ޔުމްނާ މައުމޫން

ބޮޑުބޭބެ ގެއަށް، ޔުމްނާގެ ހަނދާނަކީ ބައްޕަ ގެންނަން ކުރި އާދޭސް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރެއްވުމުން އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫން އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫން ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާން އައު ކުރައްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިރޭގެ އިޝާ ވަގުތުގެ ކުރީންނެވެ.

ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު ގޭ ބަންދުގައި ހުންނަވަން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

އެކަން ހާމަކޮށް ކަރެކްޝަނުން ކުރި ޓްވީޓް ރި ޓްވީޓް ކުރައްވާ ޔުމްނާ ވިދާޅުވީ ރޯދަ މަހެއްގެ ތެރޭގައި ރައީސް މައުމޫން ޖަލުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން އާއިލާ ފަރާތުން އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަދާން އާވެއްޖެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން 8 މަސް ދުވަހު ޖަލުގައި ހުންނެވިއެވެ. އެ މުއްދަތުގައި އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ ގެއަށް ބަދަލުކޮށްދޭން ތަކުރާރުކޮށް އާއިލާއިން އެދުނެވެ. ނަމަވެސް އެކަމަށް ކުރީ ސަރުކާރުން އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

އަށް މަހަށް ފަހު ރައީސް މައުމޫން ޖަލުން މިނިވަންވެވަޑައިގެންނެވީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގެން ދައުލަތުގައި އޮތް އެމަނިކުފާނުގެ ބާރު މުޅީން ގެއްލިވަޑައިގަތުމުންނެވެ.