1 ފެބުރުއަރީގެ އަމުރު

އީޔޫން ގޮވާލީ މަޝްވަރާ ފަށަން، އެކަމަށް ސަރުކާރު ތައްޔާރު

އީޔޫ އިން މިއަދު ނެރުނު ބަޔާނުގައި ގޮވާލާފައި ވަނީ މައިގަނޑު އެންމެ ކަމަކަށް ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކާއެކު ވާހަކަތައް ބާއްވަން ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވީ ސިޔާސީ ފަރާތްތަކާއެކު އީޔޫން މިހާރު ވެސް ގެންދަނީ މަޝްވަރާ ކުރަމުން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީތަކާ ވާހަކަ ދައްކަން ސަރުކާރުން މިހާރުވެސް ވަނީ ދައުވަތު ދީފައި ކަމަށެވެ.

"އާއްމުކޮށް މިކަހަލަ ސްޓޭޓްމަންޓް ތަކުގައި މި ބަލާ ގޮތަކީ އޭގަ މި ބުނާ އެންމެ ފަހު ސެންޓެންސްގެ އިންނަ ފަހު ސެންޓެންސް އެއީ އެމީހުން ގޮވާލާ ގޮވާލުމަކީ. އޭގައި ގޮވާލާފައި މިއޮތީ ރާއްޖޭގެ ޕާޓީތަކާ މަޝްވަރާ ކުރުމަށް. އޯލް ޕާޓީ ޕޮލިޓިކަލް ޓޯކްސް އަށް ގޮވާލާފައި މި އޮތީ،" އޭނާ ވިދާޅުވިއެވެ.

ޝިއާން މިހެން ވިދާޅުވި އިރު އީޔޫގެ ބަޔާނުގައި ބުނެފައި ބުނެފައި ވަނީ "ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްގުތައް އިއާދަކުރުމަށް ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ" ކަމަށެވެ. އަދި ބުނެފައި ވަނީ ސިޔާސީ ބޭނުމަށް މީހުން ހައްޔަރު ކުރަމުންދާ ކުރުން ކުށްވެރިކުރާ ކަަމަށާއި ސިޔާސީ ގައިދީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ. އެ ދެ ބުނުން ވެސް ފަށާފައި ވަނީ " ގޮވާލަން" މި އިބާރާތް ސާފުކޮށް ދޭހަވާ ގޮތަށެވެ.

ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކަން ގޮވާލާފައި ވަނީ ޝިއާން ވިދާޅުވި ފަދައިން އެެންމެ ފަހު ޖުމްލައިގަ އެވެ.

އީޔޫގެ ބަޔާނާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ޝިއާން ވިދާޅުވީ ބޭރު ބައެއްގެ ގާތަށް ގޮސްގެން ރާއްޖޭގެ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަމަށެވެ. އަދި އެއީ އެކަން ވާނެ ގޮތް ނޫންކަން ވިސްނާލީމާ ކޮންމެ މީހަކަށް ވެސް އިނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޭރު ބަޔަކަށް އަޅުގަނޑުމެން ޑިޕެންޑްވެގެން ވާނެ މާކަ ބޮޑު މަންފާއެއް ނޯންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނީ ގެއްލުން. ކޮންމެ ފަރާތަކުން އައި ކަމުގައި ވިޔަސް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަޔާނާ ގުޅިގެން ސަރުކާރުން ކުރާނެ މަސައްކަތް މިހާރުވެސް އޮތީ ފަށާފައި ކަމަށާއި އެއީ ޕާޓީތަކާ ވާހަކަ ދެއްކުން ކަމަށެވެ. އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމަށް ގޮވައިލި ގޮވައިލުމަށް ވެސް ސަރުކާރުން ޖަވާބެއް ދޭނެ ކަމަށެވެ.

" އެކަހަލަ މާހައުލެއް ރާއްޖޭގައި ހަމަ ޖެހޭ އިރަށް އެކަން ނަގާނީ. މި ދެކަންތައް މިއޮތީ،" ރާއްޖެ ޓީވީއާ ވާހަކަފުޅު ދައްކަވަމުން ޝިއާން ވިދާޅުވިއެވެ.

އީޔޫ ގަރާރުގެ މުހިއްމު ނުކުތާތައް

* ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޖުޑިޝަރީއާއި ޕާލަމެންޓް، އާއްމު ހާލަތުގައި ހިންގުމުގެ ފުރުަސަތު ދޭން ޖެހޭ ކަމަށް އީޔޫ ފޮރިން އެފެއާޒް ކައުންސިލުން ގަބޫލުކުރެ އެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުުންގެ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ޑިމޮކްރެޓިކް އުސޫލުން ބާރުތައް ވަކިވެފައިވާ ހާލަތެއް ނޫނެވެ. އަދި މިހާލަތުން އަރައި ނުގަންނަ ނަމަ "ޓާގެޓެޑް މެޝާޒް" ނުވަތަ ވަކި ވަކި މުއައްސަސާތަކާއި މީހުނަށް ފިޔަވަޅު އަޅަން ވިސްނާނެ އެވެ.

މިކަންތައްތައް ފާހަގަކޮށް ގަރާރުގައި ރާއްޖެއަށް ގޮވާލާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި ގާނޫނު އަސާސީ ކަށަަވަރުކޮށްދޭ ހުރިހާ ހައްގެއް އިއާދަކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު އިހުލާސްތެރި ކަމާއެކު ވާހަތައް ފެށުމަށެވެ. އަދި ބުނެފައި ވަނީ ޔޫއެން މެދުވެރިވެެގެން ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާ ނަމަ އެކަމަށް އެހީތެރިވާނެ ކަަަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން އީޔޫ ސަފީރު ދެ ފަހަރަށް ރާއްޖެއަށް ވަޑައިގެންނެވި އެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