ވިޔަފާރި

އިންޑިއާގެ ގޯއެއާ އިން ރާއްޖެއަށް ދަތުރު ފަށަން ހުށަހަޅައިފި

Dec 31, 2017
1

އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ، ގޯއެއާ އިން ރާއްޖެއަށް ފްލައިޓްތައް ބޭއްވުމަށް ސިވިލްއޭވިއޭޝަންގެ ހުއްދައަށް އެދިއްޖެ އެވެ.

އިންޑިއާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނީ، ގޯ އެއާއިން ދަތުރުތައް ފެށުމުގެ ހުއްދައަކަށް އެދިފައި ވަނީ ރާއްޖެ އާއި އިންޑިއާގެ ވިޔަފާރީގެ ރަށް މުމްބާއީ ދެމެދު ކަމަށެވެ. އަދި ގޯ އެއާއިން ހުއްދައަށް އެދިފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ދަތުރުތައް ފެށުމަށް ކަމަށް ވެސް ސިވިލްއޭވިއޭޝަންގެ އޮފިޝަލް އެ ނޫހަށް ވަނީ ވިދާޅުވެފަ އެވެ.

އެ އެއާލައިނުން ސީދާ އެކަން ޔަގީން ނުކޮށް ދިން ނަމަވެސް ބުނެފައި ވަނީ، އެ ކުންފުނީގެ ފްލައިޓްތައް އިތުރުކޮށް މިއަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ އެއާލައިނުން މިހާރު ދަތުރުތައް ކުރަނީ ހަމައެކަނި އިންޑިއާގެ އެތެރޭގެ އުދުހުންތަކުގަ އެވެ. އެ އެއާލައިނުން ބުނީ މިހާތަނަށް ވެސް ބައިނަލްއަގުވާމީ ދަތުރުތައް ފެށުން ލަސްވެފައި ވަނީ، އެ އެއާލައިނުން އޯޑަރު ކުރި ބައެއް ބޯޓްތައް ލިބުން ލަސްވެގެން ކަމަށެވެ. އެހެން ނަމަވެސް، ބައިނަލްއަގުވާމީ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ގޯއެއާ އަކީ 2005 ވަނަ އަހަރު ހިދުމަތް ފެށި އެއާލައިނެކެވެ. އެ އެއާލައިނުން ބައިނަލްއަގުވާމީ ދަތުރުތައް ފަށަން ހުއްދަ ދީފައި އޮންނަތާ މިހާރު ވަނީ ދުވަސްތަކެއް ވެފަ އެވެ. އެގޮތުން އެ އެއާލައިނުން ދަތުރުތައް ފެށުމަށް ހުއްދަ ނަގާފައި ވަނީ ރާއްޖޭގެ އިތުރުން އީރާން، ޗައިނާ، ވިއެތްނާމް، އަޒަރުބައިޖާން، އުޒްބަކިސްތާން، ކަޒަކިސްތާން، ގަތަރު އަދި ސައުދީ އަރަބިއްޔާއަށެވެ.