ހަބަރު

ހާރިސް މަރާލި މައްސަލާގައި މީހަކަށް ދައުވާކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ، ޒަހަމްކޮށްލުމުގެ ސަބަބުން އުމުރުން 25 އަހަރުގެ ހާރިސް އަބްދުލް ޣަފޫރު މަރުވެފައިވާތީ، މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ހާރިސް އަބްދުލް ޣަފޫރު މަރުވެފައިވަނީ ޒަހަމްކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ މަރާލި މައްސަލާގައި ދައުވާކޮށްފައިވަނީ، ފުވައްމުލައް، ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ހާރިސް މަރުވި މާރާމާރީ ހިނގީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރާ، ހުޅުމާލެ ހާފުވޭ ހައުސްގެ ކައިރީގަ އެވެ. ހާރިސް އަކީ ހުޅުމާލެ ކުރިކީލަ މަގުގައި ހުންނަ އެ ހާފްވޭ ހައުސްގައި ޑްރަގް އެޑިކްޝަނަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނެކެވެ. އޭނާއަށް ވަޅި ހަމަލާދިނީ އޭނާ އެތަނުން ބޭރަށް ނިކުތް ވަގުތުގަ އެވެ. ހަމަލާދިނީ ގުރޫޕަކުންނެވެ.