ހަބަރު

ސިއްރު ހެއްކެއް ނޯވޭ، ޝަރީއަތުގައި ނެތް ކަމެއް ނުކުރެވޭނެ: މައުމޫން

ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާއިރު އިސްލާމީ ޝަރީއަތުގައި ނެތް ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެވެ. ރޭ އޮތީ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އެމަނިކުފާނާއެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ. އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ރައީސް މައުމޫންއާ ދެކޮޅަށް އެއް ސިއްރު ހެކިވެރިއެއް ހުށަހަޅާފައިވާއިރު ދެ ފަނޑިޔާރުންގެ މައްޗަށް ތިން ސިއްރު ހެކިވެރިން ހުށަހަޅާފައިވެ އެވެ.

ރޭގެ މަޖިލީހުގައި ރައީސް މައުމޫންއާ ދެކޮޅަށް އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރި މީހަކު ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކި ބަސް ދިނުމުން ރައީސް މައުމޫން ވިދާޅުވީ، "ސިއްރު ހެކިވެރިޔާ، އެހެނެއް އިސްލާމީ ޝަރީއަތުގައި ނެތް" ކަމަށެވެ.

"އެއީ އާންމު އުސޫލާ ވެސް ހިލާފު ކަމެއް، އިސްލާމީ ޝަރީއަތުގައި ނެތް ކަމެއް ރާއްޖޭގައި ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ހެކި ބަސް ދޭ މީހަކީ ދެކޮޅުވެރިއެއްތޯ އަދާވާތްތެރިއެއްތޯ ގާޒީ ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، "އަޅުގަނޑު އެކަން ބަލާނަން" ކަމަށެވެ.

ދެން ރައީސް މައުމޫން ވިދާޅުވީ، "ކިހިނެއްތޯ ބައްލަވާނީ، ގާޒީގެ އިތުރުން ދައުވާ ލިބޭ މީހާއަށް ވެސް އެނގެން ޖެހޭނެ އެއީ ކާކުކަން،" ކަމަށެވެ. އެގޮތަށް ވާހަކަފުޅު ކުރިއަށް ގެންދަވަން ފެއްޓެވުމުން ރައީސް މައުމޫންއަށް އިށީދެވަޑައިގެންނެވުމަށް ގާޒީ އެންގެވި އެވެ. ދެ ފަހަރަށް ގާޒީ އިށީދެނވަޑައިގަތުމަށް އެންގެވުމުން އެ އަމުރަށް ތަބާވެ އިށީދެނވަޑައިގަންނަވަމުން ވެސް ރައީސް މައުމޫން ވިދާޅުވީ، "ކިހިނެއްތޯ ގާޒީ ޔަގީން ކުރައްވާނީ،" ކަމަށެވެ.

ރައީސް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ރޭ ވަނީ އެ ވާހަކަ ދައްކަވާފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެކަށް ނުވާތީ ސިއްރުން ހެކި ބަސް ނެގުމާމެދު އެމަނިކުފާނު އިއުތިރާޒް ކުރައްވާ ކަމަށެވެ. ނަމަވެސް އެ އިއުތިރާޒް ގާޒީ ބަލައިނުގަންނަވަ އެވެ.

ފަނޑިޔާރު އަލީ ހަމީދު ވެސް ވިދާޅުވީ، ހެކި ބަސް ނެގުމުގައި އެމީހަކީ ދެކޮޅުވެރި މީހެއްތޯ އަދުވެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ. ފަނޑިޔާރު އެހެން ވިދާޅުވީ، ސިއްރުން އޭނާ އާއި ރައީސް މައުމޫންއާ ދެކޮޅަށް ހެކި ބަސް ދިނީ ދެކޮޅުވެރިއެއްކަން ހާމަކުރެއްވުމުގެ ގޮތުންނެވެ.

އަލީ ހަމީދު ވިދާޅުވީ، އޭނާގެ އެ ވާހަކަތަކަކީ މީގެކުރިން ޕަބްލިކް ޓީވީގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ހެކިދިން މީހަކީ މީހެއްގެ ފޯނު ހިފައިގެން ފަނޑިޔާރު ގެއަށް ވަނުމުން އެ ގެއިން ގަދަކަމުން ނެރެލި މީހެއް ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންއަށް ދަންނަވައިގެން އޭނާގެ މައްސަލަ ތަހުގީގުކޮށް ޖަލަށްލާފައިވާ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ. އެއަށްފަހު އަލީ ހަމީދު އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ވިދާޅުވެ އިށީނދެވަޑައިގަތެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ބޭނުންވެއްޖެނަމަ ހެކިން ސިއްރުކުރުމަށް ޝަރީއަތުގައި އެދެވޭނެ އެވެ. އަދި ހެކި ސިއްރު ހެކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްނަމަ ހެކި ސިއްރުކުރުމުގެ އަމުރު ގާޒީންނަށް ނެރުއްވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.