ހަބަރު

ޑިމޮކްރަސީ އިއާދަކުރަން އެމްޑީޕީން ޖަޕާނުގެ އެހީއަށް އެދިއްޖެ

ރާއްޖޭގައި ޑިމޮކްރަސީ އަލުން އިއާދަ ކުރަން އެހީތެރިވެދޭން އިދިިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޖަޕާނު ސަރުކާރުގައި އެދިއްޖެ އެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ޖަޕާނުގެ މަދަދު ލިބޭނެ ކަމަށް އެ ޕާޓީން އުއްމީދުކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާކަން ޖަޕާނުން ވެދެމުން އަންނަ އެހީ އެމްޑީޕީން ފާހަގަ ކުރާ ކަމަށެވެ.

"ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނެސް ޑިމޮކްރެޓައިޒް ކުރަން އެހީވުމުގައި ޖަޕާނު ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަގީންކަން މިޕާޓީއަށް އެބަ އޮތެވެ،" ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ތުހަތުކޮށްފައިވާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން މި ސަރަހައްދުގެ ހަމަޖެހުން ގެއްލެމުން ދާ ކަމަށެވެ. އެ ސިޔާސަތުގެ ސަބަަބުން ރާއްޖޭގެ ޒަމާންވީ ބައިވެރިން އެކަހެރި ވަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

"އެހެންވީމާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާއި މިސަރަހައްދަށް ހަމަޖެހުން ގެނައުމުގައި ޖަޕާނު ފަދަ ޑިމޮކްރެޓިކް ބާރުތަކަަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ އެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ޖާޕާނުގެ ފޮރިން މިނިސްޓަރު ކޯނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއާއި ކަނޑުމަތީގެ ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ދޭނެ ކަމަށެވެ.