އީޔޫ

އެސްއޯއީގެ ދަށުން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލާ: އީޔޫ

Mar 23, 2018
3

އިއްޔެ އުވާލި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް، އިއުލާން ކުރެއްވު ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލުމާ ގުޅުގެން އީޔޫ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށާއި މަޖިލީހާއި އަދުލުގެ އިންސާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އީޔޫ އިން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށްފަހު އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހުރިހާ ހައްގުތަކެއް އަލުން ރުޖޫއަ ކޮށްދިނުން ކަމަށާއި އެގޮތުން ވެރިކަމަށް އިހުތިރާމް ކުރުމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުން ކަމަށެވެ. އަދި އަސާސީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާފުވެރި ޝަރީއަތެއް ވެސް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އީޔޫ އިން ބުންޏެވެ.

އީޔޫ އިން މިއަދު ބަޔާން ނެރުއްވިއިރު، ދިވެހި ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އީޔޫގެ ޕާލިމެންޓުން މި މަހުގެ 15 ވަނަ ދުވަހު ވަނީ ގަރާރެއް ވެސް ފާސްކޮށްފައި އެވެ. އެ ގަރާރުގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރުކޮށް، ސިޔާސީ ނުފޫޒެއް ނެތް ޝަރީއަތެއް ލިބުމުގެ ހައްގު ރައްޔިތުންނަށް ކަށަަވަރު ކޮށް ދިނުން ހިމެނެ އެވެ. އަދި ދީނީ މިނިވަންކަން ދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

އީޔޫ އިން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އެކި ދައުވާތައް އެކި ބޭފުޅުންގެ މައްޗަށްކޮށް ޝަރީއަތް ނިމެންދެން އެކި ސިޔާސީ ބޭފުޅުން ވަނީ ބަންދުކޮށްފައި އެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއިއިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.