ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ އާމްދަނީ ފުރަތަމަ ކުއާޓާގައި 47 ޕަސެންޓް އިތުރުވެއްޖެ

އުރީދޫ މޯލްޑިވްސްގެ އާމްދަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި 47.6 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ ގްރޫޕުން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަހު) ގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 19.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 13.7 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 47.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 300،000 އަށް އަރާފައިވާއިރު، ކަސްޓަމަރުންގެ އަދަދު ވަނީ 23.3 ޕަސެންޓް އިތުރުވެފަ އެވެ.

އުރީދޫ ގްރޫޕުގެ ހިސާބުތައް ދައްކާ ގޮތުގައި މުޅި ގްރޫޕުގެ އާމްދަނީ ވަނީ މި ކުއާޓާގައި 30 ޕަސެންޓް އިތުރުވެފަ އެވެ. މި ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި އަށް ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.