ހަބަރު

އަޅުގަނޑުގެ ފަރާތުން ދެން އިމްރާނާ ވާހަކަ ދައްކަވާނީ އަދީބު: ރައީސް

Apr 28, 2015
1

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ސަރުކާރުގެ ފަރާތުން މަޝްވަރާ ކުރުމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

ރައީސް މިރޭ ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ އެކުވެސް އެކި ކަންކަމުގައި މިހިރީ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށެވެ. އެގޮތުން އިމްރާނާ ވެސް މީގެ ކުރިން ބައްދަލު ކުރައްވައި ހުދު އެމަނިކުފާނު ވެސް މަޝްވަރާ ކުރެއްވި ކަމަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެ މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އިމްރާން ދައްކަވާ ވާހަކަފުޅުތަކާއި ޝަކުވާތަކަކީ ކޮބައިކަން އެނގިވަޑައިނުގެންނެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ މިފަހަރު އެކަން މި ހަވާލު ކުރަނީ ޓުއަރިޒަމް މިިނިސްޓަރު އަދީބާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު މިރޭ ނިންމައިފިން، އިމްރާނަށް އަޅުގަނޑު ދައުވަތު އަރުވައިފިން ތިންވަނަ ބޭފުޅަކާ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވަން. އަޅުގަނޑުގެ ފަރާތުން އިމްރާނާ ދެން ވާހަކަފުޅު ދައްކަވާނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު،" ރައީސްގެ ވާހަކަފުޅު ނިންމާލެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

އަދީބު ވެސް އިންނެވި ހަފްލާގައި ރައީސް އެހެން ވިދާޅުވުމުން މުޅި ހޯލްތެރެ އަތްތިލަބަޑި ޖެހުމާއި ހުނުމުގެ އަޑުން ގުގުމާލި އެވެ. ރައީސް އެ މަސައްކަތަށް އަދީބު ހަމަޖެއްސެވި އިރު، މަޝްވަރާގެ މޭޒުދޮށަށް އައުމުގެ ޝަރުތެއް ކަމަށް އިމްރާން ވިދާޅުވެފައި ވަނީ އަދީބު އެ މަގާމުން ދުރުކުރުމެވެ. އަދީބަކީ އިކޮނޮމިކް ކޮމިޓީގެ ކޯޗެއާގެ އިތުރުން އެސްއީޒެޑް ބޯޑްގެ ޗެއާމަން ވެސް މެ އެވެ.

އެމަނިކުފާނު ވިދާޅުވީ މޭޑޭއަށް އެމަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެއީ ފާހަގަ ކުރައްވާ ދުވަހެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، އަދާލަތު ޕާޓީގެ މަދު ބަޔަކު ވެގެން ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން އެ ޕާޓީގެ މަގުސަދު މިހާރު މުޅިން ގެއްލިގެން ހިނގައްޖެ ކަމަށެވެ. އަދި އިމްރާން އެ ކުރައްވާ މަސައްކަތުން ނިކުންނާނެ ފައިދާއެއް ނަތީޖާއެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އަދާލަތު ޕާޓީގެ މެންބަރުން އެ ޕާޓީގެ ލީޑަޝިޕް ރަނގަޅު ކުރުމަށް ތެދުވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ދެކޮޅު ފަރާތްތައް ވަރަށް ހަމަ ނުޖެހޭ ގޮތަށް ސަރުކާރަށް ފާޑުކިޔަމުން އަންނަ ކަމަށެވެ. ނޭޕާލްއަށް މޯލްޑިވިއަންގެ ފްލައިޓް ނުޖެއްސުނު މައްސަލަ ވެސް ބޮޑުކޮށްލައިގެން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވީ، ކަތަމަންޑޫ އެއާޕޯޓް އެހީ ހިފައިގެންދާ ފްލައިޓްތަކުން ފުރިފައި އޮތުމުން ކަމަށް ވެސް ރައީސް ވިދާޅުވ އެވެ.

"މި ހުންނަނީ އަޅުގަނޑުމެން ދައްކަން ވަރަށް ދެކޮޅު ހަަމަ ނުޖެހޭ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

މަޝްރޫއެއް ނިންމޭނީ ވެސް ޕްރޮޖެކްޓެއް ފަށައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މަޝްރޫއުތައް ފެށުމުން އެކަމަށް ފާޑު ކިޔުމަކީ އުސޫލެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެން އޮންނާނީ މަޝްރޫއުތައް ނިންމައި އެކަން ފާހަގަ ކުރުން ކަމަށެވެ. އަދި މި ސަރުކާރުން މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.