ހަބަރު

ހުކުމެއް ނެތި ޖަލުގައި 150 ދުވަސް، ބޭއިންސާފުގެ އިންތިހާ!

ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެ މައްސަލާގައި ދައުވާ ވެސް ނުކުރަނީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރިތާ މިއަދަށް 150 ދުވަސް ހަމަވީ އެވެ. މިހާރު މައްސަލާގައި ދައުވާކޮށް، ޝަރީއަތް ފަށާފައިވީ ނަމަވެސް އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ހޭދަވެފަ އެވެ.

ފާރިސް ޖަލުގައި 150 ދުވަސް ރިޝްވަތު ފަދަ ކުށެއްގެ ތުހުމަތުގައި ހުކުމެއް ނެތި ހޭދަކުރައްވާފައިވާއިރު، އެކަން އިދިކޮޅު ފަރާތްތަކުން ސިފަ ކުރަމުން ދަނީ ސަރުކާރުން، ހިންގަމުންދާ ލާއިންސާނީ އަމަލެއްގެ ގޮތުގަ އެވެ.

ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެ 150 ދުވަސް ސިފަ ކުރެއްވީ، ބޭއިންސާފާއި އަނިޔާވެރިކަމުގެ 150 ދުވަސްގެ ގޮތުގަ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، 150 ދުވަހު، ފާރިސް ޖަލުގައި އެ ހުންނެވީ ސިޔާސީ ދައުވާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ފާރިސް މައުމޫން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނިވެރިޔާކަމުގެ ޝިކާރައަކަށްވެފަ ކަމަށާއި އަދި އެކަމަކީ ރާއްޖެއިން ޑިމޮކްރަސީ ނެތިކޮށްލަން ރައީސް ކުރައްވަމުންދާ ކަމެއްގެ ގޮތުގައި، ޝާހިދު ސިފަކުރެއްވި އެވެ.

ފާރިސްއާއެކު އިސްލާހީ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އުސޫލުތަކުން ވެސް ބޭރުންކަން އަދުލުވެރި އިންސާފުވެރި ޝަރީއަތްތަކުން ސާބިތުވާނެ ކަމަށެވެ. އެހާ ދުވަހު ޖަލުގައި ހުންނަންޖެހިފައި އެވަނީ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން ކަމަށް ވިދާޅުވި އެވެ.

ފާރިސްއާއެކު ޕީޕީއެމްއިން އެންމެ ފުރަތަމަ ނުކުމެވަޑައިގަތް، މަޑުއްވަރީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވިދާޅުވީ، ފާރިސްއަށް އިންސާފެއް ނުލިބޭ ކަމަށާއި އެކަމުން އެނގިގެން ދާނީ ލާއިންސާނީ އަނިޔާ ރާއްޖޭގައި އާންމުވެ ހައްދުން ނައްޓާފައި އޮތް މިންވަރު ކަމަށެވެ.

"ގައުމު އިސްލާހުކުރުމަށް ނުކުތުމުން ނުހައްގުން ޖަލުގައި 150 ދުވަސް، މި ދިވެހި ދައުލަތުގެ މިނިވަން މުއައްސަސާތައް ކޮބައިތޯ؟، ދައުލަތުގެ މި ޖަރީމާ ނުފެންނަނީތޯ، އަޑު ނީވެނީތޯ؟ ފާރިސް މައުމޫނަށް ނުހައްގުން ލިބެމުންދާ އަނިޔާތަކަށް ޒިންމާ ވާނީ ކޮން ފަރާތެއް،" ވިލިނގިލީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފާރިސްގެ ގާތް، ސައުދު ހުސެއިން ވިދާޅުވި އެވެ.

މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ، ހުކުމަކާ ނުލައި ހަމައެކަނި ތުހުމަތުތަކަށް ބަންދުކޮށްފައި ހުރުމަކީ ވަރަށް ހުތުރުކަން ބޮޑު އަނިޔާއެއް ކަމަށެވެ. މިކަމުގެ ޒިންމާ ރައީސް ޔާމީނާއި ފުލުހުން އަދި ޝަރުއީ ދާއިރާ ނަގަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ، ފާރިސްގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށްފަހު އޭނާގެ ދައްތަ، ޔުމްނާ މައުމޫން ވިދާޅުވެފައިވަނީ ފާރިސް އަދިވެސް ހުންނެވީ ސާބިތުކަމާއެކު، ވަރުގަދަކޮށް ކަމަށެވެ.

މިއަދު ފާރިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ނުހައްގުން ޖަލަށްލައި، ހައްގުތަކުން މަހުރޫމްކޮށްފައިވީ ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ރައްޔިތުންނާއެކު ފަސްޖެހުމެއް ނެތި ހުންނަވާނެ ކަމަށެވެ.

ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހުގެ އެންމެ މެންބަރަކަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ފުލުހުންގެ އިންޓެލް ރިޕޯޓަކާއި ރިޝްވަތު ހުށެހެޅި ކަމަށް ބުނާ މެންބަރުގެ ބަޔާނެއް ހުށަހެޅި އެވެ. އެ ދައުވާއަށް ފާރިސް ވަނީ އިންކާރު ކުރައްވާފަ އެވެ. ރިޝްވަތުގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށް ފާރިސް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.