އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރީ، އެ އަމުރު ނެރުމުގައި ފަނޑިޔާރުން ރިޝްވަތުގެ ހިފުމުގެ ހަޑި އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ހައްޔަރުކޮށްގެން ގެންދިޔައީ ވެސް އެ ތުހުމަތުގަ އެވެ.
އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވި ދަށު މަރުހަލާގައި ވަނީ ފެއިލްވެފަ އެވެ. ތަހުގީގުގައި ފުލުހުން ވެސް ބުނަމުން ދިޔައީ އަބްދުﷲ ސައީދާއި އަލީ ހަމީދަށް، ވިލާ ކުންފުނިން މެލޭޝިއާގެ ވިލާތަކެއް ގެނެދީފައިވާ ކަމަށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ދެ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ވެސް ދީފައިވާ ކަމަށެވެ.
އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ސިޔާދަށް ކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ އާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާ ބާތިލްކޮށްފަ އެވެ. ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، ބާތިލްކުރީ މުހިންމު ސަބަބަކީ ހެއްކެއް ދައުލަތަށް ދެއްކޭ ގޮތް ނުވުމުންނެވެ.
ތިން ބޭފުޅުން ހައްޔަރުކުރިތާ އަށް މަސްވީ ފަހުން ވެސް ދައުލަތުން ޝަރީއަތުގެ މަޖިލީހަށް އިއްޔެ އައީ ހުސް އަތާ އެވެ. އެތައް ފުރުސަތެއް ދިނުމުން ވެސް ހެކި ގެނެވޭ ގޮތެއް ދައުލަތަށް ނުވި އެވެ. އަަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާ އިން ރިޒާވްކުރި ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކިކަމުގެ ހެއްކާއި ގަރީނާ ދައުލަތަށް ނުދެއްކުނެވެ. ސިޔާދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކާ ފައިސާ ދިން ކަމެއް ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން ސާބިތެއް ވެސް ނުވެ އެވެ. އެއީ ގާޒީ ހައިލަމްގެ ނިންމެވުމެވެ.
ސިންގަޕޫރްގައި ބުކް ކޮށްފައިވާ ވިލާ ނަމްބަރުތަކާއި ވިލާއިން ގަނެފައިވާ ވިލާތަކުގެ ނަމްބަރުތައް ދިމާވާ ރެޖިސްޓްރޭޝަންސްތަކާއި ސެލިން އެންޑް ޕާޗޭސް ސްލިޕްތަކެއް ދައުލަތުން ހުށަހެޅި އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ، އެ ލިޔުންތަކުން ސާފުވާ ގޮތުގައިވާ ވިލާއިން ގަނެފައިވާ ޔުނިޓްތަކަކީ ސިންގަޕޫރުން އަބުދުﷲ ސައީދާއި އަލީ ހަމީދުގެ ދަރި އާއި ހަސަން ސައީދު ބުކް ކޮށްފައިވާ ޔުނިޓްތަކެކެވެ. ނަމަވެސް ވިލާތަކަށް ވިލާ ކުންފުނިން ފައިސާ ދެއްކިކަން ސާބިތުކޮށްދޭނެ އެއްވެސް ލިޔުމެއް ދައުލަތަށް ނުލިބުނެވެ.
ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރީ އެކެއް ފެބުރުއަރީ އަމުރު ނެރުމުގައި ރިޝްވަތުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްކަން ކުރިމިނަލް ކޯޓުން މިހާރު އެވަނީ ކަނޑައަޅާފަ ކަމަށެވެ.
"އެހެންވީމަ އެކެއް ފެބުރުއަރީގައި އެ ނެރުނު އަމުރު ނެރެފައިވަނީ ނުރަނގަޅު މަންފާއެއް ނުވަތަ ނާޖައިޒު މަންފާއެއް ލިބިގެން ނުރަނގަޅު ނިޔަތެއްގަ ކަމަށް ބުނުމުގެ ޖާގައެއް މިއަދަށްފަހު ނޯންނާނެ،" ހިސާން ވިދާޅުވި އެވެ.
އެކެއް ފެބުރުއަރީގެ އަމުރަށްފަހު ކުއްލި ހާލަތު އިއުލާންކޮށް ސައީދާއި ހަމީދު އަދި ސިޔާދުގެ އިތުރުން ވެސް ގިނަ ބޭފުޅުންތަކެއް ހައްޔަރުކުރި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާނާއި އަބްދުﷲ ރިޔާޒު ހައްޔަރުކުރި އެވެ.
އެ ބޭފުޅުންގެ މައްޗަށް އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެއީ ރިޝްވަތު ދީގެން އެކެއް ފެބުރުއަރީގެ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ދައުވާ ވެސް ބިނާވެފައިވަނީ ރިޝްވަތުގެ މައްޗަށް ކަމުގައިވާއިރު އެ މައްސަލަތަކަށް ވާނެ ގޮތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އޭގެ ގިނަ ބޭފުޅުންގެ ބައި މިހާރު މަދަނީ ގޮތުން ކުރިއަށް ގެދެވޭނެ ކަމަށް ކަނޑައަޅައި ޝަރީއަތަށް ފޮނުވާފަ އެވެ.
އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ސަރުކާރުންނާއި ފުލުހުން ތުހުމަތު ކުރި އެއްވެސް ތުހުމަތެއް މިހާތަނަށް ސާބިތުވެފައެއް ނުވެ އެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ރައީސް މައުމޫންގެ މައްޗަށް ސާތިބުވެފައިވަނީ ތަހުގީގަށް ފޯނު ނުދެއްވި މައްސަލަ އެވެ. އެއީ އަމުރާ ގުޅިގެން ކުރި ދައުވާއެއް ނޫނެވެ. ދެން އަބްދުﷲ ސައީދިގެ މައްޗަށް ސާބިތުވެފައިވަނީ ދައުލަތުގެ ލިޔެކިޔުންތައް ފޮނުވާ، ޖެމްސް ކަނޑާލި ކަމުގެ ތުހުމަތެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިސްތަށިފުޅުން ރިޝްވަތުގެ ތުހުމަތު ނެއްޓިފައިވާއިރު ދެން އަމުރުގައި ސޮއި ކުރެއްވި މިހާރު ވެސް ސުޕްރީމް ކޯޓުގެ ބެންޗްގައި ތިއްބެވި ތިން ފަނޑިޔާރުންނާ ގުޅޭ ރިޝްވަތުގެ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ.
އެހެންވީއިރު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ނުކުރި އެންމެ ބޮޑު ސަބަބުގެ އަސާސެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅުމާއެކު، ދެން ވާނީ ކިހިނެއް ހެއްޔެވެ؟