ޑރ. މުހައްމަދު އާސިމް

ކުއްލި ހާލަތު ނަގާނީ ނުރައްކާ ނައްތާލެވުމުން: ސަރުކާރު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން އެކަށީގެންވާ ވަރަށް ނައްތާލެވުމުން ކަމަށް ސަރުކާރުން ބުނެފި އެވެ. ސަރުކާރުން މިހެން ބުނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މިއަދު ނިންމި ނިންމުމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެކި ފަހަރުގެ މަތިން އީޔޫގެ އެމްބަސެޑަރަށް ދަންނަވާފައިވާ ފަދައިން ސަރުކާރުން އަދިވެސް ގެންދަނީ ރާއްޖޭގެ ގާނޫންތައް ނަގަހައްޓަމުން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގައުމީ ސަލާމަތަށް ނުރައްކާވެގެން ކަމަށެވެ.

އަދި 1 ފެބްރުއަރީގެ އަމުރަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އެހެން އަމުރުތަކާ ގުޅިގެން އަލުން 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަންކަން ނައްތާލެވުނުހާ އަވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމުގެ ޔަގީންކަން އީޔޫއަށް ދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"... ސަރުކާރުން ދެން ވެސް ގެންދާނީ އީޔޫ އާއި އެ ޖަމާއަތުގެ ގައުމުތަކާ ގުޅިގެން މަސައްކަަތް ކުރަމުން، އީޔޫ އިން މިހާރުވެސް ދެމުން ގެންދާ އެއްބާރުލުންތައް ބަލައިގަންނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ މަސްރަހު ފިނި ކުރުމަށް މަޝްވަރާ ކުރުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި ގައުމުގެ ހާލަތު ރަނގަޅުކޮށް ކުރިން އޮތް ހާލަތަށް އަނބުރާ ކުރުމަށް ގެނައުމަށް ކުރާ މަސައްކަތުގައި އީޔޫ އިން ވެސް އެހީތެރިވުމަށް ސަރުކާރުން ގޮވާލާ ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ހުށަހެޅި ދެލިކޮޕީއެއްގެ މައްޗަށް އީޔޫ އިން މިއަދު ފާސް ކުރި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ފަނޑިޔާރުން މިނިވަން ނުކުރާ ނަމަ ވަކިވަކި މުއައްސަސާތަކާއި ވަކި ވަކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމަށެވެ.

ގަރާރުގެ މުހިއްމު ބައެއް ނުކުތާތައް

* ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޖުޑިޝަރީއާއި ޕާލަމެންޓް، އާއްމު ހާލަތުގައި ހިންގުމުގެ ފުރުަސަތު ދޭން ޖެހޭ ކަމަށް އީޔޫ ފޮރިން އެފެއާޒް ކައުންސިލުން ގަބޫލުކުރެ އެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުުންގެ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ޑިމޮކްރެޓިކް އުސޫލުން ބާރުތައް ވަކިވެފައިވާ ހާލަތެއް ނޫނެވެ. އަދި މިހާލަތުން އަރައި ނުގަންނަ ނަމަ "ޓާގެޓެޑް މެޝާޒް" ނުވަތަ ވަކި ވަކި މުއައްސަސާތަކާއި މީހުނަށް ފިޔަވަޅު އަޅަން ވިސްނާނެ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން އީޔޫ ސަފީރު ދެ ފަހަރަށް ރާއްޖެއަށް ވަޑައިގެންނެވި އެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