ހަބަރު

ސަރުކާރަށް ފިޔަވަޅު އެޅުމާ މެދު އީޔޫން މާދަމާ ގޮތެއް ނިންމަނީ

ކުއްލި ހާލަތު އުވާލައި ގާނޫނު އަސާސީ ކަށަވަރުކުރާ ހައްގުތައް އިއާދަކޮށް އިދިކޮޅު ޕާޓީތަކާ ވާހަކަ ދައްކަން ގޮވައިލުމަށާއި އެގޮތަށް އަމަލުނުކުރާ ނަމަ ވަކި ވަކި މުއަައްސަސާތަކަށް ފިޔަވަޅު އެޅުމާ މެދު މާދަމާ ގޮތެއް ނިންމަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތާވަލުކޮށްފި އެވެ.

އީޔޫ ފޮރިން އެފެއާޒް ކައުންސިލުން މާދަމާ ބާއްވާ ބައްދަލުވުމަށް ތާވަލުކޮށްފައިވާ ' ނަން ލެޖިސްލޭޓިވް ' ކަންތައްތަކުގެ ތެރޭގައި ހިމަނާފައި ވަނީ ރާއްޖެއާ މެދު މިމަހުގެ 21 ގައި އެކުލަވާލާފައިވާ ގަރާރު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށެވެ. އެކަން ތާވަލުކޮށްފައި ވަނީ ބަހުސް ކުރުމަކާ ނުލައި ގޮތެއް ނިންމާ ގޮތަށެވެ.

އެގޮތުން އެކުަލަވާލާފައިވާ ގަރާރު ނަމްބަރު 6121/18 ގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި ގާނޫނު އަސާސީ ކަށަަވަރުކޮށްދޭ ހުރިހާ ހައްގެއް އިއާދަކޮށް، އިދިކޮޅު ފަރާތްތަކާ އެކު އިހުލާސްތެރިކަމާ އެކު ވާހަތައް ފެށުމަށް ގޮވާލުމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ނަމަ ވަކިވަކި މުއައްސާތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ގަރާރުގައިވެ އެވެ.

ސުޕްރީމްކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އީޔޫން ކުރިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެހެންވީމާ މާދަމާ އަށް ތާވަލުކޮށްފައިވާ ގަރާރު ފާސްކުރުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން އީޔޫ ސަފީރު ދެފަހަރަށް ރާއްޖެއަށް ވަޑައިގެންނެވި އެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.