ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުން މައްސަލައިން ތަނާޒަލްވެފައިވާތީ އިތުރު ވަކީލުން އައްޔަން ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ވިދާޅުވެ ހުންނަވަނިކޮށް ކުރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށް ގެންގޮސްފި އެވެ.
ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ މައްސަލައިން ރައީސް މައުމޫންގެ ތިން ވަކީލުން މިރޭ ވަނީ ތަނާޒަލްވެފަ އެވެ. އެ ބޭފުޅުން އެ ނިންމެވުމުން ނިންމެވީ އެ ޝަރީއަތް ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.
މިރޭ ވަރަށް ލަސްވި ފަހުން މައްސަލާގެ އަޑުއެހުން ފެށުނުތާ ރައީސް މައުމޫން އަތް ނެންގެވުމަށްފަހު އެމަނިކުފާނުގެ ވަކީލުން ތަނާޒަލްވެފައިވާތީ ވަކީލުން ހޯދުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަތެވެ. މައްސަލާގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ އެހެން ވަކީލުން އައްޔަންކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަށް ދެވެން އޮތް ދިގު މުއްދަތެއް ދެއްވުމަށް އެދިވަޑައިގަތެވެ.
މައްސަލަ ބައްލަވާ، ވަރަށް ފަހުން ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލުން ތަނާޒަލްވުމަށް ކޯޓަށް ސިޓީ ހުށަހެޅުއްވީ ރަސްމީ ގަޑީގައި ނޫން ކަމަށެވެ. ނަމަވެސް މައްސަލައިން ތަނާޒަލްވުމުގެ ހައްގަކީ ވަކީލުންނަށް އަބަދުވެސް އޮންނާނެ ހައްގެއް ކަމާއި އެހެންވެ އެ ބޭފުޅުންގެ ތަނާޒަލް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އެ ވަކީލުންނަށް ދެން މައްސަލާގައި ކޯޓަށް އިތުރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.
ގާޒީ ނަޖީބު ވިދާޅުވީ، ވަކީލަކު ހޯދަން ރައީސް މައުމޫނަށް އިބްތިދާއީ އަޑުއެހުމުގައި ފުރުސަތު ދެވިފައިވާއިރު ވަކީލުން ތަނާޒަލްވީ އަމިއްލައަށް ކަމަށާއި އެހެންވެ އިތުރަށް ޝަރީއަތުން ވަކީލަކު ހޯދަން ފުރުސަތު ދޭން ނުޖެހޭ ކަމަށެވެ. އެކަމަކު ކޮންމެ ވަގުތެއްގައި ވެސް ވަކީލަކު ގެނައުމުގެ ފުރުސަތު މައުމޫނަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު ޝަރީއަތް ކުރިއަށް ގެންދަވަނީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަނެއްކާވެސް ރައީސް މައުމޫން ކޮޅަށް ތެދުވެވަޑައިގެން ވިދާޅުވީ، ވަކީލަކާއެކު ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށެވެ. އެ ހައްގު ކޯޓަށް ނިގުޅައިނުގަނެވޭނެ ކަމަށެވެ. އެ ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ރައީސް މައުމޫން އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ވިދާޅުވީ، ވަކީލެއް ގެނައުމުގެ ދޮރު މައުމޫނަށް ބަންދުނުވާ ކަމަށެވެ. އަދި ވަކީލުން ތަނާޒަލްވުމަށް ދައްކާފައިވާ ސަބަބަކީ ގަބޫލުކުރާ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނާއި ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވާތީ ކަމަށެވެ. އެގޮތަށް ވަކީލުން ތަނާޒަލްވުމުން ޝަރީއަތް މެދުކަނޑާލަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސެއިން ވަނީ ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. ހިސާން ވިދާޅުވީ މައްސަލައަކީ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ދައުވާ ލިބޭ އެއް ފަރާތަށް ވަކީލެއްގެ ހައްގާ ނުލާ ކުރިއަށް ގެންދިޔުމަކީ ދެން ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒު ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމެވުމުގެ ކުރިން ޝަރީއަތުން ދައުލަތުގެ ބަހެއް ވެސް ހޯދަން ޖެހޭނެ ކަމަށެވެ. އެހެންވެ ގާޒީ ނަޖީބު ވަނީ ދައުލަތަށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް އަންގަވާފަ އެވެ.
ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވިދާޅުވީ، އަޑުއެހުން މެދުކަނޑާލަން ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ. ދައުލަތުން ވެސް ގަބޫލުކުރަނީ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ ދައުވާ ލިބޭ ފަރާތްތަކަށް ހުރިހާ ހައްގެއް ކަށަވަރުކޮށްދީގެން ގާނޫނުތަކާ އެއްގޮތަކަށް ކަމަށް ރީޝާ ވިދާޅުވި އެވެ. ދައުލަތުން އެހެން ވިދާޅުވުމުން ގާޒީ ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އަލީ ހަމީދުގެ ވަކީލް އަހުމަދު އަބްދުﷲ އަފީފު ވަނީ ގާޒީގެ އެ ނިންމެވުމާ ގުޅޭ ގޮތުން ނުކުތާއެއް ފާހަގަކުރައްވާފަ އެވެ. އެއީ، ދެ ފަރާތުން ވެސް އަޑުއެހުން މެދުކަނޑާލުމަށް އިއުތިރާޒެއް ނެތް ކަމަށް ބުނާއިރު މައްސަލަ ކުރިއަށް ގެންދިޔުމުގައި ކޯޓުގެ ހާއްސަ މަސްލަހަތެއް އޮވެގެން ނުވާނެ ކަމަށެވެ. ރައީސް މައުމޫން ވެސް ވިދާޅުވީ ދެ ހަސްމުން ޝަރީއަތް މެދުކަނޑާލަން އެއްބަސްވީއިރު ގާޒީ އިތުރު ގޮތެއް ހޯއްދައްވަން ނުޖެހޭ ކަމަށެވެ.
އެއަށް ވެސް ގާޒީ ނަޖީބު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. "ޝަރީއަތް ކުރިއަށް ގެންދަނީ ގާޒީ" އެހެން ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ވެސް އިތުރަށް ވާހަކަ ދައްކަން ފުރުސަތެއް ނުދެއްވަ އެވެ.
ޝަރީއަތް ކުރިއަށްދާ އިޖުރާއަތާމެދު އޮޅުންތަކެއް
މިއަދު އެންމެ ފުރަތަމަ ގާޒީ ގޮތެއް ނިންމެވީ މީގެކުރީގެ އަޑުއެހުމުގައި ގާޒީ އެއްވެސް ޖަވާބެއް ނުދެއްވާ ދައުލަތުގެ ދެ ހުށަހެޅުމަކާ ގުޅޭ ގޮތުންނެވެ. ދައުލަތުން ރައީސް މައުމޫންއާ ގުޅޭ ހެކިތައް ސިއްރުކުރުމަށް އެދި ހުށަހެޅި ދެ ހުށަހެޅުން ބަލައިގަންނަން މިރޭ ގާޒީ ނިންމެވި އެވެ. އެއަށްފަހު ޝަރީއަތް ކުރިއަށް ގެންދަނީ ކަމަށް ވިދާޅުވެ ދައުލަތަށް ދައުވާ އިއްވުމަށް އެންގި އެވެ.
ދައުލަތުން އިއްވި ދައުވާގައި ވަނީ ސުޕްރީމް ކޯޓަށް ފުލުހުން ބަލާ ފާސްކުރަން ގޮސް ދެ ފަނޑިޔާރުންގެ ފޯނު ދިނުމަށް އެދުމުން އެ ފޯނު ދީފައިނުވާ ކަމަށެވެ. އަދި ކޯޓު ބަލާ ފާސްކޮށްގެން ވެސް ފޯނު ފެނިފައިނުވާ ކަމަށެވެ. އެންދެރިމާގެއަށް ފުލުހުން ގޮސް ފޯނު ދިނުމަށް އެދުމުން ރައީސް މައުމޫން ވެސް ފޯނު ދެއްވާފައިނުވާ ކަމަށެވެ. އެއީ އެ ތިން ބޭފުޅުންނަށް ކުރެވޭ ތުހުމަތާ ގުޅޭ ހެކި ހުރި ފޯނުތަކެއް ކަމަށާއި އެ ފޯނުތައް ނުދިނީ ހެކި ފޮރުވުމުގެ ގޮތުން ކަމަށް ދައުވާގައިވެ އެވެ.
