ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ޓިނު ނެގި ކަމަށް ބުނާ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރަށް ސާފުކޮށްދެއްވައިފި އެވެ. "ކޮތަރު ކޮށި" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްވި ދިގު ތަގުރީރުގައި އެމަނިކުފާނުގެ ސަރުކާރު ސިއްހުން ކޮށްލި ސުޕްރީމް ކޯޓްގެ ބޮޑު އަމުރާއި ގުޅިގެން ހިނގާދިޔަ ވަރަށް ގިނަ ކަންކަން ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ފެބްރުއަރީ 1، 2018 އަކީ ރާއްޖެ ދުށް އެންމެ ބޮޑު ހަނދުކޭތަ ހިފި ދުވަހެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނު ސަބަބު މިރޭ ވިދާޅުވެ ދެއްވަނީ އެކަންކަން ސިއްރު ކުރައްވައިގެން ހުންނަވަން ފަސޭހަފުޅު ކަމަށް ނުވާތީ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެ އަމުރާއި ގުޅިގެން އަވައްޓެރި ގައުމުތަކުން ސަރުކާރަށް އިނގިލި ދިއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާ ނަމަވެސް އެއް ގައުމަކަށް އެ ގޮތަށް އޮންނަން ފަސޭހަނުވި ކަމަށެވެ.
"އެ އަމުރެއް ސުޕްރީމް ކޯޓުން ނިކުތީމަ އަޅުގަނޑުމެންގެ އަވައްޓެރި އެއްވެސް ގައުމަކަށް އެކަމަކުން އުނދަގުލެއް ނުވެޔޭ ދައްޗެއް ނުވެޔޭ. އެއީ ދާހިލީ ކަންކަން އެކަމަކާ ނުބެހޭނެ އެހެން ބަޔަކު. މި އުޅެނީ މިތާގައި ނަސްލެއް ނައްތާލާކަށް ނޫން. މި އުޅެނީ މިތަނުގައި އެއްވެސް ގޮތަކަށް ބަޔަކަށް އަނިޔާކުރާކަށް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ނަސްލުތައް އޮވެގެން އެއް ނަސްލުގެ މީހުން ނައްތާލުމުގެ ކަމެއް އޮތީއެއް ނޫން. އެހެންތޯ އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތައް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓްގެ އަމުރާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތައް ތަފްސީލުކޮށް ދެއްވުމަށް ގައުމަކަށް ވަޒީރުން ފޮނުއްވެވި ކަމަށާ ނަމަވެސް އިންޑިއާއަށް ދިވެހި ހާރިޖީ ވަޒީރު ވަޑައިގެންނެވުމުން ބައްދަލުކޮށްލައްވާނެ އެއްވެސް ބޭފުޅަކު ނުވި ކަމަށެވެ. އޭގެ ފަހުން އިންޑިއާގެ ނިއުދިއްލިން އެ ގައުމުގެ ހާރިޖީ ވަޒީރު ސޮއިކޮށް ނުފޫޒު ފޯރުވުމަށް ތިން ސިޓީއެއް ފޮނުއްވި ކަމަށެވެ.
