ހަބަރު

ހައްގުތަކުން މަހުރޫމް ވިޔަސް ރައްޔިތުންނަށް ޓަކައި ހުންނާނަން: ފާރިސް

ލިބެންޖެހޭ ހައްގުތައް ގެއްލި، އެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ މުއައްސަސާތަކުން ވެސް ޒިންމާ އަދާކުރަމުން ނުދާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ. ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ފަސްޖެހުމެއް ނެތި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ފާރިސް މަސައްކަތް ކުރައްވަން ފައްޓަވައި، އެ މަސައްކަތް ވަރުގަދަކުރި ހިސާބުން އޭނާ ވަނީ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކުރިތާ މިއަދަށް 150 ދުވަސްވީ އެވެ. މައްސަލާގެ ޝަރީއަތް އޮތީ މަޑުޖެހިފަ އެވެ. އަދި، އޭނާ ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލާގެ ހުކުމް އިއްވުން ވެސް ވަނީ ލަސްވެފަ އެވެ.

ފާރިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބަންދުގައި ގެންގުޅެމުންދާ އިދާރާތަކުންނާއި އަދި ރައްޔިތުންގެ މަޖިލީހުން ވެސް ކެނޑިނޭޅި ހުރަސްއަޅަމުންދާ ކަމަށެވެ. އޭގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތެއް ފާއިތުވެދިޔަ 150 ދުވަހުގެ ތެރޭގައި ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑު އިންތިހާބުކޮށްފައިވާ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަށް ދައުލަތުގެ އެކި މުއައްސަސާތަކުން ހުރަސްއަޅައި، ރައްޔިތުނެގް މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލާފައި ދާއިރާގެ ރައްޔިތުންގެ ހައްގު ނަގާލާފައިވުމަކީ، ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލުތަކެއް،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ބަންދުކުރި ފަހުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވުމުގެ ފުރުސަތުވެސް ރައްޔިތުންގެ މަޖިލީހުންނާއި ކަމާބެހޭ މުއައްސަސާތަކުން ދީފައެއް ނުވެ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އެ ފުރުސަތު ދިނުމަށް އަޑުއެހުމެއް ވެސް މެދުކަނޑާލި އެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްއިން އޭނާ މަޖިލީހަށް ހާޒިރުކޮށް ނުދިނެވެ. ފާރިސް ވިދާޅުވީ މަޖިލީހަށް ހާޒިރުވުމަށް ހުރަސްއެޅުމުގެ އިތުރުން ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތުވެސް ނިގުޅައިގަނެފައިވާ ކަމަށެވެ.

"ގާނޫނާ ހިލާފަށް އަޅުގަނޑު ބަންދުކުރުމާ ގުޅިގެން އަޅުގަނޑުގެ ހައްގުތައް ހިމާޔަތްކުރުމަށާއި ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އިޖާބަ ދީފައިނުވާއިރު، އެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އިން ދުރުވެ ނުވަތަ އެ ޒިންމާއަދާކުރެއްވުމަށް ނުކުޅެދިފައިވާކަން ފާހަގަކުރަން،" ފާރިސް ވިދާޅުވި އެވެ.

ބަޔާނުގައި ފާރިސް އިތުރަށް ވިދާޅުވީ، ދިއްގަރު ދާއިރާގައި ހިމެނޭ ދިއްގަރު، މަޑުއްވަރި، މުލި، ވޭވަށް، ރަތްމަންދޫ މިރަށްތަކުގެ ރައްޔިތުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ އެތަކެއް މަޝްރޫއުތަކެއް ހުރެމެ އެ މަޝްރޫއުތައް 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ފުރުސަތުވެސް ގެއްލި، ބަޖެޓާ ގުޅިގެން ދާއިރާގެ ރައްޔިތުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ނަގާލާފައިވާ ކަމަށެވެ. ގާނޫނާ ހިލާފަށް ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވުމާއެކު، ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް އަޅުގަނޑު ބަންދުކޮށްފައި ވީނަމަވެސް، ގާނޫނާ ހިލާފަށް ނިގުޅައިގަނެފައިވާ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ގާނޫނު ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ތިޔަ ލޮބުވެރި ރައްޔިތުންނަށް އަރުވަން، އަދި އަޅުގަނޑުގެ ދާއިރާއާއި ދިވެހި އެންމެހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުކުރަމުންދާ އިސްލާހީ މަސައްކަތްތަކުގައި އެއްވެސް ފަސްޖެހުމެއްނެތި ދެމިހުންނާނެކަމުގެ ޔަގީންކަން އެންމެހާ ލޮބުވެރި ރައްޔިތުންނަށް އަރުވަން،" ފާރިސް ވިދާޅުވި އެވެ.