1 ފެބުރުއަރީގެ އަމުރު

ތިން ފަނޑިޔާރުން ވަކިނުކުރި ސަބަބު ސާފުކޮށްދެއްވައިފި

ފެބްރުއަރީ 1، 2018 ގެ ބޮޑު އަމުރާއި ގުޅިގެން ބެލި މައްސަލަތަކުގައި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކި ނުކުރެއްވި ސަބަބު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ސާފުކޮށް ދެއްވައިފި އެވެ. ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން މި ފަހުން ރައީސް ޔާމީން ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވި ނަމަވެސް ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ވަކި ނުކުރެއްވި ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އަމުރުކޮށް ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާފައި ވެއެވެ. ނަމަވެސް ތަހުގީގުކޮށް ޖަލަށްލާ މަގާމުން ދުރުކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އަލީ ހަމީދެވެ.

ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކި ނުކުރެއްވި ސަބަބު ސާފު ކޮށްދެއްވާ ރަައީސް ޔާމީން ވިދާޅުވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ މައްސަލަ ބަލާ މަގާމުން ދުރުކުރަން ޖެހިވަޑައިގަތީ ރިޝްވަތުގެ ތުހުމަތު ކުރެވި ތަހުގީގުން އެކަން ސާބިތުވާ ވަރަށް ހެކި ހުރުމުން ކަމަށެވެ. ނަމަވެސް އަނެއް ތިން ފަނޑިޔާރުންގެ އެފަދަ މައްސަލައެއް ނެތް ކަމަށެވެ.

"އެ ހުކުމް [ފެބްރުއަރީގެ ބޮޑު ހުކުމް] ނެރުނު މީހުން އެއްވެސް ގޮތަކަށް އަދުލްއިންސާފުގެ ދާއިރާއަށް ދުވަހަކު ވެސް ކައިރި ކުރާކަށް ނުވާނެ. ދެން އަޅުގަނޑާ ސުވާލުވޭނެ ބައެއް ފަނޑިޔާރުން ބޭތިއްބީ ކީއްވެގެންތޯ. އެއީ އެ ފަނޑިޔާރުން ރަނގަޅު މަސައްކަތްތަކެއް ކުރައްވައިގެނެއް ނޫން. އޭގެ ތެރެއިން އެންމެ އިސްކޮށް ތިއްބެވި ދެ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ހުރެގެން އެ ބޭފުޅުންގެ މައްސަލަތައް ބަލަން ފެށިއިރު އެބޭފުޅުންގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބުނު. އެހެންވީމަ އެ ދެ ބޭފުޅުން ދުރަށްލާން ޖެހުނީ. ދެން ތިއްބެވި ތިން ބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތެއް ނުކުރޭ،"

ރައީސް ޔާމީން މިރޭވެސް ވިދާޅުވީ ފެބްރުއަރީ އެކެއްގެ އަމުރަކީ އެމަނިކުފާނު ވެރިކަމުން ދުރު ކުރުމަށް ނެރުނު އަމުރެއް ކަމަށެވެ. އަދި އޭގެ ކުރީންވެސް މެޖިސްޓްރޭޓް ކޯޓްތަކުން އެމަނިކުފާނު ހައްޔަރު ކުރަން އަމުރު ހޯދާ ހެދީ ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުންތަކެއް ގުޅިގެން ކަމަށެވެ.

ފެބްރުއަރީ އެކެއްގެ އަމުރަކީ މިހާރު އޮތް ސަރުކާރުގެ ހުރިހާ ވެރީންގެ ބައިވެރީން ބައިވެރީވުން އޮތް އަމުރެއް ކަމަށާ އެ މައްސަލަ ބަލާ އިންސާފު ގާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން އެކަމަށް މަދަދުވެރިވީ އޮފިސަރުންނާއި ފަނޑިޔާރުންގެ މައްސަލަތައްވެސް ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އޭރު މަސައްކަތް ކުރަމުން ގެންދިޔައީ ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުން އެއް ފަހަރާ ދުރަށްލައިފި ކަމަށް ވަންޏާ މި ދިވެހިރާއްޖެ އެކަންޏެއް ނޫން، މުޅި ދުނިޔެވެސް ފުންމައިގެންދާނެ ކަމެއް އެއީ. އެއީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރަކީ ދިވެހި ސަރުކާރާ އިދިކޮޅަށް ތިބި ލީޑަރުން އެކަނި ކުރި ކަމެއް ނޫން. އެއީ އިންޑިއާ ސަރުކާރާވެސް ގުޅިގެން އޭރު އޮތް ދިވެހި ސަރުކާރު އެ މީހުން ބުނާހާ ގޮތަކަށް ކަންކަން ނުކުރާތީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއް،"

ރައީސް ޔާމީން ވިދާޅުވީ ރިޝްވަތު ހުށައަޅައިގެން ބޮޑު އަމުރެއް ނެރުނީ ރައްޔިތުންގެ ވޯޓަކުން އެމްޑިޕީއަށް ވެރިކަމަށް ނާދެވޭނެކަން ކަށަވަރުވުުމުން ކަމަށެވެ. އަދި އިންޑިއާގެ މަދަދު އިދިކޮޅަށް ލިބުނީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އިން ބޭނުންވާ ގޮތަށް އަމަލު ކުރަމުން ނުދާތީ ކަމަށެވެ.