"ތިން ސިޓީ އިންޑިއާގެ ހާރިޖިއްޔާއިން ހާރިޖީ ވަޒީރު ސޮއިކުރައްވާ ފޮނުއްވި. ކޮންމެ ސިޓީއެއްގައި ބުނަނީ... އޭގައި ސޮއިކޮށްފައި އޮތީ މެޑަމް ސުޝްމާ، މިހާރު ނިޔާވެއްޖެ... ކޮންމެ ސިޓީއެއްގައި ބުނެފައި އޮންނަނީ ތިމަންނަމެންނަށް ގަބޫލެއް ނުކުރެވޭ ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުނުކޮށް ތި އުޅޭ ސަބަބެއް. އަޅުގަނޑުމެން ސަފީރުން ފޮނުވިން އަވައްޓެރި ހުރިހާ ގައުމުތަކަކަށް. ވަޒީރުން ވަޑައިގެންނެވި ސަފީރުންގެ ނަމުގައި މިކަންކަން އޮޅުން ފިލުވައިދޭން. ހުރިހާ ގައުމަކުން ސަފީރުންނަށް މަރުހަބާ ވިދާޅުވި، އަދި ކަންކަން ހިނގާދިޔަ ގޮތް އަޅުގަނޑުމެން އޮޅުން ފިލުވައިދިނިން. އިންޑިއާއަށް އަޅުގަނޑު ފޮނުވީ އަޅުގަނޑުގެ ހާރިޒީ ވަޒީރު ޑރ. އާސިމް. އެކަމަކު އިންޑިއާއަކުން އިންޑިއާ ބިޒީކަމުން އިންޑިއާ އެއޮއް ބޮޑު ގައުމުން އޭނާއާ ބައްދަލުކުރާނެ މީހަކު ނުވި. އެހިސާބުން ދަތުރު ނިންމާލާފަ އައީ،" ރައީސް ޔާމީން ވިދާޅުވިއެވެ. "އޭގެ ފަހުން ތިން ސިޓީ އައި، އެއް ގައުމަކުން. ނިއުދިއްލިން ތިން ސިޓީވެސް އައީ. ތިން ސިޓީގައިވެސް ބުނަނީ ތިމަންނާމެންނަށް ގަބޫލެއް ނުކުރެވެޔޭ ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުނުކޮށް ތި އުޅެނީ ކީއްވެގެން ކަމެއް. އަޅުގަނޑުމެން ފުރަތަމަ ސިޓީއަށް ޖަވާބުދިނިން. ވަރަށް ޕޮލައިޓްކޮށް ވަރަށް ޑިޕްލޮމެޓިކްކޮށް ކިޔައިދީފައި. ދެވަނަ ސިޓީގައި އަޅުގަނޑުމެންނަށްވެސް އުނދަގޫވި. ތިންވަނަ ސިޓީއަށް އަޅުގަނޑުމެން ޖަވާބެއް ނުދެން. އެއީ ޖަވާބު ދިނުމުގެ ބޭނުމެއް ނެތީ. އެހެންވީމަ މިހާ ވަރަށް އަޅުގަނޑުމެންގެ ދާހިލީ ކަންކަމަށް މި ވަންނަނީ ކީއްވެގެންތޯ،"
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނީ ގައުމުގެ މަސްލަހަތު ގެއްލިގެން ނުވަތަ ހަމަނުޖެހުމެއް ހިނގާފާނެތީ ނޫން ކަަމަށެވެ. އެފަދަ ކަމެއް ބަޔަކަށް ހިންގޭ ވަރަށްވުރެ އެމަނިކުފާނުގެ އިރުޝާދު ސިފައިންނާއި ފުލުހުންނަށް މާ ފުރިހަމައަށް ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޓިނު ނަގަން ޖެހުނީ އެންމެ ސަބަބަކާއި ހުރެގެން. އެއްގޮތަކަށްވެސް ދާހިލީ ހަމަނުޖެހުމެއް އޮވެގެނެއް ނޫން. އެއްގޮތަކަށްވެސް ރާއްޖޭގައި އުދުވާނީ ހަމަލަތަކެއް އައިސްދާނެތީއެއް ނޫން. ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލި މަގުތަކުގައި އަމާންކަން ގެއްލިދާނެތީއެއްވެސް ނޫން. އަދި އެކިއެކި ގުރޫޕްތައް ނިކުމެ މަގުމަތީ ތަޅާފޮޅާނެތީއެއްވެސް ނޫން. އަދި މުރައިދޫ ގަނޑުވަރުގެ ރަދުން މަގާމުން ވަކިވެގެންދިޔައިރު ތަންތަނުގައި ހުޅުޖަހާ ރޯކުުރުމުގެ ބާރާއި ކެޕޭސިޓީ އިދިކޮޅުގައި ހުރެގެނެއްވެސް ނޫން. އެއިން އެއްވެސް ކަމެއް އޭރު ދިވެހިރާއްޖެއަކު ނުކުރެވުނީސް. އެއަށްވުރެ މާބޮޑަށް އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކަށް ހުދު އަޅުގަނޑު ހިތްވަރު ދިނިން. އެއަށްވުރެ މާ އާދައިގެ ކަމެއްގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
އޭގެ ފަހަށް ދެން އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓްގެ ތެރެއަށް ފުލުހުން ވަދެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ޖެހުނު ސަބަބެވެ. ވިދާޅުވީ އެ ފަނޑިޔާރުންނަށް "ދީލަތި މަހުޖަނެއް"ގެ ފަރާތުން ފައިސާ ލިބިފައިވާ ކަމަށާ ތަނަވަސްކަމާ ނުބައްދަލު އެޕާޓްމަންޓްތަކެއްގެ ހުޅުމާލެ އާއި މެލޭޝިޔާގައި ހުރިކަމުގެ މައްސަލަތަކެއް ފެންމަތިވި ކަމަށެވެ.
