ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގައި މިއަދު އޮތް ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އޮތީ އޭރު ޖަލުގައި ތިއްބެވި ސިޔާސީ ހުރިހާ ބޭފުޅުން މިނިވަން ކުރެއްވުމަށެވެ. އެ އަމުރު ނެރުއްވުމުގެ ކުރީން ވަރަށް ވަރުގަދަ ހަނދުކޭތައެއް ހިފާނެ ކަމަށް ވިދާޅުވެ ރައީސް މައުމޫން ޓްވީޓެއް ކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ފެބްރުއަރީ 1، 2018 އަކީ ރާއްޖެ ދުށް އެންމެ ބޮޑު ހަނދުކޭތަ ހިފި ރެއެވެ.
އެ އަމުރާއެކު ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް މައުމޫނެވެ. މައުމޫން ހައްޔަރުކުރި މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ތަފްސީލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރެއްވީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ.
އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއި އެކީގައި ދައުލަތަށް މަޖުބޫރުވީ. އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ނޫން އެއީކީއެއް،" ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއި އެކީގައި ދައުލަތަށް މަޖުބޫރުވީ. އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ނޫން އެއީކީއެއްއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރައްވަން ޖެހިވަޑައިގަތް ސަބަބުގެ ހަގީގަތް ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާތީ އެކަންކަން ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
އަދި މައުމޫން ޖަލަށް ލެއްވުމަކީ އެމަނިކުފާނުގެ ނިންމެވުމެއް ނޫން ކަމަށާ އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީކީއެއް. އެއީ ކޮމެޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށައެޅީވެސް އަޅުގަނޑެއް ނޫން. އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ. ނަމަވެސް ދަންނާލަން އޮތީ ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ އެ ވަގުތަކު ދައުލަތް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެ ގޮތުން އެޅި ފިޔަވަޅެއް އެޅީ،" ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީކީއެއް. އެއީ ކޮމެޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށައެޅީވެސް އަޅުގަނޑެއް ނޫން. އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ. ނަމަވެސް ދަންނާލަން އޮތީ ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ އެ ވަގުތަކު ދައުލަތް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެ ގޮތުން އެޅި ފިޔަވަޅެއް އެޅީއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ ފެބްރުއަރީ 6، 2018 ގައެވެ. އޭގެ ކުރީން އެމަނިކުފާނު ގެންދެވީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރަން ބާރު އަޅުއްވާ ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ.
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ފުލުހުން އެހެން ބައެއްގެ ލަފާ ހޯދާކަށް ނުޖެހޭނެ ކަމަށް ފެބްރުއަރީ 3، 2018 ގައި މައުމޫން ވިދާޅުވިއެވެ. ފެބުރުއަރީ އަމުރުން ހުދުމުހުތާރު ވެރިކަމުގެ މައިބަދަ ބިނދުނު ކަމަށް އޭގެ އެއް އަހަރު ފަހުން އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑު އަމުރަށް ފަހު މައުމޫން ހައްޔަރުކޮށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ގެންގުޅުއްވިއެވެ. ގިނަ ދައުވާތަކެއް އުފުލިއެވެ. ބައެއް ދައުވާތައް ސާބިތުވާ ކަމަށް ނިންމާ ޖަލު ހުކުމްތައްވެސް އިއްވިއެވެ. އެމަނިކުފާނަށް ދީފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ފަދަ ބައެއް ހުއްދަތައްވެސް ބާތިލުކުރިއެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެ ވެރިކަމުގެ ބާރުތައް ގެއްލުމާއެކު ރައީސް މައުމޫން މިނިވަންކުރުމަށް ކޯޓުން ހުކުމްކުރިއެވެ.
އަދި އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތައް ބާތިލުކުރިއެވެ.