ހަބަރު

އަބަދުުވެސް ރާއްޖެ އަށް ކުރިމަތިވާ ސުވާލުތަކަށް ސާބިތު ޖަވާބުތަކެއް!

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ގައި ރާއްޖެ އަށް މިއަދު ވެސް އަމާޒުވީ އަބަދުވެސް ރާއްޖެ އަށް އަމާޒުވާ، ދީނާ ގުޅުން ހުރި ސުވާލުތަކެވެ. އިސްލާމީ ޝަރީއަތުގައި ބުނާ ހުކުމްތައް ތަންފީޒުކުރާތީ އާއި އެއް ޖިންސުން ގުޅުން ހިންގުން ކުށަަކަށް ވާތީ އާއި ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުން ވެސް ކުށަކަށް ވާތީ އެވެ. އާންމު މި ސުވާލުތަކުގެ އިތުރުން ދެން އަމާޒުވެފައި ވަނީ ޖުޑީޝަރީގެ މިނިވަންކަމާ ބެހޭ ސުވާލުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުން ހުރި ސުވާލުތަކެވެ.

ޖެނީވާގައި އޮތް ސެޝަން ފެއްޓެވުމުގެ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދެއްވި ބަޔާން ފެއްޓެވީ ވެސް ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫން ކަމާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ، އިސްލާމް ދީނާ ހިލާފް އެފަދަ އެއްވެސް އަމަލަކަށް ޖާގަ ދެވެން ނެތްކަން ހާމަކުރައްވަމުންނެވެ. އިސްލާމީ ދައުލަތެއްގެ ގޮތުގައި 800 އަށް ވުރެ ގިނަ އަހަރު ހޭދަކުރި އިރު އަންހެނުންނާއި ކުޑަކުދިން ހާލަތު ރަނގަޅު ކުރުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ ދާދި އެއްވަރުގެ ކުރިއެރުން ހޯދާފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ރާއްޖެ އަކީ ރީތި އަދި އެހާ ނާޒުކު ގައުމަކަށް ވާތީ ކޮންމެ މީހަކު ވެސް ރާއްޖެ އަށް ރަނގަޅުވާނެ ކަމަށް އެ މީހަކަށް ފެންނަ ކަމެއްގެ ވާހަކަ ދަނީ ބުނަމުން. ފާޑު ކިޔުމަކީ ފަސޭހަ ކަމެއް. އެކަމަކު ހަމަ އެކަނި ފާޑު ކިޔުމުގެ ބަދަލުގައި ރާއްޖެއިން ހޯދާ ކުރިއެރުންތައް ބަލައިގަނެ، ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ދިނުމަކީ އެދޭ ކަމެއް،" ދުންޔާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ރޮނގުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް ހުރިހާ ގައުމަކުންހެން ވަނީ ތައުރީފުކޮށްފަ އެވެ. މިދިޔަ ކުރު މުއްދަތުގައި ރާއްޖެއިން ހޯދާފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ކަމަށް އެ ގައުުމުތަކުން ބުންޏެވެ. ނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށަން އުޅޭތީ ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލަން ގޮވާލައިފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، ނޭޕާލް، ނެދަލެންޑްސް، ޕެރަގުއާއީ، ރުވާންޑާ، ސްޕެއިން، އާޖެންޓީނާ އަދި ޔުކްރެއިންގެ އިތުރުން ވެސް އެހެން ބައެއް ގައުމުތައް ހިމެނެ އެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުމަކީ ކުށެއް ނޫން ކަމަށް ދީނީ މިނިވަންކަން ދިނުމަށް އާންމު ގޮތެއްގައި ގޮވާލާފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ.

މި ކަންކަމުގެ އިތުރުން ޖުޑީޝަރީގެ މިނިވަންކަން ކަށަވަރު ކުރުމަށް ގިނަ ގައުުތަކުން އެދުނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލާފައި ވާތީ އެކަން ފާހަގަކޮށް ނަޝީދު މިނިވަން ކުރުމަށް އިނގިިރޭސި ވިލާތާއި ނޯވޭ އާއި ކެނެޑާ ފަދަ ގައުމުތަކުން ގޮވާލި އެވެ. ނަމަވެސް އިންޑިއާ އިން ނަޝީދުގެ ވާހަކައެއް ނުދައްކަ އެވެ. އިންޑިއާ އިން ބުނީ ޖުޑިޝަރީ ސިޔާސީ ވެފައިވާކަމަށް ވަކީލުން ވިދާޅުވާ ކަމާށާއި އެފަދަ ކަންކަން ރަނގަޅު ކުރަން ގޮވާލި އެވެ.

