ހަބަރު

މޭޑޭ ގައި މުޒާހަރާ ބާއްވަން އުޅެނީ ސުލްހަވެރިކޮށެއް ނޫން: ފުލުހުން

Apr 27, 2015
1

މިހާރު ކަންތައްތައް ފެންނަ ގޮތުން މޭ ޑޭއާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ ހަރަކާތް ސުލްހަވެރި ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ހަރަކާތާ ގުޅޭ ގޮތުން އެމްޑީޕީއާ އެކު ފުލުހުން ބޭއްވި ބައްދަލުވުމުގައި، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވި ކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ އެއްވުމާ ގުޅޭގޮތުން އިވޭ އަޑުތަކަށާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އެ ހަރަކާތް ގެންދަނީ ސުލްހަވެރިކޮށް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ޝަރީފް ވިދާޅުވި ގޮތުގައި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ގެންދަވަނީ ތަފާތު ގޮތްގޮތަށް އިންޒާރުދީ ދިވެހިންގެ އިސްތިގުލާލާއި މިނިވަންކަމަށް ހުރަސް އެޅޭނެ ފަދަ ވާހަކަތައް ވެސް ދައްކަމުން ކަމަށެވެ.

"ބައެއް ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ވާހަތައްވެސް ދެކެވެމުންދާކަމަށާއި އެހެންނަމަވެސް އެފަދަ ކަންތައްތަކަށް ފުލުހުން އެއްވެސް ގޮތަކަށް ފުރުސަތެއް ނުދެއްވާނެ،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައި ޕާޓީތަކުން ޝުއޫރު ފާޅުކުރުމަށް ހަރަކާތްތައް ހިނގަމުންދާއިރު އެ ހިނގަމުންދާ ހަރަކާތެއްގެ ޒިންމާ ނަގާނެ މީހަކު ނުވަތަ ބަޔަކު ރަނގަޅަށް ސާފުކޮށް އެނގުން މުހިންމެވެ. އެއްވެސް ކަމަކާމެދު މަޝްވަރާ ކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ފަރާތްތަކާއެކު މަޝްވަރާކުރެވިގެން ކަންކަން ސުލްހަވެރިކޮށް ކުރިއަށް ގެންދިޔުމަށް ވެސް ޝަރީފް އެދިވަޑައިގަތެވެ.

"އެއްވެސް ހަރަކާތެއްގެ ތެރެއިން، ޤާނޫނީ އިމުން ބޭރުވެ، އެހެން މީހުންގެ ޙައްޤުތަކަށް އުނިކަން އަންނަ ނަމަ އެ ހަރަކާތެއް ހުއްޓުވުމަށް ފުލުހުން ޤާނޫނީ ފިޔަވަޅު އަޅުމަށް ފަސް ނުޖެހޭނެ،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.