ނަމަވެސް އޭރު އެ ބޭފުޅުން ތިއްބެވީ އެއިން ކަމެއް ނުބެއްލެވޭނެ ގޮތަށް އަމިއްލައަށް ގަވާއިދެއް ހައްދަވައިގެން ކަމަށެވެ. އެއީ ސުޕްރީމް ކޯޓްގެ އެއްވެސް ފަނޑިޔާރަކު ފަނޑިޔާރުންގެ ބެންޗުން ނިންމައިގެން މެނުއީ ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް ފާސްކޮށްފައި އޮތް ގަވާއިދެއް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ގެނައީ "ވިޔާނުދާ އެ ގަވާއިދު" ސަސްޕެންޑް ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ނޫނިއްޔާ ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވޭނެ ގޮތެއް ނޯވޭ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ހުއްދަ ދޭ ހާލަތާއި ގުޅިގެން ހެދިފައި ހުންނަ ގާނޫނުތައް ނޫނީ އުސޫލުން ބޭރުން ނޫނިއްޔާ އުސޫލާ އެއްގޮތަށް ގާނޫނާއި ގަވާއިދުތައް ސަސްޕެންޑްކުރުމުގެ ބާރު ކުއްލި ނުރައްކަލުގެ ހާލަތުން ދޭ. އެއީ އަޅުގަނޑުމެންގެ ދުސްތޫރުން ކަށަވަރުކޮށްދޭ ހައްގެއް. ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުކޮށްދޭ ހައްގެއް. އޭރު ސުޕްރީމްކޯޓްގެ އެންމެ އިސް ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސައީދު. އޭނައާ ޖެހިގެން އެންމެ އިސް ފަނޑިޔާރަކަށް ހުރީ އަލީ ހަމީދު. މި ދެ ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެގެން ދިޔައީ. ހުޅުމާލޭގައި އެ ބޭފުޅުން ކުއްލިއަކަށް ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކެއް ފެނިގެންދިޔައީ. މެލޭޝިޔާގެ ކުއަލަލަންޕޫރުގައި އެ ބޭފުޅުން ބައްލަވައިގެންފައިހުރި އެ ބޭފުޅުންގެ ތަނަވަސްކަމާ ނުބައްދަލު އެޕާޓްމަންޓްތަކެއްގެ މައްސަލަ ފެންމަތިވެގެން ދިޔައީ. މި ހަގީގަތްތައް ފުލުހުން ހާމަކޮށްދެއްވި،"
ރައީސް ޔާމީން ވިދާޅުވީ އެ ދެ ފަނޑިޔާރުން ހިންގަވައިގެން އޭރު ތިއްބެވީ ކޮރަޕްޝަންގެ ވިޔާނުދާ އަމަލުތަކެއް ކަމަށާ އޭރު މަނީ ލޯންޑަރިންގެ ގަވާއިދު އޮތްނަމަ ވަރަށް ފުރިހަމައަށް އެ ކުށުގެ ތެރެއަށް އެ ދެ ބޭފުޅުން ފެތުނީސް ކަމަށެވެ. އަދި ދިފާއަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް މިންވަރަށް ހެކި ހުރި ކަމަށް ވިދާޅުވިއެވެ.