅޭކާއެކުވެސް ޖަލްސާތައް ކުރިޔަށް ގެންދެވެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި ދުވަސްތަކަކަށް ފަހު މަޖިލީހުގައި މެންބަރުންގެ ބަހުސްތައް އާންމު އުސޫލަކަށް ފެތިފައި އޮތް މަންޒަރު ފެނުނެވެ. މިކަމާ ގުޅޭ ގޮތުން އިދިކޮޅު މެންބަރެއްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މަޖިލީހުގެ ކޯރަމް ހަމކޮށްގެން މިއަދުގެ ޖަލްސާތައް ފަށާފައިވާ ކަމަށާއި މަޖިލީހުގެ މުސާރައާއި އިނާޔަތްތައް ނަގަމުން އަންނަ މެންބަރުންތަކެއް މަޖިލީހުގެ ބޭރުގައި އެހެން މަސައްކަތްތަކެއްގައި އުޅުއްވާ ކަމަށެވެ.

"ކޮންމެހެން ނުޖެހޭ މިތާ ކުރިމަތީގައި އަޑުގަދަ ކުރާކަށް، އަދިވެސް މި ފެންނަނީ ރިޔާސަތުގައި އަޅުގަނޑުމެންގެ މަޖިލިސް ރައީސް އަބްދުﷲ މަސީހު އިންނެވިތަން، އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނިހާން ވިދާޅުވި އެވެ.