އިސްލާމް ދީނާ ގުޅޭ ގޮތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީގެ ލީގަޒް އެފެއާޒް އާއިޝަތު ބިޝާމް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގުމާއި އެހެން ދީންތަކަށް ޖާގަ ދިނުމަކީ ދިވެހިން އެދޭ ގޮތް ނޫން ކަމަށެވެ. އިސްލާމް ދީނަކީ ހަމައެކަނި ދައުލަތު ދީން ނޫން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ އަސްލަކީ ވެސް އިސްލާމް ދީން ކަމަށް ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ކަނޑައަޅާފައިކަން ބިޝާމް ފާހަގަކުރެއްވި އެވެ.

"އަބަދުވެސް އިސްލާމީ މެދުމިނުގެ ގައުމެއްގެ ގޮތުގައި ދެމި އޮންނާނަން،" ބިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމީ މެދުމިނުގެ ގައުމެއްގެ ގޮތުގައި މިހާތަނަށް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާކަން ފަހުރުވެރިކަމާ އެކު ފާހަގަކުރާ ކަމަށެވެ.

އަންހެންކުދިން ހިތާނުކުރުމުގެ މައްސަލަ ބޮޑެއް ނޫން ކަމަށާއި އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ދައުވާ ކުރެވޭނެ ކަމަށް ބިޝާމް ވިދާޅުވި އެވެ. ކުޑަކުދިންނަށް ކައިވެނި ކުރެވޭނީ ނާދިރު ހާލަތެއްގައި، ވަރަށް ގިނަ ކަންކަންކަމަށް ބަލާފައި ކަމަށާއި އާ ގާނޫނުލް އުގޫބާތުގެ ދަށުން މަރުގެ އަދަބެއް މީހަކަށް ތަންފީޒުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިިންވަރަށް ސާބިތުވެގެން ކަމަށާއި އެ މީހަކު ފަނޑިޔާރެއްގެ ކުރިމަތީ ކުށަށް އިއުތިރާފް ވުމުން ނޫނީ މަރުގެ އަދަބު އައުމަކީ ނާދިރު ކަމެއް ކަމަށް ބިޝާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުުމުގެ ކުރިން، ކުށްވެރިޔާއާ މެދު ކަންތައް ހިނގި ގޮތް ރަނގަޅުތޯ ރައީސް ކަށަވަރުކުރައްވަން ޖެހޭ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މިނިވަންކަމާ މެދު ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން ރާއްޖެ އިން ޖެނިވާގައި ހުންނަވާ ޗާޑް ޑި އެފެއާޒް ގީލާ އަލީ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މިނިވަންކަން ކަށަވަރުކޮށްދެނީ ހަމައެކަނީ ގާނޫނުން ނޫން ކަމަށާއި ގާނޫނު އަސާސީން ވެސް އެކަން ކަށަވަރުކޮށްދޭ ކަމަށެވެ. އެ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުގައިު ބަލާ މައްސަަލައާ ބެހޭ ގޮތުން ގީލާ ވިދާޅުވީ އެއީ ކޯޓުގައި ހިނގާ މައްސަލައަކަށް ވާތީ އެކަމާ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮމިޝަންގެ މެންބަރަކު ޒިންމާ އަދާކުރުމަށް ކުރާ ކަމަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނާނެކަން ފާހަގަކުރެއްވި އެވެ.

ބައެއް ގައުމުތަކުން ވަނީ މުސްލިމުންނަށް ނޫނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނަށް ނުވެވޭތީ އެކަން ބަދަލު ކުރުމަށް ބާރު އަޅައިފަ އެވެ. އަދި މުސްލިމުންނަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭ ގޮތަށް އޮންނާތީ އެކަން ވެސް ފާހަގަކުރި އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވަމުންދާ ކަމަށް ބުނާ ރިޕޯޓްތަކާއި ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނަށް ބިރު ދައްކައި ހަމަލާދޭ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.

މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާ ބެހޭ ގޮތުން ރާއްޖެއިން މައިގަނޑު ގޮތެއްގައި ބުނީ، އެ އިދާރާތައް އަދިވެސް ފުރިހަމަ ނުވާ ކަމަށާއި އެކަމަކު 10 ވަރަކަށް އަހަރު ތެރޭ ބޮޑެތި ކުރިއެރުންތައް ހޯދިފައިވާ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭއިރު ރާއްޖޭގެ އަހަރު ދުވަހުގެ އާމްދަނީ ފަސް ބިލިއަން ޑޮލަރަށް ވުރެ ކުޑަކަން މިނިސްޓަރު ދުންޔާ ފާހަގަކުރެއްވި އެވެ. އަދި 188 ރަށެއްގައި، ބޮޑު ސަރަހައްދަކަށް ރަށްތައް ބެހިފައި ވާއިރު ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރުމަކީ ހަރަދު ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.