ވިޔަފާރި

ލިިވިން އެކްސްޕޯ އަންނަ މަހު

Jan 15, 2018

ކޮލަމްބޯ ސިޓީ ސެންޓާގެ މެއިން- ސްޕޮންސާއާއެކު މޯލްޑިވްސް ލިިވިން އެކްސްޕޯ އަންނަ މަހު ބާއްވަން، ސްޕޮންސަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

ޗަމްޕާ ސެންޓަރަލްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މެއިން ސްޕޮންސާއަކަށް ހަމަޖެއްސީ ގިނަ ވިޔަފާރިތައް ހިމެނޭ ގޮތަށް ސްރީލަންކާގައި ތަރައްގީ ކުރާ ކޮލަމްބޯ ސިޓީ ސެންޓެވެ. މީގެ އިތުރުން ދެން ހިމެނެނީ ރަސްފަންނު ސަރަހައްދުގައި ޓަވަރުތަކެއް ތަރައްގީ ކުރުމަށް ހިންގާ، ކޮރަލް މަޝްރޫ އާއި ސްރީލަންކާގައި އަލަށް ތަރައްގީ ކުރާ އަލްޓްއާ ޓަވަރުގެ މަޝްރޫ އެވެ.

ސޮއިކުރުމަށްފަހު ކޮލަމްބޯ ސިޓީ ސެންޓާގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި އެކްސްޕޯގައި އެފަރާތުން ބައިވެރިވީ ދިވެހިންގެ ގިނަ ބަޔަކު ލަންކާގައި ދިރިއުޅޭތީ ދިވެހިންނަށް އޮތް ފުރުސަތުތަކެއްކަން އަންގައި ދިނުމަށެވެ.

"މިއީ ސެކަންޑް ހޯމްއެއްގެ ގޮތުގައި ސްރީލަންކާއިން ގެއެއް ހޯދަން ބޭނުންވާ ދިވެހިންނަށް އޮތް ފުރުސަތެއް. އަޅުގަނޑުމެން މިދަނީ ފައިސާ ދައްކަން ލުއި ގޮތްތަކެއް ހޯދަން ބޭންކް އޮފް ސިލޯންއާ ވެސް ވާހަކަ ދައްކަމުން،" މިލިއަނެއްހާ އަކަމީޓަރުގައި މިކްސް ޑިވްލޮޕްމަންޓް މަޝްރޫއު ހިންގާ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

ހައިރައިޒް އިން ރާވާ، މޯލްޑިވްސް ލިވިން އެކްސްޕޯ މި އަހަރު އޮންނާނީ އަންނަ މަހުގެ 16-18 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ.

އެ ކުންފުނީގެ ޖެނަރަލް މެނޭޖާ މުހައްމަދު ޝާމިން ވިދާޅުވި ގޮތުގައި މެދުނުކެނޑި ހަ އަހަރު މި އެކްސްޕޯ ބޭއްވުމަކީ ލިބިގެންދާ ފަހުރެކެވެ އަދި މި އަހަރު އިތުރު ބްރޭންޑްތަކާއެކު އެކްސްޕޯ ވަރުގަދަ ވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިދިޔަ އަހަރުގެ ލިވިން އެކްސްޕޯ ވެސް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 16 އިން 18 އަށެވެ.