ހަބަރު

ފާރިސްއާމެދުވީ އިހުމާލުގެ ޒިންމާ ނަގާނެ ބަޔަކު ނުވި: ވަކީލް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާމެދު ދައުލަތުން ވަރަށް ބޮޑު އިހުމާލެއްވެފައިވާ ކަމަށާއި އޭގެ ޒިންމާ ނަގާނެ ފަރާތެއް ނުވި ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސް ޖަލުގައި ހުންނަވާތާ މިއަދަށް ވަނީ އެއް އަހަރުވެފަ އެވެ. އޭނާ ޖަލަށްލާފައިވަނީ ރިޝްވަތުގެ ކުށުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގި އެވެ. ނަމަވެސް ދައުވާގައި ރިޝްވަތު ލިބުނު ކަމަށް ބުނާ މެންބަރު ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

ހެކި ބަސް ދެމުން އެ މެންބަރުން ވިދާޅުވެފައިވަނީ އޭނާ ތަހުގީގުގައި ދެއްކި ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ފާރިސް އެއްވެސް އިރަކު ރިޝްވަތު ދެއްވާފައި ނުވާ ކަމަށެވެ. އެ މައްސަލާގެ ތުހުމަތު އެޅުނު ދުވަހުން ފެށިގެން ވެސް ފާރިސް ގެންދެވީ އެހެން ވިދާޅުވަމުންނެވެ. އެ މައްސަލާގެ ޝަރީއަތް މިހާރު އޮތީ މަޑުޖެހިފަ އެވެ. މެންބަރު ފާރިސްއާ އެއްކޮޅަށް ހެކި ބަސް ދެއްވި ފަހުން އެއްވެސް އަޑުއެހުމެއް ނުބާއްވަ އެވެ.

ފާރިސް ޖަލުގައި ހުންނަވާތާ އެއް އަހަރުވުމާ ގުޅިގެން މިއަދު އާއިލީގެ، އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން މައުމޫން ހަމީދު ސިފަ ކުރެއްވީ ބޮޑު އިހުމާލެއްގެ ގޮތުގަ އެވެ. ފާރިސްއަކީ ބޮޑު ކުށްވެރިއެއް ކަމަށް ސިފަކޮށް ފުލުހުން ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި ނަމަވެސް މެންބަރުގެ ހެކި ބަހާއެކު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާރިސްގެ އިސްތަށިފުޅުގައި އެޅުވީ ދޮގުކަން އެނގޭ ކަމަށެވެ.

މިހާރު އެކަން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލަށް ވެސް އެނގޭ ކަމަށާއި ނަމަވެސް އެކަމުގައި ގެއްލުނު ފާރިސްގެ ހައްގުތަކަށްޓަކައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ، ރަނގަޅަށް ތަހުގީގުކޮށް ރަނގަޅަށް ދައުވާ ކުރިނަމަ ފާރިސް ރިޝްވަތު ނުދެއްވާކަން އެނގޭނެ ކަމަށާއި ތަހުގީގުކޮށް ދައުވާކުރީ ބައެއްގެ ނުފޫޒުގަ ތިބެގެން ކަމަށެވެ.

"އުއްމީދެއް އޮވެގެން ކުރިއަށް ދިޔައީ، ފާރިސްގެ މައްޗަށް ދޮގު ތުހުމަތެއްކޮށް ކުށް ސާބިތުވާނެ ކަމުގެ އުއްމީދުގަ، އެ އުއްމީދު މިހާރު ފެނަށް ގޮސްފި، އެކަމަކު ނެތެއްނޫންތޯ އެއްވެސް ބަޔަކު ޒިންމާއެއް ނަގާފައެއް،" މައުމޫން ހަމީދު ވިދާޅުވި އެވެ.

އެ މައްސަލާގައި ހައްޔަރުގައި ފާރިސް ހަ މަސް ދުވަހު ޖަލުގައި ހުންނެވި އެވެ. އެ މައްސަލާގައި ފާރިސް ދޫކޮށްލުމާއެކު އަނެއްކާވެސް އެހެން މައްސަލާއެއްގައި ދޫކޮށްލިތާ ދެވަނަ ދުވަހުގެ ތެރޭގައި ހައްޔަރުކުރި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއާމެދު އަމަލު ކުރަމުން ދަނީ ތަފާތުކޮށް ކަމަށެވެ. އޭގެ އެއް ހެއްކަކީ ރިޝްވަތުގެ ފައިސާ ހިފައިގެން ހިންގެވި ކަމަށް ވިދާޅުވާ މެންބަރަކަށް އަދިވެސް އެއްވެސް ތަހުގީގެއް ނުހިންގާ ހުރުމެވެ. އެ މެންބަރު ސަރުކާރާ އެއް ފަޅީގައި ހުންނެވުމުން އެ މައްސަލާގެ ތަހުގީގު އެއްވެސް ވަރަކަށް ނުހިނގާ ކަމެވެ. މެންބަރު އެހެން ވިދާޅުވިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީ އެވެ.