ޔުމްނާ މައުމޫން

މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް، ޓިނެއް ނުނަގާނެ: ޔުމްނާ

މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ފުރާޅުން ޓިނެއް ނުނަގާނެ ކަމަށް މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. ޔުމްނާ މިހެން ވިދާޅުވީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން ކަމަށެވެ.

"މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ،" ޔުމްނާ ވިދާޅުވިއެވެ.

މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުކޮށް ފުރާޅުން ޓިނު ނުނަގާނެ ކަމަށް ވިދާޅުވެ ޔުމްނާ އެ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެން އެ ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރި ހައްޔަރު ކުރުމަށެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އޭރު ހައްޔަރުކޮށްފައިވަނީ ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު އެވެ.

އެ ފަނޑިޔާރުން ހައްޔަރުކުރަން އަސްކަރިއްޔާއިން ސުޕްރީމް ކޯޓްގެ ފުރާޅުން ޓިނު ނަގައިގެން ކޯޓަށް ވަދެފައިވާ ކަމަށް ބުނެއެވެ.

ފެބްރުއަރީ 1، ގެ ބޮޑު އަމުރާއެކު ވަރަށް ގިނަ ސިޔާސީ ބޭފުޅުންވެސް ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި ޔުމްނާހެ ފިރިކަލުން މުހައްމަދު ނަދީމްވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ލިބިވަޑައިގެން އަނިޔާތަކާއި ގުޅިގެން ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން މަސައްކަތް ކުރީ ރައީސް ޔާމީނާ ދެކޮޅަށެވެ. މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ތިއްބެވީ ޔާމީނާ ފެޔަށް ޖެހިވަޑައިގެންނެވެ.