ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިން ދިން ހެކި ބަސްތަކާ ގުޅިގެން ފަނޑިޔާރުން ކޯފާވެ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފި އެވެ.
މިރޭގެ އަޑުއެހުމުގައި ޖުމްލަ ތިން ހެއްކެއްގެ ހެކި ބަސް ނަގާފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ހެކި ބަސް ނަގާފައިވަނީ ރައީސް މައުމޫންގެ އަރިހުގައި ކުރިން މަސައްކަތް ކުރި މީހެއްގެ ހެކި ބަހެވެ.
ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށް ހެކި ބަސް ދެމުން އޭނާ ބުނީ، އަލީ ހަމީދާއި މައުމޫންއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަކަން ފާހަގަ ކުރެވޭ ކަމަށާއި މައުމޫން އެދިވަޑައިގެން ވަރަށް ގިނައިން އަލީ ހަމީދުގެ ގާތަށް ގޮސްފައިވާނެ ކަމަށެވެ. އަދި މައުމޫން ހަވާލު ކުރައްވާ ލިޔުންތައް އަލީ ހަމީދަށް ދެއްވާ ކަމަށެވެ. ބައެއް ފަހަރަށް އަލީ ހަމީދުގެ ފޯނަށް ނުގުޅިއްޖެނަމަ އޭނާ އަލީ ހަމީދު ކައިރިއަށް ފޮނުވައިގެން އޭނާގެ ފޯނުން ވެސް މައުމޫން ވާހަކަ ދައްކަވާ ކަމަށް ވެސް ބުންޏެވެ.
އޭނާ އަލީ ހަމީދު ގާތަށް ޝަރީއަތާ ގުޅޭ ލިޔުންތައް ހިފައިގެން ދިޔައީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދުގަ ކަމަށް ފުރަތަމަ ބުންޏެވެ. އަދި އޭރު އަލީ ހަމީދު ގެންގުޅުއްވާ ނަންބަރާއި މައުމޫން ގެންގުޅުއްވާ ދެ ނަންބަރެއް ޝަރީއަތުގެ މަޖިލީހަށް އިއްވި އެވެ.
ދައުލަތުގެ ވަކީލްގެ ސުވާލުތައް ނިމުމުން ދެ ފަނޑިޔާރުން ވެސް ވަނީ އެ ދެ ބޭފުޅުންގެ ވަކީލުން އެ މައްސަލަ ދޫކޮށްލެއްވުމަށް އަންގަވާފަ އެވެ. އެއީ އެ މައްސަލާގައި ވަކީލުން ތިއްބަވައިގެން ވަކި ލިބޭނެ އިންސާފެއް ނެތް ކަމަށް އެ ދެ ބޭފުޅުން ގަބޫލު ކުރައްވާތީ އެވެ. އެ މައްސަލަ ދެން ކުރިއަށް ގެންދެވީ ދެ ފަނޑިޔާރުން އަމިއްލަ ފުޅަށެވެ. އެގޮތުން ފުރަތަމަ ސިއްރު ހެކިވެރިޔާއަށް ސުވާލުތައް އަލީ ހަމީދު އަމާޒު ކުރެއްވި އެވެ. އެގޮތުން އޭނާ 2014 ވަނަ އަހަރު ގެންގުޅުނީ ކޮން ނަންބަރެއްތޯ އެއްސެވި އެވެ. ހެކިވެރިޔާ ވަނީ އޭނާ ކުރިން ޝަރީއަތަށް އިއްވި ނަންބަރު ތަކުރާރު ކުރައްވާފަ އެވެ.
"ވަރަށް ސާބިތުކަމާ ކެރިހުރުމާއެކު މި ދަންނަވަނީ ތި ނަންބަރަކީ އަޅުގަނޑު 2014 ވަނަ އަހަރުގެ ފަހުން ނަންބަރެއް،" އަލީ ހަމީދު ވިދާޅުވި އެވެ.
