އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު އައްޔަން ކުރައްވައިފި އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީ މުހައްމަދު ވެސް ވަނީ މިއަދު އައްޔަން ކުރައްވާފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ގާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން ޑރ. އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވާ ކަމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަނެއް ދެ ބޭފުޅުން ވެސް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ކުރިން ހައިކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ވަޑައިގެންނެވީ އެ ބެންޗުގައި ހިމެނި ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަބްދުﷲ ސައީދާއި އަލީ ހަމީދަށް މަގާމު ގެއްލިގެނެވެ. ޑރ. ދީދީ އަށް އުއްތަމަ ފަނޑިޔާރުކަން ލިބި ވަޑައިގެންނެވީ އަބްދުﷲ ސައީދަށް ފަނޑިޔާރުކަން ގެއްލުމުން އުއްތަމް ފަނޑިޔާރުގެ މަގާމު ހުސްވެފައި އޮތުމުންނެވެ.
އުއްތަމަ ފަނޑިޔާރު ކަމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާއި ރޭ މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ބޭފުޅުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވައަށް ފަހު އެބޭފުޅުނަން ރައީސް އަބްދުﷲ ޔާމީން ވަނީ މަގާމުންގެ ލިޔުން އަރުވާފަ އެވެ.
އަހުމަދު އަބްުދުﷲ ދީދީގެ ކުރިން އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވީ އަބްދުﷲ ސައީދެވެ. އޭގެ ކުރިން އަހުމަދު ފާއިޒު ހުސައިނެވެ. އޭގެ ކުރީ މުހައްމަދު ރަޝީދު އިބްރާހީމެވެ.