ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު އޭރު ސަރުކާރު ހިންގެވި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ގެންދެވީ ރަައީސް ޔާމީން ގެންނަވަމުން ގެންދެވި ތަރައްގީއަކީ އެމަނިކުފާނުގެ "ލެގަސީ" ދުއްވާލަން ކުރެއްވި ކަމެއް ކަމަށް ވިދާޅުވުމަށް ފަހު ކަމަށް ޕީއެންްސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ މައުމޫނަށް ކުރެއްވި ބޮޑެތި ތުހުމަތުތައް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ދޮގުކުރައްވައިފި އެވެ.
ޕީޕީއެމާއި އަލަށް ގުޅުނު ބަޔަކު ފޯމް ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ރައީސް މައުމޫން ނުކުންނެވި ސަބަބުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް އޮކްޓޫބަރު 7، 2016 ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާއި ބައްދަލު ކުރެއްވި ކަމަށެވެ. މައުމޫންގެ ރަސްމީ އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީނާމެދު އޮތް ކަންބޮޑުވުންތައް މައުމޫން އޭނާއަށް ވިދާޅުވެ ދެއްވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މާލެ-ހުޅުލެ ގުޅާލަން ބްރިޖް އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ރައީސް މައުމޫން އެ ދުވަހު ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެންވޭރުގައި "ކިންގް ސަލްމާން މިސްކިތް" ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއެއްގެ ނަމުގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށެވެ.
އަދި އޭގެ ފަހަށް އެ ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ "ލެގަސީ" ދުއްވާލެއްވުމަށް ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދޮގު ކުރައްވަން މައުމޫނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.
"ކީއްކުރަން އަޅާ ބްރިޖެއްހޭ މި އޮތީ، އެއަށްވުރެ މާ މުހިންމު ކަންކަން އެބަހުއްޓޭ. އިސްލާމީ މަރުކަޒެއް މާލޭގައި ބިނާކޮށްފައި ހުއްޓާ ކީއްކުރަން ހެއްޔޭ މިތާ ހެދިގޮނޑުދޮށުގައި އަލުން އިސްލާމީ މަރުކަޒެއް ބިނާ ކުރަން މި އުޅެނީ. ހުޅުމާލެ ހިއްކާފައި އޮއްވާ އަލުން ކީއްކުރަން ހެއްޔޭ އެތާންގައި ދެވަނަ ފޭސް ހިއްކައިގެން ޒުވާނުންގެ ޝަހަރެއް ބިނާކުރަން މި އުޅެނީ. މިއީ އެވެރިކަމުގެ [ރައީސް ޔާމީން ވެރިކަމުގައި] ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް. މިރޭ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަންވެސް. ރައީސް މައުމޫން ވިދާޅުވި އެއްޗެއް. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީއޭ. ތިމަންނަގެ 'ލެގަސީ' ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ. މަވެތި ކަމުގެ ކިހާ ރަނގަޅު މިސާލެއްތޯ މިއީ،"
އަބްދުއްރަހީމްގެ ތުހުމަތުތަކަށް ރައްދު ދެއްވާ ޔުމްނާ ވިދާޅުވީ އަބްދުއްރަހީމްގެ ވާހަކައަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލެ ފޭސް-2 އަކާއި ބްރިޖްވެސް އެއީ ރައީސް މައުމޫންގެ ތަސައްވުރެއް ކަމަށެވެ.
"ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރު ޕީޕީއެމްގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިއުމުން. އޭރު ކަންކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ،" ރައީސް މައުމޫންގެ ސިޔާސީ މަސައްކަތްޕުޅާއި އެންމެ ގާތުގައި ހުންނެވި ޔުމްނާ ވިދާޅުވިއެވެ.