ހަބަރު

ވަކީލުން ނެތުމުން މައުމޫނާއި ފަނޑިޔާރުންނަށް ހެކިންނާ ސުވާލެއް ނުކުރެވުނު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހުރިހާ ހެއްކެއްގެ ހެކި ބަސް ނަގައި، ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވެއްޖެ އެވެ.

މިރޭ ކުރިމިނަލް ކޯޓުގައި މި މައްސަލާގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ފަސް ހެއްކެއްގެ ހެކި ބަސް ނަގާފައިވެ އެވެ. މީގެކުރިން ތިން ސިއްރު ހެއްކެއްގެ ހެކި ބަސް ކުރީގެ އަޑުއެހުމުގައި ނަގާފައިވެ އެވެ. މިރޭ ހެކި ބަސް ނަގާފައިވަނީ ދެ ފަނޑިޔާރުން ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގި ދެ ފުލުހަކާއި މައުމޫން ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގި ދެ ފުލުހެއްގެ އިތުރުން ސިއްރު ހެއްކެއްގެ އެވެ.

އެންމެ ފުރަތަމަ ހެކި ބަސް ނަގާފައިވަނީ ދެ ފަނޑިޔާރުން ހައްޔަރުކުރުމަށް އުޅުނު ދެ ފުލުހުން ކަމަށްވާ އިސްމާއިލް ވިރުދާން އާއި މުހައްމަދު ސާމިހުގެ ހެކި ބަހެވެ. ހެކި ބަސް ދެމުން ދެ ފުލުހުން ވެސް ދައްކާފައިވަނީ އެއް ވާހަކަތަކެކެވެ. އެގޮތުން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ އޭވީ ރޫމްގެ ތެރޭގައި ތިއްބަވަނިކޮށް އެ ދެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދިނުމަށް އެދުމުން ފޯނު ދީފައިނުވާ ކަމަށް އެ ފުލުހުން ބުންޏެވެ.

"އެއް ފަހަރު ބުނި ފޯނު ނެތޭ، އަނެއް ފަހަރު ބުނި ނުދޭނަމޭ ވެސް، އޭވީ ރޫމްގައި ފޯނު ނުގެންގުޅެވޭ ކަމަށް ވެސް ބުނި،" ހެކި ބަސް ދެމުން ބުންޏެވެ.

ފޯނު ދިނުމަށް ދެ ފަނޑިޔާރުން ވެސް އިންކާރު ކުރައްވާތީ އޭވީ ރޫމާއި މުޅި ސުޕްރީމް ކޯޓު ބަލާ ފާސްކުރި ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ފޯނު ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ފޯނު ދޭން އެދުމުން، އެތަނަށް ވަތް ފުލުހުންނަކީ ކުށްވެރިން ކަމަށާއި ކުށްވެރިން ބުނާ ގޮތް ހަދަން ނުޖެހޭ ކަމަށް ފަނޑިޔާރުން ވިދާޅުވި ކަމަށް ވެސް ވިރުދާން ހެކި ބަސް ދެމުން ބުންޏެވެ.

މި ވާހަކަތައް އެ ފުލުހުން ދެއްކީ ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. ހެކިންނާ ސުވާލުކުރުމަށް އުއްތަމަ ފަނޑިޔާރަށް ފުރުސަތު ދެއްވުމުން ވިދާޅުވީ، ކުރަން ބޭނުންވާ ސުވާލު އެބަހުރި ކަމަށާއި ނަމަވެސް ސުވާލު ކުރަން ބޭނުން ވަނީ ވަކީލެއް މެދުވެރިކޮށްގެން ކަމަށެވެ. އަލީ ހަމީދު ވެސް ވިދާޅުވީ، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނާ ވެސް އެކު ސުވާލުކުރުމަށް ބޭނުން ވަނީ ވަކީލުންނާއެކު ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލުންގެ ފުރުސަތު އެ ދެ ބޭފުޅުންނަށް ވެސް އަބަދުވެސް އޮތީ ހުޅުވިފަ ކަމަށާއި ވަކީލުންގެ ފުރުސަތު ޝަރީއަތުން ބަންދު ނުކުރާ ކަމަށެވެ. ކޮންމެ ވަގުތެއްގައި ވެސް ވަކީލެއް އައްޔަން ކުރެވިދާނެ ކަމަށާއި މިރޭގެ އަޑުއެހުމަށް ވެސް ވަކީލަކު ގޮވައިގެން ވަޑައިގެންނެވުނީސް ކަމަށެވެ.

