ހަބަރު

ތިމަރަފުށީ ގެއެއް އަނދައި ހުލިވެއްޖެ

ތ. އަތޮޅު ތިމަރަފުށީ ގެއެއްގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެ އެވެ.

ފުލުހުން ބުނީ، ތިމަރަފުށީ ގެއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:20 އެހާއިރު ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވި ކަމަށެވެ. އަލިފާން ކޮންޓްރޯލްކުރެވުނުއިރު އެ ގެ އެއްކޮށް ވަނީ އަނދާފަ އެވެ.

އަލިފާން ނިވުނުއިރު އެ ގޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާއިރު ފާރުތައް ވެސް ފުނޑުފުނޑުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެ އެވެ. ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް އެ ރަށު ކައުންސިލުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.