ހަބަރު

މީޑިއާއަށް މައުލޫމާތުދޭނެ ފަސޭހަ ގޮތެއް ފުލުހުން އިންތިޒާމު ކުރަންވާނެ: ކޮމިޝަނާ

May 4, 2015

ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށް އެހީތެރިކަން ދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް އެދިވަޑައިގެންފި އެވެ.

ޕޮލިސް މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވައި ކޮމިޝަނާ އިއްޔެ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެއްގަމާ ކަނޑުގައި ހިނގާ ހާދިސާތަކާއި ކާރިސާތަކާއި ޖިނާއި ކުށްތަކާއި ޕްރޮގްރާމްތަކާ ހަރަކާތްތަކުގެ މައުލޫމާތު ފަސޭހައިން މީޑިއާއަށް ފޯރުކޮށްދެވޭނީ ފުލުހުންނަށް ކަމަށާއި އެ މަޢުލޫމާތުތައް ވީހާވެސް އަވަހަށް މީޑިއާއާ ޙިއްސާކުރަންޖެހޭނެ ކަމަށެވެ.

މީޑިއާއާއެކު ވަރުގަދަ ގުޅުމެއް ބާއްވަން ފުލުހުން އަބަދުވެސް ބޭނުންވާ ކަމަށާއި މައުލޫމާތު ޙިއްސާކުރާއިރު، ރައްޔިތުންގެ ހައްގާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި ތަހުގީގުތަކަށް ހުރަސް އެޅޭ، އާާއްމު މަޞްލަޙަތަށް ބުރޫއަރާފަދަ އެއްވެސް މަޢުލޫމާތެއް ޙިއްސާ ކުރެވިގެން ނުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ހިންގާ އެކިއެކި ހަރަކާތްތަކާ އޮޕަރޭޝަންތަކުގައި ނޫސްވެރިން ބައިވެރިކޮށްގެން ކަވަރުކުރުމުގެ ފުރުޞަތު ދިނުމަކީ ފުލުހުންގެ ސިޔާސަތެއް ކަމަށެވެ. ފުރުޞަތު ދެވެން އޮންނަ އުޞޫލުތަކުގެ ތެރެއިން އެ މަގު ފަހިކޮށްދޭއިރު އޮޕަރޭޝަންތަކާއި ނުރައްކާތެރި ޙާލަތްތަކުގައި ހިފަހައްޓަންޖެހޭ އުޞޫލުތައް ދަމަހައްޓާ ފުލުހުންގެ މަސައްކަތްތަކަށް ދަތި ނުވާނެގޮތަށް ފުރުޞަތުދިނުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.