ދެ ފަނޑިޔާރުންނާއި ރައީސް މައުމޫންގެ ވަކީލުން ވަނީ މީގެކުރީ އަޑުއެހުންތަކުގައި މައްސަލައިން ތަނާޒަލްވެފަ އެވެ. މައްސަލައިން ވަކީލުން ތަނާޒަލްވީ، އެ ޝަރީއަތް ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ތިން ބޭފުޅުން ވެސް ދަނީ ތަކުރާރުކޮށް ވަކީލެއް އައްޔަން ކުރަން އިތުރު ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. ދައުލަތުން ވެސް ވަނީ ހެކިންގެ ހެކި ބަސް ނަގާއިރު ވަކީލުން ހާޒިރުވެ ތިބުމުގެ މުހިންމުކަން ޝަރީއަތުގައި ފާހަގަކުރައްވާފަ އެވެ. ނަމަވެސް މިރޭގެ އަޑުއެހުމުގައި ހެކި ބަސް ނެގުން ކުރިއަށް ގެންދިޔައީ އެއްވެސް ވަކީލެއް ޝަރީއަތުގެ މަޖިލީހުގައި ނެތި އެވެ.

ރައީސް މައުމޫން ހައްޔަރުކުރުމުގެ އޮޕަރޭޝަންގައި އުޅުނު ހުސެއިން އަޒްމީލާއި މުހައްމަދު ލަތީފްގެ ހެކި ބަސް ވެސް މިރޭ ނަގާފައިވާއިރު އެމީހުން ވެސް ބުނީ، ރައީސް މައުމޫން ތަހުގީގަށް ފޯނު ނުދެއްވި ކަމަށެވެ. މ. އެންދެރިމާގޭގައި ރައީސް މައުމޫން ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދިނުމަށް އެދުމުން ފޯނުގައި މިވަގުތު އަތުގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށާއި އަދި ދަރިކަނބަލަކަށް ފޯނު ފެނޭތޯ ހޯދުމަށް އެންގެވި ކަމަށެވެ. ނަމަވެސް ދަރިކަނބަލުން އަދި އަނބިކަނބަލުން ވެސް ވަނީ ފޯނު ހޯއްދެވުމަށްފަހު ފޯނު ނުފެނުނު ކަމަށް ވިދާޅުވެފަ ކަމަށް އެ ފުލުހުން ބުންޏެވެ.

އެހެންވެ، ރައީސް މައުމޫން އުޅުއްވާ ކޮޓަރި ކޮޅާއި އެމަނިކުފާނާ ގުޅުންހުރި އެހެން ތަންތަން ފާސްކުރި ކަމަށާއި ނަމަވެސް ފޯނު ފެނިފައިނުވާ ކަމަށް ބުންޏެވެ.

އެ ހެކިވެރިންނާ ސުވާލުކުރުމަށް ރައީސް މައުމޫނަށް ވެސް ފުރުސަތު ދެއްވި އެވެ. ކޮޅަށް ތެދުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވިދާޅުވީ، ހެކިންނާ ކުރާނެ ސުވާލު އެބަހުރި ކަމަށާއި ނަމަވެސް ވަކީލެއް ނެތި ސުވާލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ ވަކީލެއް ހޯދަން ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވިދާޅުވީ، އެއީ ބަންދުވެފަ އޮތް ފުރުސަތެއް ނޫން ކަމަށާއި އިތުރަށް ވަކީލެއް ހޯދަން މުއްދަތެއް ދޭން ނުޖެހޭ ކަމަށެވެ.

ދެން ހެކި ބަސް ނަގާފައިވަނީ ސިއްރު ހެކިވެރިއެއްގެ އެވެ. އޭނާއަކީ ދެ ފަނޑިޔާރުންނާ ފޯނުންނާއި ގުޅާ ބައްދަލުކޮށް ހަދާ މީހެކެވެ. އޭނާ މިރޭ ދިން ހެކި ބަހުން އެއްވެސް ކަމެއް ސާފެއް ނުވެ އެވެ. އެނގުނުހާ ވެސް އެއްޗަކީ 2014 ވަނަ އަހަރުން ފެށިގެން ދެ ފަނޑިޔާރުންނާ އެކި ގޮތްގޮތަށް މުއާމަލާތްތައް ކޮށްފައިވާ ކަމެވެ. ފޯނުން ދެ ފަނޑިޔާރުންނަށް ކުރެވިފައިވާ މެސެޖްތަކެއް ތަފްސީލަށް ދައުލަތުން އެހުމުން އޭނާ ވަނީ އެ ވާހަކަތައް ދެއްކުމަށް އިންކާރުކޮށްފަ އެވެ. އެ ވާހަކަތައް ދައްކައިފިނަމަ އޭނާއަކީ ކާކުކަން އެނގިގެންދާނެ ކަމަށް އަޑު ބަދަލުކޮށްގެން އޯޑިއޯ މެދުވެރިކޮށް ހެކި ބަސް ދިން މީހާ ބުންޏެވެ.