ދައުވާ އިއްވުމުން ގާޒީ ވަނީ އުއްތަމަ ފަނޑިޔާރުގެ އަރިހުން ދައުވާ ސާފުވެއްޖެ އައްސަވާފަ އެވެ. ނަމަވެސް ދައުވާ ސާފުކުރުމުގެ މަރުހަލާއަކީ މިހާރު ނިމިފައިވާ މަރުހަލާއެކެވެ. ދައުވާ ސާފުކުރުމަށް އިބްތިދާއީ އަޑުއެހުމުގައި ގިނަ ބަހުސްތަކެއް ވެސް ކޮށްފައިވެ އެވެ. އެހެންވެ ހިސާން ވަނީ އެ ސުވާލު ގާޒީ ކުރެން އައްސަވާފަ އެވެ. ޝަރީއަތް ކުރިއަށް ގެންދަނީ ކޮން އިޖުރާއަތަކުންތޯ އައްސަވާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 144 ވަނަ މާއްދާގައިވާ ގޮތުން ދައުލަތުން ދައުވާ އިއްވުމުން އޮންނާނީ ހެކި ހުށަހެޅުންކަން ހިސާން ފާހަގަކުރެއްވި އެވެ.
ހިސާން އެކަން ފާހަގަކުރެއްވުމުން ގާޒީ ވަނީ "ދައުލަތުން ހެކި ހުށަހަޅާ" އެހެން ވިދާޅުވެފަ އެވެ. ދައުލަތުގެ ވަކީލް ވަނީ ދެ ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ތިން ހެއްކަކާއި ދެ ފުލުހެއް އަދި ދެ ފަނޑިޔާރުން ތަހުގީގަށް ދެއްވާފައިވާ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. ރައީސް މައުމޫންއާ ދެކޮޅަށް ހުށަހެޅީ އެއް ސިއްރު ހެއްކާއި ދެ ފުލުހެކެވެ.
ދިފާއީ ހެކި ހުށަހަޅަން އުއްތަމަ ފަނޑިޔާރަށް ފުރުސަތު ދެއްވުމުން ހިސާން ވަނީ ފުރަތަމަ ދިފާއު ހުށަހަޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. އެއަށްފަހު ވިދާޅުވީ، ހެކި ފޮރުވުމުގެ ކުށުގައި ބަޔާންކޮށްފައިވާ ގޮތުން ފޮރުވަން ޖެހޭނީ މާއްދީ ހެއްކެއް ކަމަށެވެ. ފޯނަކީ ހެއްކެއް ނޫން ކަމަށް ދައުލަތުން އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވާ ކަމަށާއި އަދި އެ ފޯނުގައި ތުހުމަތާ ގުޅޭ ހެކި ހުރިކަން ދައުލަތަށް ބުނަން ނޭނގޭ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
އެއާއެކު ދައުލަތުގެ ވަކީލް ރީޝާ ވަނީ ހިސާންގެ ވާހަކަތައް ހުއްޓުވައި، އެއީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވިދާޅުވެފަ އެވެ. ފޯނަކީ ހެއްކެއް ނޫން ކަމަށް ބުނެފައިވީ ނަމަވެސް އެ ފޯނުގައި ހެކި ނުހުންނާނެ ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި އެކަން ހިސާން އާއި އަނެއް ވަކީލް ނޫރުއްސަލާމް އަބޫބަކުރު އެ ދުވަހުގެ އަޑުއެހުމަށް ވަޑައިނުގަންނަވާތީ ނޭނގި އޮވެދާނެ ކަމަށެވެ. ނަމަވެސް ނޫރުއްސަލާމް ވިދާޅުވީ، އެ ދުވަހުގެ އަޑުއެހުމެއް އެ ދެ ވަކީލުން ވެސް ހާޒިރުވި ކަމަށާއި ދައުލަތުން އެހެން ސީދާ އިބާރާތުން ބުނި ކަމަށެވެ. އެހެންވެ އެ ދުވަހުގެ ރިކޯޑިން އަޑުހެމަށްފަހު ޝަރީއަތް ކުރިއަށް ގެންދަން ނޫރުއްސަލާމް އެދިވަޑައިގަތެވެ.
