ހަބަރު

ތިން ފަނޑިޔާރުންގެ ދެ މައްސަލައެއް ބަލަން ޖޭއެސްސީއިން ނިންމައިފި

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ދެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ދެ ޝަކުވާއެއް ތަހުގީގު ކުރުމަށެވެ. އެއީ ކޮން ދެ ޝަކުވާ ކަމެއް ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ.

މައްސަލަ ބަލަން ނިންމި ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ އަރީފަކީ ޖޭއެސްސީގެ ރައީސް ވެސްމެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީއިން ވަނީ ހަތް މެންބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނައިބު ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރު މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާ މެންބަރު ހިސާން ހުސެއިން ހިމެނެ އެވެ.

މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ރިޕޯޓް އެކުލަވާލައި ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ހުށަހަޅަން ވަނީ ލަފާ ދީފަ އެވެ.

ތިން ފަނޑިޔާރުންނާ ގުޅޭ ޝަކުވާގެ ތަފްސީލް ޖޭއެސްސީއިން ދީފައިނުވީ ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ހުރި ޝަކުވާތަކެކެވެ. އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލް ކުރީ މި ތިން ފަނޑިޔާރުންނެވެ.

އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދަށް އެ އަމުރާ ގުޅިގެން ރިޝްވަތު ތުހުމަތުކޮށް ހައްޔަރުކޮށް ޖަލަށް ވެސްލި އެވެ. ނަމަވެސް ތިން ފަނޑިޔާރުންނަށް އެއްވެސް ތުހުމަތެއް ނުޖކުރެ އެވެ. އެ ބޭފުޅުންގެ ނިޔަތުގައި ވެސް މައްސަލައެއް ނެތް ކަމަށް އޭރު ދައުލަތުން ވަނީ ބުނެފަ އެވެ.