ވެރިކަމުގައި ހުންނެވިއިރު ޖަލަށް ލެވުނު މީހުންގެ އަދަދު މަދީތޯ ސުވާލު ކުރައްވާ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެކަމަނާގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ވިލިމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހިވަޑަައިގަތް ސަބަބު ފުރަތަމަ ފަހަރަށް ހާމަކުރައްވާފައެވެ.
ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރެއްވީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ.
އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއި އެކީގައި ދައުލަތަށް މަޖުބޫރުވީ. އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ނޫން އެއީކީއެއް،" ޔާމީން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރައްވަން ޖެހިވަޑައިގަތް ސަބަބުގެ ހަގީގަތް ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާތީ އެކަންކަން ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
އޭގެ ފަހަށް ވިދާޅުވީ ކިތަންމެ ގާތް ބޭފުޅެއް ނަމަވެސް ރައްޔިތުންގެ ހައްގަކަށް އަރައިގަނެއްޖެނަމަ އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުއަށް އިޝާރާތް ކުރައްވާ ވިދާޅުވީ ޖަލުތައް ބޮޑުކުރަން ޖެހޭ ކަމަށާ ޖަލަަށް ލާން ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.
ބޮޑުބޭބޭފުޅުގެ މިފަދަ ސިޔާސީ ވާހަކަތަކަށް އަބަދުވެސް ރައްދު ދެެއްވަވާ ޔުމްނާ މައުމޫން ވަނީ ރައީސް ޔާމީނަށް ދެ ސުވާލެއް އަމާޒު ކުރައްވާފައެވެ. ފުރަތަމަ އެއްސެވީ ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށްލާނީތޯ އެވެ. އަދި ކުރީގައި ޖަލަށް ލެވުނުވަރު މަދީތޯ ސުވާލު ކުރެއްވިއެވެ.
"ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށްލާނީ ދެއްތޯ ކުރީގައި ޖަލަށް ލެވުނުވަރު މަދީ ދެއްތޯ،" ޔުމްނާ ސުވާލު ކުރައްވާފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިއާދު ގާސިމް އާއި އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ޖަލުގައި ބަންދު ކުރެއްވިއެވެ.