ހަބަރު

ބޮޑުކޮށް ބިލްކޮށްގެން ފައިސާ ނުދޭނެ: އާސަންދަ

އެއްބަސްވުމާ ހިލާފަށް އަގު ބޮޑުކޮށް ބިލްކޮށްގެން އާސަންދަ ކުންފުނިން ފައިސާ ދޭނެ ގޮތެއް ނޯންނާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ފެށިފަހުން އެ ހޮސްޕިޓަލުން ދިން ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކުރި ކަމުގެ ތުހުމަތު ހޮސްޕިޓަލް މިހާރު ހިންގަމުންދާ ކުންފުނީގެ ޑިރެކްޓަރު އަލީ އުސެއިދު ވަނީ ކުރައްވާފަ އެވެ.

އެކަމާ ގުޅިގެން އާސަންދައިގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުން އެފަދަ މައްސަލައެއް އުޅޭކަން ރަސްމީކޮށް އާސަންދައަށް އަންގާފައިނުވާ ކަމަށެވެ. އެކަން އަންގާފައި ނެތް ނަމަވެސް އެއްވެސް ފަރާތަކުން އެއްބަސްވުމާ ހިލާފަށް އަގުބޮޑުކޮށްގެން އާސަންދައިން ބިލް އެޕްރޫވް ނުކުރާނެ ކަމަށެވެ.

"އެފަދަ ބިލްތައް ރިޖެކްޓް ކުރާނެ، އަސަންދައަށް އަންނަ ބިލްތައް ޕްރެސެސްކޮށް ފްރައުޑް ބިލްތައް ރިޖެކްކޮށް އެކަމާ ގުޅޭ ޑިޕާޓްމެންޓުން އެކަން ބަލާނެ، ވީމަ ބޮޑު އަގުގަ ބިލްކޮށްގެން އާސަންދައިން ލާރި ހޯދައިދޭނެ ގޮތެއް ނޯންނާނެ،" އާސިޔާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް، މުހައްމަދު މާހިރު އަވަސްއަށް ވިދާޅުވީ، އެ ހޮސްޕިޓަލުން އާސަންދައަށް ފޮނުވި ބިލްތައް ޕްރެސެސްކޮށް ޕޭމަންޓް އަދި ހަދާފައިނުވާ ކަމަށެވެ. އެހެންވެ، އެ ބިލްތަކުގައި މައްސަލަތަކެއް ހުރިކަން އަދި ނޭނގޭ ކަމަށާއި މައްސަލައެއް ހުރި ނަމަވެސް އެނގޭނީ ބިލްތައް ޕްރެސެސްކޮށް ނިމުމުން ކަމަށެވެ.

މި ތުހުމަތުތައް ކުރެއްވި އުސައިދު ވިދާޅުވީ، އާސަންދައިން އެކުލަވާލާފައިވާ އުސޫލާ ހިލާފަށް ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށް، ބިލް ހަދާފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ ހޮސްޕިޓަލް ހިންގާ ދިވެހި ކުންފުނީގެ މައި ކުންފުނި، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަންގެ އެމްޑީ ފައިޒަލް ހާން އަންގައިގެން އޭނާ ފޮނުވި ސީނިއާ މުވައްޒަފުންތަކެއް ކަމަށް އުސައިދު ވަނީ ތުހުމަތުކުރައްވާފަ އެވެ.

އާސަންދައަށް އޮޅުވާލައިގެން ބިލް ހަދައި ފޮނުވާފައިވާ ކަމުގެ މައުލޫމާތު ދިވެހި ކުންފުންޏަށް ކުރިން ލިބިފައިނުވާ ކަމަށާއި އެކަމުގެ މައްސަލައެއް ވެސް މުވައްޒަފަކު މެނޭޖްމެންޓަށް ހުށަހަޅާފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުމުން އެކަން ހިނގާދިޔަ ގޮތް ބެލި ކަމަށާއި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ސުވާލުކުރުމުން ބިލްތަކުގެ އަގު ބޮޑުކުރީ އިންޑިއާއިން އައި ސީނިއާ މުވައްޒަފުން އަންގައިގެން ކަމަށް ދިވެހި މުވައްޒަފުން ބުނެފައިވާ ކަމަށް އުސެއިދު ވިދާޅުވި އެވެ.

އުސައިދު ވިދާޅުވީ، ހޮސްޕިޓާ ހިންގަމުންދާ ދިވެހި ކުންފުނިން ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާތަކެއް ނަގަން ބޭނުން ނުވާ ކަމަށާއި އެކަން އިންޑިއާގެ މައި ކުންފުންޏަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވެފައިވާކަން ހެލްތް މިނިސްޓްރީ އާއި އާސަންދައަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ ކުންފުންޏާއި ދިވެހި ކުންފުންޏާ ދެމެދު ޖެހިފައިވާ މައްސަލައަކީ ބިލްތަކުގެ މައްސަލަ ކަމަށާއި އޭގެ ސަބަބުން ހޮސްޕިޓާ ހިންގުމަށް ވެސް ދަތިވެފައިވާ ކަމަށް އުސެއިދު ވިދާޅުވި އެވެ. އެކަމަށް އިންޑިއާގެ ކުންފުނީގެ އެމްޑީ ފައިޒަލް ހާން ސަމާލުކަން ނުދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ. އިންޑިއާއިން ކުންފުނިން ފޮނުވާފައިވާހުރި މެޝިނަރީތަކުގެ ވެސް އަގު ބޮޑު ކަމަށް ފާހަގަކުރެވޭތީ އެކަން ވެސް ބަލަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.