އެހެންވެ ދައުލަތުން ވެސް އިތުރު ސުވާލެއް ނުކުރެ އެވެ. އޭނާ ތަހުގީގަށް ދީފައިވާ ބަޔާނުގައި ކަންކަން ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާކަން ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ. އަދި އެ ބަޔާނަކީ ތެދު ބަޔާނެއްތޯ އެހުމުން ހެކިވެރިޔާ އެއީ ތެދު ބަޔާނެއް ކަމަށް ބުނެ އެވެ. މި ހެކިވެރިޔާއާ ސުވާލުކުރުމަށް ފުރުސަތު ދިނުމުން ވެސް ދެ ފެނޑިޔާރުން ވަނީ ސުވާލު ކުރެއްވުމަށް އަޒުރުވެރިވެފަ އެވެ.

ސިއްރު ހެއްކަކީ ދޮގު ހެއްކަށް ހުޅުވޭ ދޮރެއް: މައުމޫން

ސިއްރުން ހެކި ބަސް ނެގުމުން ރައީސް މައުމޫން ވަނީ ކޮޅަށް ތެދުވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް މައުމޫން ވަނީ ސިއްރުން ހެކި ބަސް ނެގުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމާއި އެއީ ޝަރީއަތުން ހުއްދަ ކުރާ ކަމެއް ވެސް ނޫން ކަމަށެވެ. އެކަމުގެ ދަލީލު ދައްކަވަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތުގައި އޮންނަނީ ހެކިވެރިންނަކީ އަދުލުވެރި ބަޔަކަށް ވާންޖެހޭނެ ކަމަށް ކަމަށާއި އެކަން ގާޒީ ކަށަވަރުކުރަން ވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ސިއްރުން ހެކި ބަސް ނަގާއިރު އެއީ އަދުލުވެރިއެއްތޯ ކަށަވަރުކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންވެ ސިއްރުން ހެކި ބަސް ނެގުމަކީ ދޮގު ހެކި ބަސް ދިނުމަށް ހުޅުވާލާ ނުރައްކާތެރި ދޮރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ދޮގު ހެކި ބަސް ދިނުމަކީ ބޮޑުވެގެންވާ ފާފައެއްކަން ދަލީލުކޮށްދޭ ޤުރުއާންގެ އާޔަތްތަކާއި ރަސޫލާގެ ހަދީޘްތައް ވިދާޅުވެ ދެއްވާފަ އެވެ. އަދި، ވަނީ ދައުލަތާ ސުވާލެއް ކުރައްވާފަ އެވެ. ސިއްރުން ހެކި ބަސް ނެގުން އިސްލާމީ ޝަރީއަތުގައި ހުއްދަ ކުރަނީ ކޮން އާޔަތަކުން ކޮން ހަދީޘްއަކުން ކޮން އިލްމްވެރިއެއްގެ ރައުޔުންތޯ އެއްސެވި އެވެ.

އެއަށް ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ދެއްވީ ކުރު ޖަވާބެކެވެ. ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު ގާނޫނެއް ރާއްޖޭގައި ހަދާ އަމަލު ނުކުރޭވެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެކި ބަސް ނެގޭނެ ކަމާއި އެކަން ކުރެވޭނެ އުސޫލެއް ބަޔާންކޮށްފައިވާ ކަމަށެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާނަމަ އެ ގާނޫނަށް އަމަލު ކުރަމުން ނުދާނެ ކަމަށް ވެސް ރީޝާ ވިދާޅުވި އެވެ.

ރީޝާގެ ޖަވާބަށްފަހު ރައީސް މައުމޫން ވަނީ އިތުރަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވެ އަތް މައްޗަށް ނަންގަވާފަ އެވެ. ނަމަވެސް ގާޒީ ނަޖީބު ވިދާޅުވީ މައުމޫނަށް ދެން ފުރުސަތެއް ނެތް ކަމަށެވެ.

ދައުލަތުން ހުށަހެޅި ހުރިހާ ހެއްކެއްގެ ހެކި ބަސް މިރޭ ނެގިއިރު ދެ ފަނޑިޔާރުންގެ ފަރާތުން ދިފާއީ ހެކި ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ހެކިންގެ ހެކި ބަސް ނުނަގަން ގާޒީ މިރޭ ނިންމެވި އެވެ. ގާޒީ ވިދާޅުވީ، ދައުލަތުގެ ހެކި ބަސް ނެގިފައިވާއިރު ދިފާއީ ހެކިންގެ ހެކި ބަސް ނަގާނެ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ ދެން މައްސަލާގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށާއި އެކަމަށް އަންނަ އަންގާރަ ދުވަހު އަޑުއެހުމެއް އޮންނާނެ ކަމަށެވެ. ގާޒީ އެހެންވެ ވިދާޅުވެ ކޮޅަށް ތެދުވެވަޑައިގެންނެވިއިރު ރައީސް މައުމޫން އިއްނެވީ ކަމެއް ފާހަގަކުރެއްވުމަށް އަތް މައްޗަށް ނަންގަވައިގެންނެވެ. ނަމަވެސް ރައީސް މައުމޫނަށް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.