ގާޒީ ވިދާޅުވީ، އެކަމަށް ރިޔާއަތް ކުރައްވާނެ ކަމަށެވެ. ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް ސަފާ ޝަރީފް ވިދާޅުވީ، މައްސަލާގައި ދިފާއު ހުށަހެޅުން ބިނާވަނީ އެކަމުގެ މައްޗަށް ކަމަށާއި އެހެންވެ އެ ރިކޯޑިން އަޑުހަން ބޭނުންވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 169 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ރިކޯޑިންއެއް އަޑުއަހަން ވަކީލުން އެދިއްޖެނަމަ އެކަން ކޯޓުން ފަހިކޮށްދޭން ޖެހޭނެ ކަމަށް ބުނާއިރު އެ ރިކޯޑިން އަޑުއެހުމާމެދު ގޮތެއް ނިންމެވުމަކީ ގާޒީ ލިބޭ އިހްތިޔާރެއް ނޫން ކަމަށެވެ. އެކަން ކޮށްދެއްވަން ޖެހޭނެ ކަމަށެވެ. ސަފާ އެކަން ފާހަގަ ކުރެއްވުމުން ގާޒީ ވިދާޅުވީ، "ދިފާއުގައި ހުށަހަޅާ ހެކިން ހުށަހަޅާ ނިމުނީތޯ" އެވެ. ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ފާހަގަ ނުކުރައްވަ އެވެ.
އެންމެފަހުން އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހިސާން ވަނީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ސްޕްރީމް ކޯޓުގެ އިސް މުވައްޒަފެއް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އަލީ ހަމީދުގެ ފަރާތުން ހުށަހެޅީ ހަސަން ސައީދާއި އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި އިތުރު މީހެކެވެ.
ވަކީލުން ހޯދަން މައުމޫނަށް ކުޑަ ވަގުތުކޮޅެއް
ދެ ފަނޑިޔާރުން ހެކި ހުށަހެޅުމުން ރައީސް މައުމޫން ވެސް ހެކި ހުށަހަޅަން ގާޒީ އެންގެވި އެވެ. ރައީސް މައުމޫން ކޮޅަށް ތެދުވެވަޑައިގެން ވިދާޅުވީ، ހުރިހާ މައުލޫމަތާކައި ލިޔުންތައް ހުންނާނީ ވަކީލުންގެ އަތުގައި ކަމަށެވެ. ވަކީލެއް ނެތި އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށެވެ.
ދެން ގާޒީ ވިދާޅުވީ، އިތުރު ވަކީލެއް ހޯދުމަށްފަހު އެކަން ކޯޓަށް އެންގުމަށް މާދަމާ މެންދުރުފަހު 1:30އާ ހަމައަށް ފުރުސަތު ދެއްވާ ކަމަށެވެ. އަދި ހެކި ހުށަހަޅަން 2:00 އާ ހަމައަށް ފުރުސަތު ދެއްވާ ކަމަށެވެ. ގާޒީ އެހެން ވިދާޅުވިއިރު ރޭގަނޑު 12:00 ވާން ވަނީ ކައިރިވެފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ، އެ ވަގުތުކޮޅުގައި އެމަނިކުފާނަށް އެކަން ނުވާނެ ކަމަށެވެ. އެމަނިކުފާނަކީ ބަންދުގައި ހުންނަވާ ފަރާތަކަށްވާއިރު ކޮންމެ ގަޑިއެއްގައި ވަކީލުންނާ ނުގުޅޭނެ ކަމަށެވެ. މާދަމާ ވަކީލެއް ހޯދައި އެ ވަކީލް ދޫނިދޫއަށް ގޮސް މަޝްވަރާކުރުމަށްފަހު އަނެއްކާ ހެކި ހުށަހަޅަން ވަގުތު ނޯންނާނެ ކަމަށެވެ. ނަމަވެސް ގާޒީގެ ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ރައީސް މައުމޫނަށް އެންގެވީ އިށީންދެވަޑައިގަތުމަށެވެ.
ރައީސް މައުމޫނަށް އެ ފުރުސަތު ދެއްވުމަށްފަހު ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނެގުމަށް މާދަމާ ރޭ އަޑުއެހުމެއް އޮންނާނެ ކަމަށެވެ. އެއާއެކު ވަކީލް ސަފާ ޝަރީފް ވަނީ ދައުވާ ލިބޭ ކޮންމެ ފަރާތަކަށް ވެސް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމަކީ ގާނޫނު އަސާސީއިން ލިބޭ ހައްގެއްކަން ފާހަގަކުރައްވާފަ އެވެ. އަޑުއެހުންތައް އެހާ ގާތްގާތުގައި ތާވަލުކުރާއިރު އެ ހައްގު ގެއްލިގެންދާ ކަމަށެވެ. އެއަށް ވެސް ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. މިރޭގެ އަޑުއެހުން އެހާ ހިސާބުން ގާޒީ ނިންމަވާލެއްވީ އެވެ.