ހަބަރު

ލިވަޕޫލުން ޝައުގުވެރިވާ ޕަޕޫ ދިގުފަރުގައި

ލިވަޕޫލުން ގެންދަން މަސައްކަތް ކުރާ، އެޓަލާންޓާ ބާގަމޯ ކަލްޗޯ ގެ އާޖެންޓީނާގެ އަލްހެންޑްރޯ ޑަރިއޯ ގޯމޭޒް (ޕަޕޫ) ރާއްޖޭގައި ޗުއްޓި ހޭދަ ކަުރަމުން އެބަދެއެވެ.

އަންނަ މަހު 30 އަހަރު ފުރޭ، ޕަޕޫ، މިހާރުގެ ފޯމު ވަރަށް ރަނގަޅެވެ. މިދިޔަ ސީޒަންގައި އިޓާލިއަން ލީގްގެ ގަދަ ހަތަރަކަށް އެޓަލާންޓާ ގެންގޮސް ދިނުމަށް ޕަޕޫ ވަނީ ގިނަ ލަނޑުތަކެއް ޖަހާފަ އެވެ. އެޔާއެކު އޭނާ އަށް އާޖެންޓީނާގެ ގައުމީ ޓީމުން ވެސް ޖާގަ ލިބުނެވެ. ގައުމީ ޓީމަށް ހަތަރު މެޗު ކުޅެ، އޭނާ ވަނީ އެއް ލަނޑު ޖަހާފަ އެވެ.

އެޓަލާންޓާ ވަނީ ޔޫރޮޕާ ލީގްގައި، އެ ޓީމު ހިމެނޭ ގުރޫޕްގެ އެއް ވަނަ ހޯދާފަ އެވެ. އެ ގުރޫޕްގައި ފްރާންސްގެ ގަދަ ބާރު އޮލިމްޕިކް ލިޔޯނޭ އާއި އިނގިރޭސި ލީގްގެ އެވަޓަންވެސް ހިމެނެއެވެ. ގުރޫޕްގެ އެއް ވަނަ އެޓަލާންޓާ އަށް ހޯދައިދިނުމުގައި ޕަޕޫ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އެ ޓީމު ވަނީ ކޮޕާ އިޓާލިއާގެ ސެމީ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.

އެޓަލާންޓާ ގައި އެންމެ ފަހުން ކުޅުނު 25 މެޗުގައި ޕަޕޫ ވަނީ ހަތް ލަނޑު ޖަހައި، ލަނޑު ޖަހަށް އަށް އެސިސްޓް ކޮށްދީފަ އެވެ.

ރާއްޖޭގައި އޭނާ ޗުއްޓި ހޭދަ ކުރަމުން އަންނަނީ، ބ އަތޮޅުގައި ފަހުން ހުޅުވި ދިގުފަރު އައިލެންޑް ރިޒޯޓްގައިކަން 'އަވަސް' އަށް ވަނީ އެނގިފަ އެވެ. މިދުވަސްވަރު ދުނިޔޭގެ މަޝްހޫރު ތަރިން ރާއްޖޭގައި ދަނީ ޗުއްޓި ހޭދަ ކުރަމުންނެވެ.

ޕަޕޫ ގޯމޭޒް، ގެންދަން ލިވަޕޫލުން ބޭނުން ވަނީ، ބޮޑު އަގުގައި އެ ޓީމުން ބާސާއަށް ދޫކޮށްލި ފިލިޕޭ ކުޓީނިއޯގެ ބަދަލުގައި ކަމަށް އިނގިރޭސި މީޑިއަތަކުން ވަނީ ބުނެފަ އެވެ.