ހަބަރު

ހައްޔަރުކުރުމުގެ ކުރިން ބިރުވެރި އިންޒާރުތައް ދިން: އުއްތަމަ ފަނޑިޔާރު

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރު ކުރުމުގެ ކުރިން ބިރުވެރި އެތައް މެސެޖްތަކެއް ފޯނަށް ލިބުނު ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރޭ ޝަރީއަތުގެ މަޖިލީހުގައި އެވެ. ރޭ އޮތީ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.

ބިރުވެރި މެސެޖްތައް ފޯނަށް ލިބުނުކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވީ ހައްޔަރުކުރަން ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަތްއިރު ފޯނު ނުގެންގުޅުއްވާކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.

"އަޅުގަނޑުގެ ފޯނަށް ލިބުނު މަރާލާނެ ކަމަށް ބުނެ މެސެޖްތައް، ފޮތިފޮތި ކޮށްލާނެ ކަމަށް މެސެޖްތައް އައި، އެކަންވީ ނަފުސަށް ބިރުވެރި ކަމަކަށް، އެހެންވެ އަޅުގަނޑު ފޯނު ގެންގުޅުން އޭރު ހުއްޓާލީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމަނިކުފާނުގެ ފޯނު ފޮރުވައިގެން ގެންގުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެއީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެއްވެސް ތުހުމަތެއް އެމަނިކުފާނުގެ މައްޗަށް ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

ރޭގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ފޯނު ގެންގުޅުއްވާ ކަމަށް ބުނެ އެއްވެސް މީހަކު ހެކި ބަހެއް ނުދެ އެވެ. ނަމަވެސް އަލީ ހަމީދާއި ރައީސް މައުމޫން ފޯނު ގެންގުޅުއްވާ ކަމަށް ބުނެ އެއް ހެކިވެރިޔަކު ހެކި ބަސް ދިނެވެ. އެ ދެ ބޭފުޅުންގެ ނަންބަރު ވެސް ބުންޏެވެ. އެ ދެ ބޭފުޅުންގެ މެދުވެރިއެއްގެ ރޯލު އަދާކޮށް ދެ ބޭފުޅުން ފޯނުން ވާހަކަ ދައްކަވާއިރު ކައިރީގަ ހުންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރޭ ހެކި ބަސް ދިން ސުޕްރީމް ކޯޓުގެ މުވައްޒަފަކު ވެސް ބުނެފައިވަނީ ފަނޑިޔާރު އަލީ ހަމީދު ފޯނު ގެންގުޅުއްވާކަން އެނގޭ ކަމަށެވެ. އޭގެއިތުރުން ހެކި ބަސް އެހެން ކޯޓެއްގައި މަސައްކަތް ކުރާ މީހަކު ވެސް ބުނީ އަލީ ހަމީދު އޭނާ ފޯނުން ގުޅުއްވާ ހައްދަވާ ކަމަށެވެ. ވަޓްސްއެޕްއިން މެސްޖް ވެސް ކުރައްވާ ކަމަށެވެ.

މައްސަލައިން ތިން ބޭފުޅުންގެ ވަކީލުން ވެސް ތަނާޒަލްވެފައިވާތީ ހެކިވެރިންނާ ސުވާލުކުރެއްވީ ދެ ފަނޑިޔާރުން އަމިއްލަފުޅަށެވެ. ހެކިވެރިންގެ ވާހަކަތަކުން ދެ ބޭފުޅުން ވަރަށް ބޮޑަށް ކޯފާވެ ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ.