ހަބަރު

ދެ ފަނޑިޔާރުންނަށް ކޮށްފައިވާ ހުކުމްތައްް އިސްތިއުނާފަށް ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވާފައިވާ ދެ ހުކުމާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި އެވެ.

އެދެބޭފުޅުންނަށް އިއްވާފައިވާ ހުކުމްތައްވެސް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަތައް ހައި ކޯޓުން ބަލައިގެންފައިވާ ކަމެއް ސާފެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް އިވާފައިވަނީ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އުފުލާފައިިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އަށެވެ. އެ ދައުވާ އަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށްބުނެ އެދެބޭފުޅުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އެ ދެބޭފުޅުންގެ މައްޗަށް ދައުލަތުން އިތުރަށް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވެސް ކޮށްފައިި ވެއެވެ. އަދި އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.