1 ފެބުރުއަރީގެ އަމުރު

މިނިވަން ނޫސްވެރިކަމަކަށް ޖާގަ ދޭން ސީޕީޖޭއިން ގޮވާލައިފި

ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންނަށް ބިރު ދެއްކުން ހުއްޓާލައި މިނިވަން ނޫސްވެރި ކަމަށް ޖާގަ ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓް ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.

ސީޕީޖޭ އިން ބުނީ، ސިޔާސީ ނުފޫޒުގެ ސަބަބުން ރާއްޖޭގެ އިދިކޮޅު ނޫސްތައް ބަންދު ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލައި އޮންލައިން ބައެއް ނޫސްތަކަށް ސައިބާ އެޓޭކް ދެމުންދާ ކަމަށެވެ. އަދި ބައެއް މީޑިއާތަކަށް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން އިންޒާރު ދެމުންދާ ކަމަށެވެ.

"ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ނޫސްވެރިކަމަށް ނުފޫޒު ފޯރުވުން ހުއްޓުވައި މިނިވަން ނޫސްވެރިކަމަކަށް ޖާގަ ދޭން ޖެހޭ،" ސީޕީޖޭގެ އޭޝިއާ ކޯޑިނޭޓަރު ސްޓީވް ބަޓްލާ ވިދާޅުވި އެވެ.

ސީޕީޖޭ އިން ބުނީ، ޕީޕީއެމްގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ، ރާއްޖެ ޓީވީ ބަންދު ކުުރަން ގޮވާލާފައިވާ ކަމަށާއި އެ ޕާޓީގެ ފަރާތުން ބާއްވާ ޕްރެސްތަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބައެއް މީޑިއާތަކަށް ދައުވަތު ނުދޭ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބްރޯޑްކޮމް އަށް ފޮނުވި އީމެއިލް އަށް މިއަދާ ހަމައަށް ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ސީޕީޖޭ އިން ބުންޏެވެ.

"އެކަމާ ގުޅިގެން ރައީސް އޮފީހަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދީފައެއް ނުވޭ،" ސީޕީޖޭއިން ބުންޏެވެ.

މޯލްޑިވްސް އިންޑެޕެންޑެންޓް ނޫހާއި ހަވާލާދީ ސީޕީޖޭ އިން ބުނީ، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބަޔާނަކާއި ގުޅިގެން ޕުލުހުން އަވަސް އޮންލައިން އަދި މިހާރު ނޫހުގެ ނޫސްވެރިންނާއި ސުވާލުކޮށްފައިވާ ކަމަށެވެ.