ހަބަރު

ފަލަސްތީނުގެ ހައްގުތައް އެއްވެސް ބަޔަކަށް ނިގުޅައެއް ނުގަނެވޭނެ: އަދާލަތު

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާއިން ބަލައިގަތުމަކީ މުސްލިމުންގެ އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭފަދަ ނިންމުމެއް ކަމަށާއި އެއްވެސް ގައުމަކަށް އެ ހައްގު ލިބިގެންނުވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއިން ނިންމި ނިންމުމަކީ ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި ތިބި މުސްލިމުންގެ ދީނީ އަގީދާއާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އެކަން ކޮށްފައިވަނީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ހަމަޔާއި އިންސާފުން ބޭރުގައި ކަމަށެވެ. އަދި މުސްލިމުންގެ އަދި އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭފަދަ ފިޔަވަޅުތަކެއް އެޅުމަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ނުވަތަ ޖަމާއަތަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

އަދާލަތުން ބުނީ، އެމެރިކާގެ ނިންމުމުގެ ސަބަބުން ފަލަސްތީނާއި އިޒްރާއީލުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދަން ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ ކަމަށާއި އެދުއިރުމަތީގެ މަސްރަހުގެ ހަމަނުޖެހުން އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. އަދި އަރަބި އިސްލާމީ ގައުމުތަކުން ގޮވާލާ ގޮވާލުންތަކަށް އިޖާބަދީ އެ ނިންމުން ބަދަލުކޮށް ސުލްހައަށް މަގުފަހިވާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން އިންސާފުވެރިކަމެއްނެތް ޒިންމާދާރުކަންކުޑަ ނިންމުންތަކެއް ނިންމަމުންގެންދާނަމަ ބައިނަލް އަގުވާމީ ނިޒާމު ރޫޅި މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދިއުމުގެ ބިރު އެބައޮތް" ބަޔާނުގައި ވެއެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ރަސްމީކޮށް ކަނޑައަޅައި އެކަން ޓްރަމްޕް ވަނީ ރޭ އިއުލާން ކުރައްވައިފަ އެވެ. އަދި ތެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމުގެ އަމުރެއް ވެސް އޭނާ ވަނީ މިހާރު ނެރުއްވައިފަ އެވެ.