ލައިފްސްޓައިލް

ހިތް ހަލާކުވުމަކީ ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް!

Nov 18, 2017

ހިތް ހަލާކުވުމަކީ ޒުވާން އުމުރަށް އަޅައިގެން އަންނައިރު މަދު މީހަކަށް ނޫނީ ސަލާމަތް ނުވެވޭ ކަމެކެވެ. ޒުވާން އުމުރު ނޫނުނަސް އުމުރުގެ ކޮންމެވެސް ހިސާބަކުން އެކަމާއި ކުރިމަތިލާން ނުޖެހޭ މީހެއް ހުރެދާނެހެނެއް ހިއެއް ނުވެ އެވެ. ހިތެއް ފިސް ފިސްވެ ހަލާކުވާނީ ހަމައެކަނި ލޯބީގައެއް ނޫނެވެ. އެ ހިތް ހަލާކުވުންތަކުން އެކި މީހުންނަށް އަސަރުކުރަނީވެސް އެކި ވަރަށެވެ.

އެކަމުން އަރައިގަންނަން ބައެއް މީހުން އަހަރުތަކެއް ހޭދަވާއިރު އަނެއް ބަޔަކަށް މަދު ދުވަސްތަކެއްގެ ތެރޭގައިވެސް އަރައިގަނެވިދާނެ އެވެ. އެކަންކަމަކީ ގިނަ މީހުން މާބޮޑު ސަމާލުކަމެއް ދޭ ކަމެއްެވެސް ނޫނެވެ. ހާއްސަކޮށް ލޯބީގައި ޖެހި ހަލާކުވާ ހިތްތަކަށް ވަގުތާއެކު ފަރުވާ ލިބޭނެ ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ.

ހިތް ހަލާކުވުމަކީ އެހާ ފަސޭހައިން ދޫކޮށްލައިގެންވާނެ މައްސަލައެއް ނޫނެވެ. އެއީ ހާޓް އެޓޭކެއް ޖެހުމުން މީހާއަށް ލިބޭނެ މިންވަރަށް ހިތް ހަލާކުވެގެންވެސް ގެއްލުން ލިބިދާނެ އެވެ. ސައިންސްގެ ދިރާސާއަކުން މިވަނީ އެކަން ސާބިތުވެފަ އެވެ. އެ ބައްޔަށް ދީފައިވާ ނަމަކީ "ބްރޯކެން ހާޓް ސިންޑްރޯމް" އެވެ.

ހާޓް އެޓޭކެއް ޖެހުމުން ހިތުގައި ހުންނަ މަސްތަކުގެ ބާރު، ދެވަނަ ފަހަރަށް އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވޭ ވަރަށް ދަށްވެ އެވެ. ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ހިތް ހަލާކުވުންތަކުން ހިތަށް ލިބެނީ ވަގުތީ ގެއްލުންތަކެކެވެ. ފަހުން އެންމެ ފުރިހަމައަށް އަނެއްކާވެސް ބަދަލުވެ އެވެ.

އެހެން ނަމަވެސް ޔުނިވާސިޓީ އޮފް އަބާދީންގެ ސައިންޓިސްޓުންގެ ދިރާސާއަކުން މިވަނީ އެއީ ހާޓް އެޓޭކަކާއި އެއްވަރަށް ނުރައްކާ ކަމެއް ކަމަށް ދައްކާފަ އެވެ. ބްރިޓިޝް ހާޓް ފައުންޑޭޝަނުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ޑޮކްޓަރުންގެ ޓީމުން ވަނީ ބްރޯކެން ހާޓް ސިންޑްރޯމް ހުންނަ 37 ޕޭޝަންޓުން ގާތްގަނޑަކަށް ދެ އަހަރު ވަންދެން ބަލާ އެގްޒަމައިންކޮށްފަ އެވެ. އެ ދުވަސްވަރު އަލްޓްރާސައުންޑް އަދި އެމްއާރްއައި ސްކޭންތައް ބޭނުންކޮށްގެން އެމީހުން އެގްޒަމައިން ކޮށްފައިވެ އެވެ.

ހާވާޑް މެޑިކަލް ސްކޫލުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބްރޯކެން ހާޓް ސިންޑްރޯމް ޖެހޭ މީހުންގެ ތެރެއިން 90 ޕަސަންޓު މީހުންނަކީ އުމުރުން 58 އަހަރާއި 75 އަހަރާއި ދެމެދުގެ އަންހެނުންނެވެ.

އެ ބައްޔަށް ކުރެވޭނެ ދާއިމީ ފަރުވާއެއް އަދި މީހާތަނަށް ހޯދިފައެއް ނުވެ އެވެ.