ހަބަރު

ރާއްޖޭގައި އިންވެސްޓް ކުރަން މިއީ އެންމެ ރަނގަޅު ވަގުތު: ރައީސް

ރާއްޖެ އާއި ޗައިނާގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރާ ދަނޑިވަޅަކީ ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ބިޒްނަސް ލީޑަރުންގެ ފޯރަމުގައި ރައީސް ވިދާޅުވީ، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެކޮނޮމީ އަކީ ކުޑަ އަދި ވިޔަފާރިތަށް ލިމިޓެޑް ގައުމެއް ކަމަށެވެ. ނަމަވެސް ކަން އޮތީ އެގޮތަށް ނޫން ކަމަށާއި ރާއްޖޭގެ މާކެޓް ރަނގަޅަށް ދަންނަ ބޭރުގެ އިންވެސްޓަރުންނަށް އެކަން ދޮގު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރީގެ މަޝްވަރާތަކުގެ އަލީގައި ޗައިނާ އާއެކު މިނިވަން އެއްބަސްވުން ގާއިމް ކުރުމާއި ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވޭނެ ކަމަށާއި އެ ނިންމުމާއެކު ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ޗައިނާގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކޮނޮމީ އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ޗައިނާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ޗައިނާގެ ނޫސްތަކުން ބުނާގޮތުގައި މި ދަތުރުފުޅުގައި އެފްޓީއޭގައި ސޮއިކުރަންވަނީ ނިންމާފަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޮޑަށް ފައިދާވާނީ ޗައިނާއަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އިތުރަށް ޗައިނާއަށް ދަރަނިވެރިވާނެ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓު އަދި އެކްސްޕޯޓު ވިޔަފާރިއަށް ކުރިއަރރާނެ ކަމަށާއި އަދި ދެ ގައުމުގެ އިގްތިސާދު ވަރުގަދަ ކޮށްދޭނެ ކަމަށް ޗައިނާގެ ނޫސްތައް ބުނެ އެވެ. އަދި ޗައިނާ ޓޫރިސްޓުން ގިނަ އަދަދަކަށް ރާއްޖެ އަންނައިރު ޓޫރިސްޓުންނަށް ޗައިނާގެ އުފެއްދުންތައް ހެޔޮއަގުގައި ރާއްޖެއިން ލިބޭނެ ކަމަށެވެ.