ދޮގު ހެކިވެރިންނަށް އޮތީ ނަރަކައިގެ އަލިފާން: އަލީ ހަމީދު
އަލީ ހަމީދު އެ ހެކިވެރިޔާއާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އަލީ ހަމީދު ވިދާޅުވީ، އޭނާގެ އެ ވާހަކަތަކަކީ މީގެކުރިން ކޮންމެ ވެސް މީހަކު ޕަބްލިކް ޓީވީގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ހެކި ބަސް ނެގުމުގައި އެމީހަކީ ދެކޮޅުވެރި މީހެއްތޯ އަދުވެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ.
ހެކިދޭ މީހަކީ މީހެއްގެ ފޯނު ހިފައިގެން ފަނޑިޔާރު ގެއަށް ވަނުމުން އެ ގެއިން ގަދަކަމުން ނެރެލި މީހެއް ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންއަށް ދަންނަވައިގެން އޭނާގެ މައްސަލަ ތަހުގީގުކޮށް ޖަލަށްލާފައިވާ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ. އެއަށްފަހު އަލީ ހަމީދު އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ވިދާޅުވެ އިށީނދެވަޑައިގަތެވެ.
އަނެއްކާވެސް ދައުލަތުގެ ވަކީލް ރީޝާ ސުވާލުތައް ކުރެއްވި އެވެ. އެގޮތުން 2014ގެ ފަހުން ވެސް އަލީ ހަމީދަށް މައުމޫންގެ ލިޔުންތަކެއް ގެންގޮސްދިނިންތޯ ސުވާލު ކުރެއްވި އެވެ. ކުރިން ދެއްކި ވާހަކައާ ފުށުއަރާ ގޮތަށް ހެކިވެރިޔާ ވިދާޅުވީ، ޕީޕީއެމް މުސްތަޝާރާ ހަވާލުކުރި މައްސަލަ ހައިކޯޓުން ނިންމާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދުވަސްވަރު އަލީ ހަމީދުގެ ފޯނަށް ނުގުޅިގެން މައުމޫން، އޭނާ އަލީ ހަމީދު ގާތަށް ފޮނުއްވި ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
އެއާ ގުޅިގެން ކޮޅަށް ތެދުވެވަޑައިގެން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ، ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި، ދޮގު ހެކި ބަސް ދޭ މީހުންނަށް އޮތް އަޒާބަކީ ނަރަކައިގެ އަލިފާން ކަމަށް ވިދާޅުވި އެވެ.
ދޮގު ހެކިވެރިންނަށް އޮތީ ނަރަކައިގެ އަލިފާން، ސީދާ ނަރަކައިގެ އަލިފާންއަލީ ހަމީދު
ހެކިވެރިޔާއާ ސުވާލުކުރުމަށް ރައީސް މައުމޫންއަށް ފުރުސަތު ދެއްވުމުން އެމަނިކުފާނު ވިދާޅުވީ، ހެކިވެރިޔާ ސީދާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް އެ ހެކިވެރިޔާ ދައްކާ ވާހަކަތަކާ ބުހުތާނު ދޮގު ކަމަށް އެމަނިކުފާނު ވެސް ވިދާޅުވި އެވެ. އެ ވާހަކަތަކަށް މުތުލަގަށް އިންކާރު ކުރައްވާ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރުގެ ވާހަކަ ދޮގުކުރަން މުވައްޒަފެއްގެ ބަސް ބޭނުނެއް ނުވޭ"
މިރޭ ވަނީ ސުޕްރީމް ކޯޓުގެ މުވައްޒަފެއްގެ ހެކި ބަސް ވެސް ސިއްރުން ނަގާފަ އެވެ. އޭނާގެ ހެކި ބަަސް ނެގީ ސުޕްރީމް ކޯޓުގެ ވަކި ސަރަހައްދުތަކެއްގައި ފޯނު ގެންގުޅުން މަނާ ކަމާއި ދެ ފަނޑިޔާރުން ވެސް ފޯނު ގެންގުޅުއްވާކަން ސާބިތުކުރުމަށެވެ.
ހެކި ބަސް ދެމުން އޭނާ ބުނީ، ސުޕްރީމް ކޯޓުގައި ފޯނު ނުގެންދެވޭ ހިސާބެއް އޮންނަ ކަމަށެވެ. އެ އުސޫލު ފަނޑިޔާރުންނަށް ވެސް ހިނގާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ހެކި ބަސް ދެމުން ދިޔައިރު އުއްތަމަ ފަނޑިޔާރު އިންނެވީ އަތް ނަންގަވައިގެން ފުރުސަތަށް އެދިވަޑައިގެންނެވެ.
