ރައީސް އަބްދުﷲ ޔާމީން

ތަޅާފޮޅާނެ ހަތަރު ހާލަތެއް ގެންނަން ސުޕްރީމްކޯޓުން އުޅުނު: ރައީސް

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުން ރާއްޖޭގައި ތަޅާފޮޅުންތަކެއް ހިނގާނެ ހަތަރު ހާލަތެއް އުފައްދަން މަސައްކަތް ކުރި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިރޭ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 1 ފެބްރުއަރީގެ އަމުރު ތަންފީޒުކޮށް މީހުން މިނިވަން ކުރި ނަމަ އެމަނިކުފާނުގެ ސަޕޯޓަރުން ވެސް މަޑުން ނުތިބީސް ކަމަށެވެ. އަދި އެގޮތުން ނުކުންނަ މީހުންނާ އިދިކޮޅު މީހުންނާ ދެމެދު ތަޅައި ފޮޅުންތަކެއް ހިނގީސް ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށް މަޑަކުން ނުތިބެވޭނެ މިހުރިހާ މުޖުރިމުން ދޫކޮށްލާއިރަކު. އެމީހުންގެ ފަރާތުން ވެސް ބަޔަކު ނުކުންނާނެ. އެދިޔައީ ކޮންކަމެއްތޯ؟ އެދިޔައީ އަޅުގަނޑުމެން ތެރޭގައި ލާއިންސާނީ ތަޅާފޮޅުމަކަށް. އޭގެ ނަތީޖާ ފަހަރެއްގައި ހަމަ ގަތުލު ކުރުމާ ހަމައަށް ވެސް ހިނގައްޖައީސް ކަންނޭނގެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ފުރަތަމަ ނެރުނު އަމުރުގެ ނަތީޖާ ބައްދަލު ކުރާނެ ގޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ދެން މަސައްކަތް ކުރީ އަމުރު ތަންފީޒު ނުކުރި އެކި އެކި ފަރާތްތަކަށް ނުފޫޒުފޯރުވަން ކަމަށެވެ. އެގޮތުން ރައީސް މަގާމުން ދުރުކުރެވޭތޯ ބެލި ކަމަށާއި އެ މައްސަލަ ތާވަލު ވެސް ކުރި ކަމަށެވެ. އެއީ ދެވަނަ އަށް ކުރަން އުޅުނު ކަންތައް ކަމަށާއި އެއީ އަނެއްކާވެސް މަގުމައްޗަށް މީހުން ނުކުންނަން މެދުވެރިވާނެ ކަމެއް ކަމަށެވެ.

"ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ އެގޮތަށް ނެރޭ އަމުރަކުން ރައީސުލް ޖުމްހޫރިއްޔާ ވަކިކުރެވޭނެ ކަމަކަށް. އެހެންވީމާ ދެވަނަައަށް މި ހޯދި ފުރުސަތުގައި ވެސް މިހޯދީ ރައްޔިތުން މަގުމައްޗަށް ނެރޭނެ ގޮތެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ސުޕްރީމްކޯޓުން އޭރު ކުރަން އުޅުނު ތިންވަނަ ކަމެއް ކަަމަށްް ރައީސް ޔާމީނު ވިދާޅުވީ ބަންޑާރަ ނައިބު ވަކި ކުރުމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލުވެސް ކުރިއެވެ. ބަންޑާރަ ނައިބު ވަކި ކުރުމަށް އެގޮތަށް ކަންތައް ކުރުމަކީ ލާއިންސާނީ އަނިޔާއެއް ކަމަށް ސިފަ ކުރެއްވުމަށް ފަހު ވިދާޅުވީ އެއީ ވެސް އެމަނިކުފާނުގެ ސަޕޯޓަރުން މަގުމަައްޗަށް ނުކުންނާނެ ކަމެއް ކަމަށެވެ.

"... އޭގެ ނަތީޖާއަކަށް ވާނީ، ތިން ވަނަ ކަމަކީ މިއީ، އަނެއްކާވެސް މަގުމައްޗަށް މީހުން ނުކުތުން،" ރައީސް ވިދާޅުވިއެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ އޭރު ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު ވަކި ކުރެއްވުމުން އޭނާ އަލުން މަގާމަށް އިއާދަކުރަން އުޅުން ކަމަށެވެ. އަދި ވިދާޅުވީ އޭގެ ނަތީޖާއަކަށް ވެސް ވާނީ މަގުމައްޗަށް ރައްޔިތުން ނުކުތުން ކަމަށެވެ. ކަމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު ހަމަޖެއްސުމާއި ވަކިކުރުން އެއީ ރައީސަށް އޮންނަ ބާރެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އޭނާ އަނބުރާ [މަގާމަށް] އިއާދަ ކުރާކަށް ސުޕްރީމް ކޯޓަކަށް ނޭންގޭނެ، އެކަން ކުރި ނަމަ އަނެއްކާވެސް ހަމަ އޮޅުން ބޮޅުންތަކެއް ނުކުންނާނެ. ހަމަ އަނެއްކާވެސް މީހުން މަގުމައްޗަށް ނުކުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެދުވަހު އެއިން އެއްވެސް ހާލަތެއް މެދުވެރި ނުވީ ސިފައިންނާއި ފުލުހުން ރައީސުލް ޖުމްހޫރިއްޔާގެ އަމުރަށް ފުލުހުންނާއި ސިފައިން ތަބާވުމުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކަންތައްތައް ގޮސްފައި އޮތް ހިސާބުން ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުކިޔަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އޭރު ސުޕްރީމް ކޯޓުން މަސައްކަތްކޮށްފައި އޮތީ ކޮން ނިޔަތެއްގައިތޯ ރައްޔިތުންް ސުވާލު ކުރަން ޖެހޭ ކަމަށެވެ.

"އެހެން މިދެންނެވީ ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ވާއިރު، ރައީސުލް ޖުމްހޫރިއްޔާ ކަމެއް ކުރިޔަސް. ކަމެއް ނުކޮށް ދޫކޮށްލި ނަމަވެސް މީޑިއާގައި ބޭނުންގޮތަކަށް ރައީސުލް ޖުމްހޫރިއްޔާއަށް ފާޑުކިޔޭ. އަޅުގަނޑަކީ އެކަންކަމާ ކަންބޮޑުވެގެން އުޅޭ މީހެއް ނޫން،" ރައީސް ވިދާޅުވިއެވެ.