ހަބަރު

މަނާ ތަނެއްގައި އެއްވި ކަމުގެ ތުހުމަތަށް ޝިފާޒާއި ނިޔާޒު ފުލުހަށް

އެއްވުން މަނާ ތަނެއްގައި އެއްވި ކަމުގެ ތުހުމަތަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ނިޔާޒާއި ޝިފާޒަށް ޗިޓް ފޮނުވާފައިވާއިރު، ޝިފާޒަށް ހާޒިރުވާން އެންގީ މާދަމާ ހަވީރު 5:00 ގަ އެވެ. ނިޔާޒަށް އަންގާފައިވަނީ މާދަމާ ރޭ 10:00 އަށް ފުލުހަށް ހާޒިރުވުމަށެވެ.

ދެ ބޭފުޅުންގެ މައްޗަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވަނީ، މިދިޔަ ހުކުރު ދުވަހު އެ ދެ ބޭފުޅުން އިސްވެ ތިއްބަވާ ހުއްދަ ނުނަގާ އެއްވުން މަނާ ސަރަހައްދަކަށް އެއްވެ، އިހުތިޖާޖުކުރުމެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު، އެމްޑީޕީއިން ވަނީ އެ ޕާޓީގެ ހަރުގެ ކުރިމަތީގައި "މުދާ ފޭރުން"ގެ ނަމުގައި އެއްވުމެއް ބާއްވާފަ އެވެ. އެ އެއްވުމަކީ އެމްޑީޕީއާއެކު މަސައްކަތް ކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ކަސްޓަމްސް އެރުމުން އެކަމާ ދެކޮޅަށް ކުރި އިހުތިޖާޖެކެވެ.