ޝަރީއަތުން ފުރުސަތު ދެއްވުމުން ވަރަށް ކޯފާވެ ހުންނަވާ އެ މުވައްޒަފާ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ފަނޑިޔާރުން ފޯނު ވައްތާތޯ އެއްސެވި އެވެ. އޭނާ ބުނީ، އޭނާގެ ވަޒީފާގެ ޒިންމާ އޮންނަ ގޮތުން ޝަރީއަތުގެ މަޖިލީހަށް އޭނާ ނުވަންނަ ކަމަށެވެ. ދެން އުއްތަމަ ފަނޑިޔާރު އެއްސެވީ ދުވަހަކު ވެސް ފަނޑިޔާރަކު ޝަރީއަތުގެ މަޖިލީހުގައި ފޯނު ހިއްޕަވައިގެން އިންނަވާތީ ދުށުންތޯ އެވެ. އެއަށް ވެސް ހެކިވެރިޔާ ދިނީ ހަމަ އެ ޖަވާބެވެ.
ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ފޯނު ގެންގުޅުމުގެ އުސޫލެއް އެނގޭތޯ ވެސް އެއްސެވި އެވެ. އެއަށް ޖަވާބުގައި ހެކިވެރިޔާ ބުނީ، ފަނޑިޔާރުންނަށް ވަކި އުސޫލެއް އޮންނަކަން ނޭނގޭ ކަމަށެވެ. ނަމަވެސް މައްސަލަތައް އަޑުއަަހަން އަންނަ ފަރާތްތަކަށް ފޯނު ނުވެއްދޭކަން އެނގޭ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ދެން އެއްސެވީ، ފަނޑިޔާރުންގެ ފޯނާ ބެހޭ އުސޫލު ނޭނގޭއިރު ހުރިހާ ސަރަހައްދަކަށް ފޯނު ގެންދެވޭކަން ގަބޫލު ކުރަނީ ކީއްވެގެންތޯ އެވެ. އެއަށް ހެކިވެރިޔާ ސީދާ ޖަވާބެއް ނުދެ އެވެ.
ފަނޑިޔާރުން ބަހުސްކުރާ ކޮޓަރިއަށް ދުވަހަކު ވެސް ވަނިންތޯ ވެސް އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ. ޖަވާބުގައި އޭނާ ބުނީ އާނއެކޭ އެވެ. ބަހުސް ކުރަނިކޮށް ވަނިންތޯ އެއްސެވުމުން ބުނީ ނޫނެކޭ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވާ ގޮތުގައި އެ ކޮޓަރިއަށް ފަނޑިޔާރުން ފޯނު ނުވައްދަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި ކަންކަން ހަމަޖެހިފައިވާ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އުއްތަމަ ފަނޑިޔާރަށް ކަމަށާއި އުއްތަމަ ފަނޑިޔާރު ކަން އޮންނާނީ ވަކި ގޮތަކަށޭ ވިދާޅުވާއިރު އެކަން ދޮގުކުރަން ކޯޓުގެ މުވައްޒަފެއްގެ ހެކި ބަސް ނަގަން ނުޖެހޭ ކަމަށެވެ. ނަގާ ނަމަވެސް ނަގަންޖެހޭނީ ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒްގެ ނުވަތަ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ ހެކި ބަސް ކަމަށެވެ.
އެ ހެކިވެރިޔާއާ ފަނޑިޔާރު އަލީ ހަމީދު ވެސް ސުވާލު ކުރެއްވި އެވެ. އެގޮތުން އޭނާ ހައްޔަރުކުރި ދުވަހާއި އެ ރޭ ވަޒީފާއަށް ނުކުތިންތޯ އެއްސެވި އެވެ. ހެކިވެރިޔާ ބުނީ އޭނާ ހުރީ ޗުއްޓީގަ ކަމަށެވެ. ފަނޑިޔާރު ހައްޔަރުކުރި ރޭ އޭނާގެ އާއިލާއިން ހެކިވެރިޔާއަށް ގުޅިތޯ ވެސް އެއްސެވި އެވެ. ހެކިވެރިޔާ ބުނީ އެ ރޭގެ ވަގުތެއްގައި އަލީ ހަމީދުގެ ހަބަރެއް ނުވެގެން އާއިލާއިން ގުޅި ކަމަށެވެ. ދެން އޭނާ އަލީ ހަމީދުގެ ފޯނަށް ގުޅި ނަމަވެސް ފޯނަށް ކަނެކްޓް ނުވެ ކެނޑުނީ ކަމަށެވެ.
