ހަބަރު

"އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖެ ކުރި ހޯދައިފި"

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ފަހުރުވެރިވާ ވަރުގެ ކާމިޔާބީތަކެއް ރާއްޖެ އާއި ރާއްޖެއން ބޭރުގައި ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިިނިސްޓަރު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމާއި ތައުލީމީ ދާއިރާއިން އެހެން ގައުމުތަކުން ތައުރީފް ކުރާ ވަރަށް ކާމިޔާބު ހޯދާފައިވާ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މީގެ ކުރިން ގާނޫނުތައް ފާސްކޮށް އަމަލު ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ކަންކަން ވަނީ ހައްދުފަހަނަ އަޅައި ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި އެގޮތުން ހަމަނުޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ފިތުނަފަސާދައިގެ ސަބަބުން އިންސާނީ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި އެންމެން އެކުގައި ގުޅިގެން ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުވަހުގެ ޝިއާރު ކަމަށްވާ ހައްގުތައް ހިމާޔަތް ކުރުމަށް އެންމެން ތެދުވެ، އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފާހަގަ ކުރަނީ 70 ވަނަ ބައިނަލް އަގުވާމީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ދުވަހެވެ. މިއަދުގެ ޝިއާރަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ތެދުވަންޖެހޭ މިއެވެ.