މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ނަގައިފި އެވެ.
މައުމޫން، ފާރިސް އަދި ނަދީމަށް ވަކިވަކިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ، ސަރުކާރު ވައްޓާލުމަށް މަޖިލިސް މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ދައުވާ ކުރިމިނަލް ކޯޓުން ނަގައި، އަނބުރާ ފުލުހަށް ފޮނުވާފައިވާ ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުންޏެވެ.
އެ ތިން ބޭފުޅުންގެ ދައުވާ އަނބުރާ ގެންދިޔައިރު ހަމަ އެ މައްސަލާގައި ދައުވާ ލިބުނު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި އަމުރު ނެރުނުއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފްގެ މައްސަލަ ވެސް ވަނީ އަނބުރާ ނަގާފަ އެވެ. މީގެކުރިން ފާރިސްއަށް ކުރި ރިޝްވަތުގެ ދައުވާ ވެސް ވަނީ އަނބުރާ ނަގާފަ އެވެ.
މައުމޫން، ފާރިސް އަދި ނަދީމްގެ މައްސަލަ އަނބުރާ ނަގާފައިވާއިރު އެ ތިން ބޭފުޅުންގެ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެ މައްސަލަ އޮތީ ޝަރީއަތަށް ފޮނުވާފަ އެވެ. ޝަރީއަތް ކުރަން ވެސް ހަމަޖެހިފައި އޮތީ ދައުވާ ލިބޭ ހުރިހާ ބޭފުޅުންނަށް އެކުގަ އެވެ.
އެ މައްސަލާގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށް ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ ބައި އަނބުރާ ގެންދިޔަ ކަމެއް އަދި އެނގިފައެއް ނެތެވެ.