އެއް ހެއްކެއް ދެފަހަރަށް ހެކި ބަސް
ދެން ސިއްރުން ހެކި ބަސް ދީފައިވަނީ ކޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. ކާކުކަން ނޭނގޭ ގޮތަށް އޭނާ ހެކި ބަސް ދެމުން ބުނެފައިވަނީ ކޯޓުގައި ހިނގާ އެކިއެކި މައްސަލަތަކާ ގުޅިގެން އަލީ ހަމީދު ގުޅުއްވައި ބައްދަލުކުރައްވާ ވެސް ހައްދަވާ ކަމަށެވެ.
އަދި ވަކި ގޮތަކަށް މައްސަލަތައް ނިންމުމަށް އިރުޝާދު ދެއްވާ ކަމަށާއި އެކަންކަން ކޮށްދިނުން "ތެންކިއު ބްރަދާ" ފަދަ މެސެޖްތައް ވަޓްސްއެޕްއިން ފޮނުވާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އޭނާގެ ހެކި ބަސް ނަގާފައިވަނީ އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު ފޯނު ގެންގުޅުއްވާކަން ސާބިތުކުރުމަށާއި އެ ފޯނުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމާއި ރިޝްވަތު ހިފި ކަމުގެ ހެކި ހުންނާނެކަން ސާބިތުކުރުމަށެވެ.
އޭނާ ހެކި ބަސް ދެމުން ދިޔައިރު އުއްތަމަ ފަނޑިޔާރު ވަނީ އަތް މައްޗަށް ނެންގެވުމަށްފަހު އިއުތިރާޒް ކުރައްވާ ކަމަށް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭނާގެ އެ ހެކި ބަހަކީ މީގެކުރިން އެހެން މައްސަލައެއްގައި ނަގާފައިވާ ހެކި ބަހެއް ކަމަށާއި އެ މައްސަލާގައި ހެކި ބަސް ދެމުން ވެސް ދެއްކީ ހަމަ އެ ވާހަކަތައް ކަމަށެވެ. އެއް ހެކި ބަހެއް މެދުވެރިކޮށް ދެ މައްސަލައެއް ސާބިތުކުރުމަކީ އަދުލު އިންސާފުގެ ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރު އަލީ ހަމީދު ވެސް އުއްތަމަ ފަނޑިޔާރަށް ތާއިދު ކުރައްވާ ވާހަކަ ދެއްކެވި އެވެ. އަލީ ހަމީދު ވިދާޅުވީ، ޑަބަލްކޮށް އެއް މައްސަލައެއްގައި އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ހުއްދަ އަދި ސައްހަ ކަމެއް ވެެސް ނޫން ކަމަށެވެ.
އެއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވިދާޅުވީ، މި ހެކިވެރިޔާގެ ހެކި ބަސް މީގެކުރިން ނަގާފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުކުރުމަށް ކަމަށާއި އެ މައްސަލާގައި ހެކީގެ ހެކި ބަހުން ސާބިތުކުރިން އެހެން ކަންތައްތަކެއް ކަމަށެވެ. ނަމަވެސް މި މައްސަލާގައި ސާބިތުކުރަން ބޭނުން ވަނީ އިތުރު ކަންތައްތަކެއް ކަމަށެވެ. ނަމަވެސް ހެކިވެރިޔާ ހެކި ބަސް ދެމުން ދެ މައްސަލާގައި ވެސް ދެއްކީ ހަމަ އެއް ވާހަކަތަކެކެވެ. ދެއްކީ އެއް ހާދިސާތަކެއްގެ ވާހަކައެވެ.
އެގޮތުން ދުވަހު ނޫސް، ހަވީރު މައްސަލަ އާއި ވިލާގެ މައްސަލަތަކާ ގުޅިގެން އަލީ ހަމީދު ގުޅުއްވާ ހެއްދެވި ކަމަށް ހެކިވެރިޔާ ބުނެފައިވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ފޯނުން އުއްތަމަ ފަނޑިޔާރާ އެއްވެސް މުއާމަލާތެއް ނުކުރައްވާ ކަމަށާއި އަބަދުވެސް ގުޅުއްވަނީ އަލީ ހަމީދުގެ ފޯނުން ކަމަށް ވެސް ބުންޏެވެ.
ދެ ފަނޑިޔާރުން އެ ހެކީގެ ހެކި ބަހާ ގުޅިގެން އިއުތިރާޒް ފާހަގަކުރެއްވި ނަމަވެސް ގާޒީ ހަސަން ނަޖީބު ވަނީ އެ އިއުތިރާޒް ބަލައިނުގަތުމަށް ނިންމަވާފަ އެވެ.
ތިން ހެކިވެރިންގެ ހެކި ބަސް ނަގާ ނިމުނުއިރު ގަޑިން ވަނީ ރޭގަނޑު 1:00 ވެފަ އެވެ. އެހެންވެ ރައީސް މައުމޫން ވަނީ އަޑުއެހުން ދެން ނިންމާލުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީހާލު ކޮޅު ހުރި ގޮތުން ގިނައިރު އިށީވަޑައިގެން އިންނަވަން އުނދަގޫ ކަމަށެވެ. އަދި ދަތުރެއްކޮށް ވަޑައިގަންނަވަން އުނދަގޫ ކަމަށެވެ. މާދަމާ ރެއަށް ވެސް ހަމަ މި މައްސަލާގެ އަޑުއެހުމެއް މިހާރު ތާވަލުކޮށްފައިވާތީ އެ އަޑުއެހުން ފަސްކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.
އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވީ، އެމަނިކުފާނު ރޭ ހުންނެވީ ހާރު ވެސް ނުކައި ކަމަށެވެ. އިއްޔެ ވެސް އެއްކޮށް އުޅެން ޖެހުނީ ކޯޓުގަ ކަމަށާއި އިއްޔެ ރޯދަ ވީއްލި ގޮތަށް ކާއެއްޗެއް ކެއީ މިއަދު ރޯދަ ވިއްލަމުން ކަމަށެވެ. އެމަނިކުފާނުގެ ހަޑިގަނޑާއި ފުރާނައަށް އަޑުއެހުންތައް ތާވަލުކުރާ ގޮތުން ގެއްލުންވަމުންދާ ކަމަށެވެ.
ގާޒީ ހަސަން ނަޖީބު ވިދާޅުވީ، މިރޭ ހާޒިރު ކުރެވެން އޮތީ ތިން ހެކިވެރިން ކަމަށާއި އެ ތިން ހެކިވެރިންގެ ހެކި ބަސް ނިމުމުން މިރޭގެ އަޑުއެހުން ނިންމާލާ ކަމަށެވެ. ނަމަވެސް މާދަމާ ރެއަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ނުކުރައްވަ އެވެ. ދެން ހުރި ހެކިންގެ ހެކި ބަސް ނެގުން މާދަމާ ރޭ އޮންނާނެ އެވެ. އެއީ ސިއްރު ހެއްކަކާއި ހަތަރު ފުލުހެއްގެ ހެކި ބަހެވެ.
ރޭ ވެސް މި މައްސަލާގެ އަޑުއެހުމެއް އޮތްއިރު އެ ތިން ބޭފުޅުން ވަރަށް ގިނައިރު ވަންދެން ކޯޓުގައި ތިއްބެވި އެވެ. މިރޭ ވެސް ތިން ބޭފުޅުން ކޯޓަށް 9:00 އަށް ގެނައިއިރު އަޑުއެހުން ނިމުނުއިރު ހުރީ 1:00 ވެފަ އެވެ. މިއަދު ދުވާލު ހައިކޯޓުގައި ދެ ފަނޑިޔާރުންގެ ޝަރީއަތެއް ވެސް އޮތެވެ.