ކްރިމިނަލް ކޯޓް

އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލްކޮށްފި

Oct 10, 2018
5

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ ކުރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް ވަނީ ބާތިލްކޮށްފަ އެވެ. އެ ތިން ބޭފުޅުންނަށް ވެސް ރިޝްވަތު ހިފި ކަމުގެ ދައުވާކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރިޝްވަތުގައި ހިފި ކަމަށް ބުނެ އެވެ.

ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ތިން ބޭފުޅުންނަށް ވެސް ރިޝްވަތު ދިނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ކަމަށް ދުލަތުން ބުނެ އެވެ. ނަމަވެސް ހެކި ނުދެއްކުމުގެ ސަބަބުން ސިޔާދަށް ކުރާ ދައުވާ ވެސް މިއަދު ބާތިލްކޮށްފަ އެވެ.

ސިޔާދު ރިޝްވަތު ދިން ކަމުގެ ހެކި ދައުލަތަށް ދެއްކިފައިނުވާއިރު އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު އެ ރިޝްވަތު ހިފިކަމުގެ ހެކި ވެސް ދައުލަތުން ހުށަހަޅާފައިނުވާތީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ ތިން ބޭފުޅުންނަށް ކުރާ ދައުވާ ވެސް ބާތިލްކުރުމަށެވެ.

ސިޔާދުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަނެއް ތިން ފަރާތްކަމަށްވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްސަލަ އެއްކޮށް ކުރިއަށް ނުގެންދަވާ ސަބަބު ބަޔާންކޮށްދިނުމަށެވެ.

އެގޮތުން މައްސަލަަ ބައްލަވާ ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވީ، ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ ކަމަށާއި ބާކީ ތިބި ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ. ސިޔާދުގެ މައްޗަށް ރިޝްވަތު ދިންކަން ސާބިތުކޮށް ނުދެވިއްުޖެނަމަ އެ ތިން މީހުންގެ މައްސަލަވެސް ކުރިއަށް ގެންދިއުމުގެ އެއްވެސް އިހްތިސޯސެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައިވެސް ވަކިވަކިން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބާރު އަޅުުއްވާފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވި އެވެ.

ސިޔާދުގެ މައްސަލަ ބާތިލް ކުރި ސަބަބުތައް ކަމަށް ބަޔާންކޮށް ގާޒީ ހައިލަމް ވިދާޅުވީ، އަަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާ އިން ރިޒާވްކުރި ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކިކަމުގެ ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއ ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ، މައްސަލައިގެ ސީޣާ ބިނާ ކޮށްފައިވަނީ އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓްގެ އަމުރުނެރުުމުގައި އަމުރަށް ނުފޫޒު ފޯރުވުމުގައި ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަމަށާއި އެ އަމުރުގައި އޭނާގެ ބައްޕަ ގާސިމް އިބްރާހިމް މިނިވަން ކުރަން އޮތުމުން ކަމަށެވެ. ނަމަވެސް ސިޔާދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި ފައިސާ ދިން ކަމެއް ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް ސާބިތުކޮށް ދިނުމަށްޓަކައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން ސާބިތުނުވާ ކަމަށް ހައިލަމް ވިދާޅުވި އެވެ. އަދި އެ އަމުރަކީ ގާސިމްގެ އިތުރުން އިތުރު އެހެން ފަރާތްތަކުގެ އިހްތިސޯސްއާ ގުޅިފައިވާ މައްސަލައެއް ކަންވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ވިލާއިން ސިންގަޕޫރުގެ ކުންފުންޏަކުން ވިލާތަކެއް ގަނެފައިވީ ނަމަވެސް އެވިލާ ތަކަކީ މި މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ހަމީދާއި ހަސަން ސައީދާއި އަބުދުﷲ ސައީދު ބުކް ކޮށްފައިވާ ފްލެޓްތައް ކަން ސާބިތުވާ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.

މި މައްސަލައަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދަން ދައުލަތައް އެކިށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށާއި އެފުރުސަތުގައިވެސް ދައުލަތުން މި މައްސަލައާ ގުޅުން ހުރި ހެކި ހުށަހަޅާފައިނުވާތީ މި މައްސަލައަކީ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަކަށް ކޯޓުން ގަބޫލު ނުކުރާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ސިޔާދުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ދެފަރާތުން ބަހުސްކުރުމެވެ.

އެގޮތުން މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވަނީ ތަކްރާރުކޮށް އެ މައްސަލައިގެ ދައުވާގައި ބުނާ ގޮތުން ބުކް ކޮށްފައިވާ ވިލާތަކަށް ވިލާ ކުންފުނިން ފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ލިޔުމެއް އޮއްތޯ ދައުލަތާއި ސުވާލުކޮށްފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ސިންގަޕޫރުން ބުކް ކޮށްްފައިވާ ވިލާތަކުގެ ޔުނިޓްތަކުގެ ނަމްބަރުތަކާއި ވިލާއިން ފައިސާދެއްކި ކަމަށްބުނާ ވިލާތަކުގެ ޔުނިޓްތައް ދިމާވާ ކަމަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ޔުނިޓްތަކުގެ ނަމްބަރު ދިމާވުމަކީ އެއީ އެ ވިލާތަކަށް ފައިސާ ދެއްކިކަން ސާބިތުކޮށް ދިނުން ނޫން ކަމަށެވެ. ދައުލަތާއި އިތުރަށް ސުވާލު ކުރުމުންވެސް ވަނީ ހަމަ އެވާހަކަތައް ތަކުރާރުކޮށްފަ އެވެ. ގާޒީ ހައިލަމް ވަނީ އިތުރު ސާބިތުވާ ހެއްކެއް ވާނަމަ އެކަން ބުނެދިނުމަށެވެ. އެންމެ ފަހުން ދައުލަތުންވެސް ވަނީ މި މައްސަލާގައި ހެކިވެރިޔާ ދިން ހެކިބަހުގެ އިތުރަށް އިތުރު ހެއްކެއްނެތް ކަމަށް ވިދާޅުވެފަ އެވެ.